މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅުން އަތުލައިގެން މަސްތުވާތަކެތި --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ނ. ވެލިދޫގައި މިއަދު ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

ހަމައެއާއެކު އިއްޔެ ނ. މަނަދޫގައި ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ އަންހެނަކާއި 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ނުވަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ޅޮހި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ އޮޕަރޭޝަންވެސް ހިންގާފައިވަނީ އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް އަދި ނ. އަތޮޅު ފުލުހުން ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

comment ކޮމެންޓް