މީހުން ތަމްރީނު ކުރަން ފެނެކައާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެ ކުންފުންޏާއި ވިލާ ކޮލެޖާއި ދެމެދު ފަހުމުނާގައި ސޮއި ކުރުން -- ފޮޓޯ/ ވިލާ ކޮލެޖު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި މި ސިނާއަތާ ގުޅުންހުރި ދިރާސާތައް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"މި ފަހުމުނާމާގެ ދަށުން މުވައްޒަފުންނަށް ތަފާތު ތަމްރީނުތައް ހިންގުމާއި ވަކިން ޚާއްސަކޮށް ޓެކްނިކަލް މުވައްޒަފުންނަށް ޔޫއާރްއޭ މިންގަނޑަކަށް ސެޓިފިކޭޝަން ދިނުމަށް ވަނީ ހަމަޖެހިފައި" ކަމަށް ފެނަކައިގެ ފަރާތުން ބުންޏެވެ.

މި ފަހުމުނާމާގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.

މި އަހަރުގެ ތެރޭގައިވަނީ ފެނަކައާއި ޕޮލިޓެކްނިކާ ދެމެދު ވެސް މީހުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއް ހަދާފައެވެ.

ފެނަކައިން އޭރު ބުނީ ޕޮލިޓެކްނިކްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާއި، ފެނާއި ނަރުދަމާގެ ޤާނޫނައި، ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ޤަވާއިދަށް ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއްހަމަކުރުމަށާއި، ޕޮލިޓެކްނިކްގެ ދަސްވާރުންނަށް "އިންޑަސްޓިރިއަލް އެކްސްޕީރިއެންސް" ހޯދައިދިނުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

comment ކޮމެންޓް