ގާނާގެ ކިބައިން މަޢާފަށް ނޭދޭނަން: ސުއަރޭޒް

2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ގާނާއާއި އުރުގުއާއި ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ޖީޑަބްލިއު

ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ގާނާއާއި އުރުގުއާއި ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޢާފަށް އެދެން ޖެހޭކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެކަން ނުކުރާނެކަމަށް، އުރުގުއާއިގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

އެފަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައިން ގާނާ ކަޓައިގެން ދިއުމުގައި ސުއަރޭޒްގެ ދައުރެއްވެއެވެ. ގާނާއާއި އުރުގުއާއި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ކުރިހޯދައިގެން ސެމީގެ ޖާގައެއް ހޯދީ އުރުގުއާއި އެވެ.

ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމު އޮވެ މެޗުގެ ފުރިހަމަވަގުތު ހަމަވުމުން، އިތުރުވަގުތުގެ ދެހާފު ކުޅުނުއިރު، އިތުރުވަގުތުގެ ދެވަނަ ހާފުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ގާނާގެ ކުޅުންތެރިން ވަނީ އުރުގުއާއިގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

އުރުގުއާއިގެ ކީޕަރުވެސް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި ގާނާގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާ، ގޯލު ލައިނުމަތިން ކަހަލަ ގޮތަކަށް ހުއްޓުވީ ސުއަރޭޒްއެވެ. އެހެންނަމަވެސް ސުއަރޭޒް މި ބޯޅަ ގޯލަށް ވަނުން ހުއްޓުވީ، އޭނާގެ އަތުން ބޯޅައަށް ހުރަސް އަޅައިގެންނެވެ. މިއާއެކު ރެފްރީ ވަނީ ސުއަރޭޒަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ގާނާއާއި އުރުގުއާއި ބައްދަލުކުރި މެޗުގެ ތެރެއިން --

މެޗުގެ އެންމެފަހު ސުކުންތުކޮޅުގެ ތެރޭގައި ގާނާއަށް ލިބުނު ޕެނަލްޓީ ފޮނުވާލީ އަސަމޯއާ ގަޔާންއެވެ. އޭނާ ފޮނުވާލި ބޯލަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ މަންޒަރު ބަލަން ހުރެފައި ސުއަރޭޒް ވަނީ، ބެންޗު ކައިރީގައި ހުރެ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ.

ގާނާގެ ރައްޔިތުންގެ ހިތުގައި ސުއަރޭޒާ މެދު ނަފްރަތު އުފެދި، ރުޅިވެރިކަން އަމާޒުވީ އޭނާ އުފާ ފާޅުކުރި ގޮތާއިމެދު ހިތްހަމަ ނުޖެހިގެންނެވެ.

އޭގެފަހުން މިހާތަނަށް މި ދެ ޓީމު ކުރިމަތިލާފައި ނުވާއިރު، މިފަހަރުގެ ވޯލްޑް ކަޕުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ދެ ޓީމު މިވަނީ ކުރިމަތިލާން ޖެހިފައެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00 ގައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނާގެ ނޫސްވެރިއަކު ވަނީ، 2010 ވަނަ އަހަރު ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ސުއަރޭޒާ ސުވާލުކޮށްފައެވެ. ޖަވާބުގައި ސުއަރޭޒް ބުނީ، އެކަމާއި ދެރަ ނުވާ ކަމަށާއި، އެކަމަށް މަޢާފަށް ނޭދޭނެ ކަމަށެވެ.

ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގާނާއާއި އުރުގުއާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

އޭނާ ކުރި ފައުލެއްގެ ސަބަބުން ކުޅުންތެރިއަކަށް އަނިޔާއެއް ލިބުނު ނަމަ މަޢާފަށް އެދޭނެ ކަމަށާއި، ބޯޅައިގައި އަތުން ޖައްސައިގެން ރަތް ކާޑެއް ލިބުނަސް، ޓީމަށް އެކަމުގެ ފައިދާ ކުރާނަމަ އެކަމަށް މަޢާފަށް އެދެން ޖެހޭނެކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ސުއަރޭޒް ބުންޏެވެ.

މީގެއިތުރުން ސުއަރޭޒް ބުނީ، އެ މުބާރާތުން ގާނާ ކެޓުން އެއީ އޭނާގެ ކުށެއްކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެއީ ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިޔާގެ މައްސަލައެއް ކަމަށެވެ.

12 އަހަރަށްފަހު ފުޓުބޯޅައިގެ އެންމެ މަތީ ސްޓޭޖުގައި، އެންމެ މުހިންމު އެއް މެޗުގައި މި ދެޓީމު ބައްދަލުކުރާއިރު، މި މެޗު ކާމިޔާބު ކޮށްލައިގެން ގާނާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. އެހެންނަމަވެސް މެޗުން އުރުގުއާއި މޮޅުވި ނަމަވެސް، މި ގުރޫޕުގައި ދެން ކުޅޭ މެޗުގައި، ޕޯޗުގަލް އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ ނަމަ، ސައުތު ކޮރެއާއާއި އުރުގުއާއިއާ ދެ ޓީމުގެ ތެރެއިން ކުރި ލިބޭނީ ލަނޑުގެ ތަފާތުން ކުރި ލިބޭ ޓީމަކަށެވެ.

މި ގުރޫޕުގެ މިވަގުތުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު، ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށް ތާވަލުގެ އެއްވަނައިގައި އޮތީ ޕޯޗުގަލްއެވެ. ދެވަނައިގައި ގާނާ އޮތީ ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ސައުތު ކޮރެއާއަށް އަދި ހަތަރުވަނައިގައި އޮތް އުރުގުއާއިއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް މިހާރުވެސް ކަށަވަރު ވަނީ ޕޯޗުގަލް އަށެވެ. އެޓީމުން ސައުތު ކޮރެއާއާ ދެކޮޅަށް ނުކުންނާނީ ގުރޫޕުގެ އެއްވަނަ ކަށަވަރު ކުރުމަށެވެ.

comment ކޮމެންޓް