އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލައިފި

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން އެ ޕާޓީގެ ރައީސް ކާނަލް ނާޒިމް މިއަދު "ސަން"އަށް ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެ ޕާޓީން ކުރާ އެންމެ މުހިންމު މަސައްކަތްކަމަށެވެ.

އަދި ޕާޓީ އުފެދުނު އިރު ތިބި މެމްބަރުންނަށާއި ފަހުން އަލަށް ގުޅުނު މެމްބަރުންނަށް ވެސް ޕްރައިމަރީގައި ވާދަކުރެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ. ޕްރައިމަރީގައި އޭނާ ވެސް ވާދަކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ވާދަކުރާނަން. އަޅުގަނޑު ކުރިމަތިލާ ގޮތަށް އޮތީ. ހަމަ ކޮންމެ މީހަކަަށް ވެސް އެ ފުރުސަތު އެބައޮތް. އަޅުގަނޑުމެންގެ ޕާޓީ ހިނގާނީ ވަަރަށް ޑިމޮކުރަޓިކް އުސޫލަކުން. އަޅުގަނޑުމެންގެ ތެރޭ ބޭއްވޭ ވޯޓަކުން ކާމިޔާބު ހޯދަން ޖެހޭނީ،" ނާޒިމް ވިދާޅުވިއެވެ.

މިއަދު އެ ޕާޓީން ކުރި އިއުލާނެއްގައިވަނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން އެ ކަމަށް ބޭނުންވާ ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.

އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހު 14ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ޕާޓީގެ އޮފީހަށް ނުވަަތަ އެ ޕާޓީގެ ރަސްމީ މެއިލަށް ހުށަހަޅަން ޖެހޭނެކަމަށް އެ އިއުލާނުގައިވެއެވެ.

comment ކޮމެންޓް