ކެމަރޫންއިން ވޯލްޑް ކަޕް ނިންމާލީ ބްރެޒިލް ބަލިކުރުމުގެ ހިތްހަމަޖެހުމާއިއެކު

ބްރެޒިލްއާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ކެމަރޫންއިން ފަޚުރުވެރި މޮޅެއް ހޯދި ނަމަވެސް މުބާރާތުން ކަޓައިފިއެވެ.

ފަހު މެޗުގައި ކެމަރޫން ވާދަކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު، ބްރެޒިލްއާ ދެކޮޅަށެވެ. މި މެޗުން ކެމަރޫން މޮޅުވިއިރު މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް، އެފްރިކާ ބައްރުގެ ޓީމަކުން ބްރެޒިލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. މި ތާރީޚީ މޮޅު ކެމަރޫންއިން ހޯދިއިރު، މިއީ ކެމަރޫންއިން ފުޓުބޯޅައިގެ ތާރީޚުގައި ބްރެޒިލް ބަލިކުރި ދެވަނަ ފަހަރެވެ. މީގެކުރިން 2003 ވަނަ އަހަރު ކެމަރޫނުން ވަނީ ފީފާ ކޮންފަޑެރޭޝަންސް ކަޕުގައި ބްރެޒިލް ބަލިކޮށްފައެވެ.

ފަޚުރުވެރި މޮޅެއް ކެމަރޫނުން ހޯދި މިމެޗު އެޓީމުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗާއި ކުރިމަތިލިއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، ބްރެޒިލްއިން ފުރަތަަމަ 11 އަށް ނުވަ ބަދަލެއް ގެނެސްފައިވެއެވެ. މެޗުގައި ބްރެޒިލްއިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މި މެޗުގައި ޖުމްލަ 21 ހަމަލާއެއް ބްރެޒިލްގެ ކުޅުންތެރިން އުފެއްދިއިރު، އެޓީމަށް ނުވި ކަމަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. 11 ހަމަލާގެ ތެރެއިން ހަތް ހަމަލާއެއް ބްރެޒިލްގެ ކުޅުންތެރިން ވަނީ އޮން ޓާގެޓަށް ފޮނުވާލާފައެވެ.

މުޅި މެޗުގައިވެސް ކެމަރޫނަށް އުފެއްދުނީ ހަތް ހަމަލާއެކެވެ. އޭގެތެރެއިން އޮން ޓާގެޓަށް ފޮނުވާލެވުނީ ތިން ހަމަލާއެކެވެ.

ބްރެޒިލްއާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ޑިފެންސިވް މޮޅު ގޭމެއް ކެމަރޫނުންއިން ކުޅުނު މިމެޗުގައި އެޓީމުގެ ކީޕަރު ޑެވިސް އެޕާސީގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔައެވެ. މެޗުގައި ބްރެޒިލްއަށް ލަނޑު ނުޖެހުމުގައި އެންމެ އިސް ދައުރެއް އަދާކުރީވެސް ކީޕަރު ޑެވިސް އެޕާސީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އެއީއެވެ.

ކެޕްޝަން..

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މިއީ ކެމަރޫނުން ސާބިއާއާ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވި މެޗުގައިވެސް ތަފާތު ދެއްކި، ވިންސެންޓް އަބޫބަކުރު ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. މި ލަނޑު ކާމިޔާބު ކުރުމަށްފަހު އުފާ ފާޅުކުރުމުގެ ތެރޭގައި، ލަނޑުގެ ކުރިންވެސް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، އެކަމަށް ބެލުމެއްނެތި އަބޫބަކުރު ވަނީ ޖާޒީ ބާލާފައެވެ. މިއާއެކު ދެވަނަ ރީނދޫ ކާޑެއް ދައްކައި ރެފްރީ ވަނީ ދަނޑުން އަބޫބަކުރު ބާލާފައެވެ.

ބްރެޒިލްއާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި ލަނޑާއިއެކު ފީފާ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ބްރެޒިލް ކޮޅަށް ލަނޑު ޖެހި އެފްރިކާ ބައްރުގެ ތިންވަނަ ކުޅުންތެރިޔާއަށް އަބޫބަކުރު ވަނީ ވެފައެވެ. މީގެކުރިން ވޯލްޑް ކަޕެއްގައި ބްރެޒިލް ކޮޅަށް ލަނޑުޖެހި އެފްރިކާ ބައްރުގެ ކުޅުންތެރިންނަކީ ޑިޑިއޭ ޑްރޮގްބާއާއި ޖޮއެލް މަޓިޕް އެވެ. މަޓިޕް އަކީވެސް ކެމަރޫންގެ ކުޅުންތެރިއެކެވެ.

މި މެޗުން ބްރެޒިލްގެ މައްޗަށް ކެމަރޫނަށް ކުރި ލިބުނު ނަމަވެސް، އެޓީމަށް މުބާރާތުން ވަކިވާން ޖެހުނީ ތާވަލުގައި ތިންވަނަ ލިބުނީމައެވެ. ކެމަރޫނަށް ތާވަލުގެ ތިންވަނަ ލިބެނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓު ހޯދާފައިވާ ސްވިޒަލެންޑެވެ. އެއްވަނައިގައި އޮތް ބްރެޒިލަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ސްވިޒަލެންޑުގެ މައްޗަށް ބްރެޒިލްއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތީ ސާބިއާއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި ބްރެޒިލް ބައްދަލު ކުރާނީ ގްރޫޕް އެޗްގެ ދެވަނަ ހޯދި ސައުތު ކޮރެއާއާ އެވެ. ސްވިޒަލެންޑު ކުޅެން ޖެހޭނީ އެ ގުރޫޕުގެ އެއްވަނަ، ޕޯޗުގަލްއާ ދެކޮޅަށެވެ.

comment ކޮމެންޓް