ވިލާ ކޮލެޖުން މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ހިންގަނީ

މެލޭޝިއާގެ ޓޭލާސް ޔުނިވަރސިޓީގެ ބައެއް ކޯސްތައް ވިލާ ކޮލެޖުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ ވިލާ ކޮލެޖުން މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ކުރިއަށްގެންދަން ނިންމައި އެކަން ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ވިލާ ކޮލެޖުން މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ކުރިއަށްގެންދިއުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަކްޗާ މުހައްމަދު އަސްލަމެވެ.

މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ވިލާ ކޮލެޖުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ނާއިލް ހުސައިން

ވިލާ ކޮލެޖުން ވަނީ ޓޭލާސް ޔުނިވާސިޓީގެ ފަސް ކޯހެއް އެ ކޮލެޖުގައި ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

  • ބެޗިލާ އޮފް މާސް ކޮމިޔުނިކޭޝަންސް
  • މާސްޓާސް އިން ކޮމިޔުނިކޭޝަންސް
  • ބެޗިލާ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖްމަންޓް
  • މާސްޓާސް އިން އިންޓަރނޭޝަނަލް ހޮސްޕިޓާލިޓީ
  • ބެޗިލާ އޮފް އިންޓަރނޭޝަނަލް ކަލިނަރީ މެނޭޖްމަންޓް

މި ރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ނޯންނަ ކަމަށާއި، ސަރުކާރުގެ ސްކޯލާޝިޕެއް ލިބިގެން ނޫނީ އާއްމު ރައްޔިތަކަށް މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށްވެސް ނުދެވޭކަމަށެވެ.

މިއަދު އެ ޒަމާން ބަދަލުވެއްޖެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ޤައުމުގައި ތިބެގެންވެސް މިއަދު ބޭރުގެ ޔުނިވާސިޓީތަކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައިވާ ކަމަށެވެ. މީގެ އިތުރުން މަތީ ތައުލީމް ހާސިލް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތުތައްވެސް މިހާރު ފަސޭހަކަމާއިއެކު ފަހިވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ މަތީ ތައުލީމަށް. ތައުލީމާ ބެހޭ ވުޒާރާއެއް އޮއްވައި ހަޔާ އެޑިއުކޭޝަނަށް ވަކިން ހާއްސަ މިނިސްޓްރީއެއް އުފެއްދީވެސް ސަރުކާރުން މިކަމަށް ދޭ އަހަމިއްޔަތުކަން ބޮޑުކަމުން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މެލޭޝިއާގެ ޓޭލާސް ޔުނިވަރސިޓީގެ ބައެއް ކޯސްތައް ވިލާ ކޮލެޖުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރު ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ ނާއިލް ހުސައިން

ވިލާ ކޮލެޖުން މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ކުރިއަށްގެންދިއުމަށް ނިންމުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިކަމަކީ ޚާއްސަ ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވަޒީފާ އަދާކުރާ ގިނަ މީހުންނަކީ ބޭރުމީހުން. މިއީ އަޅުގަނޑުމެންގެ ވަރަށްބޮޑު ކަންބޮޑުވުމެއް. ބޭރު ޔުނިވާސިޓީތަކުގެ ހޮސްޕިޓާލިޓީ ދާއިރާގެ ކޯސްތައް ރާއްޖޭގައި ފެށިގެން ދިއުމުން މިކަމަށް ހައްލެއް ލިބިގެންދާނޭކަމަށް ޔަޤީންކުރަން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޭލާސް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ މައިކަލް ޑްރިސްކޮލް ވިދާޅުވީ، ވިލާ ކޮލެޖާއި އެ ޔުނިވާސިޓީ އާ ދެމެދު ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ގާތްގުޅުމެއް އުފެދިފައިވާކަމަށެވެ. މިގޮތުން މިދިޔަ 15 އަހަރެއްހާ ދުވަހުގެ ތެރޭގައި ވިލާ ކޮލެޖުގެ ބައެއް ދަރިވަރުން ހޮސްޕިޓާލިޓީ ދާއިރާގެ ވަކިކަހަލަ ކޯސްތައް ކުރިއަށްގެންދިއުމަށް ޓޭލާސް ޔުނިވަރސިޓީގެ ޕްރޮގްރާމުތަކިގައި ބައިވެރިވެފައިވާކަމަށެވެ.

އަދި ޓެއިލާސް ޔުނިވާސިޓީގެ ބޭފުޅުންވެސް އެކި ފަހަރުމަތިން ވިލާ ކޮލެޖަށް ޒިޔާރަތްކޮށްފައިވާކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ. އެހެކަމުން ވިލާ ކޮލެޖާއި، ޓޭލާސް ޔުނިވާސިޓީ އާދެމެދު އޮންނަނީ ވަރަށް ޚާއްސަ ގާތް ގުޅުމެއްކަމަށްވެސް ޕްރޮފެސަރު ފާހަގަކުރެއްވިއެވެ.

މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ވިލާ ކޮލެޖުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޭލާސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ މައިކަލް ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ ނާއިލް ހުސައިން

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ އަލީ ނަޖީބު ވިދާޅުވީ، ޓޭލާސް ޔުނިވާސިޓީގެ މި ކޯސްތަކާއިއެކު ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. ސަބަބަކީ ޓޭލާސް ޔުނިވަރސީޓީގެ ހޮސްޕިޓާލިޓީ ދާއިރާގެ ކޯސްތަކަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ މަތީ ދަރަޖައިގެ ކޯސްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ޓޭލާސް ޔުނިވާސިޓީގެ އިތުރު ކޯސްތައް ވިލާ ކޮލެޖުން އޮފާ ކުރާނޭކަމަށެވެ.

މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބައެއް ކޯސްތައް ވިލާ ކޮލެޖުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ އަލީ ނަޖީބު ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ ނާއިލް ހުސައިން

ވިލާ ކޮލެޖުން މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ފަށާފައިވާއިރު، އެ ކޮލެޖުން މިހާރުވެސް އަންނަނީ އިނގިރޭސިވިލާތުގެ ބްރިސްޓޯލް ޔުނިވަރސިޓީ، މެލޭޝިއާގެ އޯޕަން ޔުނިވަާސިޓީ، އަދި ޗާޓެޑް އިނިސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ)ގެ ކޯސްތައްވެސް ހިންގަމުންނެވެ.

comment ކޮމެންޓް