އާ އުސްމިންތަކަކަށް ދާން އިލްމީ މީހުންގެ ޚިޔާލު ބޭނުން: ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙުމަދު: ވިދާޅުވީ އާ އުސްމިންތަކަށް ދިއުމުގައި ގާބިލު މީހުންގެ ހިއްސާ ބޮޑު ކަމަށް -- ފޮޓޯ/ ސަރުކާރު

ތަރައްގީގެ ރޮނގުން އާ އުސްމިންތަކަކަށް ދިވެހިރާއްޖެ ގެންދިއުމުގައި ދަސްވެނިވާ އިލްމީ، ގާބިލު މީހުންގެ ހިއްސާ ބޮޑު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙުމަދު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެ ފަދައިން ވިދާޅުވީ، އިއްޔެ ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަސްވެނިވި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ތައުލީމީ ޒުވާނުންގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ. މުޅި ރާއްޖެ އިންތިޒާރުކުރަނީ ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންގެ ތަނަވަސް ޚިޔާލުތަކާއި، އެ ދަރިވަރުންގެ އުންމީދީ ތަސައްވުރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިނިސްޓަރު ވިދާޅުވީ ދަސްވެނިންގެ ބޭނުން ޖެހިފައިވާ ކަމަށް -- ފޮޓޯ/ ސަރުކާރު

މީގެ އިތުރުން، ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރުމުގައި މި ދުވަސްކޮޅަކީ މުހިންމު ދުވަސްކޮޅެއް ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓަ ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ފެއްޓުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށާއި، އެ ކަމަށް ތައުލީމީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަމަކީ ހަމައެކަނި އުމްރާނީ ތަރައްގީ ހާސިލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން. މިކަން ވެގެންދާނީ ރާއްޖޭގެ އިޤުތިސާދު ބަރޯސާވެފައިވާ ބޮޑެތި ސިނައަތްތަކާއި އަދި އަލަށް ތައާރަފުކުރެވޭނެ ސިނާއަތްތައް ވެސް ތަރައްޤީކުރުމުގައި ވަކި އަމާޒުތަކަކާއި ލަނޑުދަނޑިތަކެއް އޮވެގެން ޤައުމީ މަސައްކަތްތަކެއް ކުރުމަށް ރާވާލެވޭ ދިގުމުއްދަތުގެ މަގުޗާޓަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުން ކަމަށްވާއިރު، ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންނަކީ އެ ފިކުރީ ތަރައްޤީ ގެނައުމުގެ ބައިވެރިންކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް މުއިއްޒު އދ ގެ އާންމު މަޖިލީހުގެ 79ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި 2040 ވަނަ އަހަރުގައި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމުގެ އަމާޒު ހާމަކުރެއްވިއެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށް ފަންނީ އެކި ރޮނގުތަކުން ދަސްވެވެނިވާ އަދި ދަސްވެނިވެފައިވާ ތައުލީމީ ޒުވާނުންގެ ބައިވެރިވުން ނުހަނު ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ފަދަ އުސްމިންތަކަކަށް ރާއްޖެ ގެންދިއުމުގައި އެންމެހާ ދިވެހި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އަމަލީ މަސައްކަތް ބޭނުންވާނެ. ވަކިން ޚާއްސަކޮށް ތިޔަ ދަސްވެނިން ފަދަ އިލްމީ ގާބިލު ރައްޔިތުންގެ ހިއްސާ ބޮޑު،" މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ދެ ރަސްމިއްޔާތުގައި ޖުމުލަ 796 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ވިލާ ކޮލެޖަކީ އަމިއްލަ ކޮލެޖުތަކުގެ ތެރެެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާ އެއް ކޮލެޖެވެ.

comment ކޮމެންޓް