ދަރިވަރުންގެ ވެހިކަލްތައް ޓޯކުރާ މައްސަލައަށް ހައްލެއް ނުލިބޭތީ ކުޑޫގެ ކަންބޮޑުވުން

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރައްވަނީ: އޭނާ ވަނީ ދަރިވަރުންގެ ވެހިކަލްތައް ޓޯކުރާ މައްސަލައަށް ހައްލެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާއި ވިލާ ކޮލެޖު ކެމްޕަސް ކައިރީ ދަރިވަރުން ޕާކުކުރާ އުޅަނދުތައް، ކުލާސް ގަޑިތަކުގައި ޓޯކުރާ މައްސަލައަށް ހައްލެއް ނުލިބޭތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ކުޑޫ ވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ސިޓީއެއް ފޮނުއްވާފައެވެ.

އެހެންނަމަވެސް އެ ސިޓީ ފޮނުވިތާ އިއްޔެއަށް މަހެއްވީއިރުވެސް އެއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އޭނާ ވަނީ ކަންބޮވުން ފާޅުކުރައްވާފައެވެ. އެކަން ފާހަގަކުރައްވާ އޭނާ ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ "މާލީ ބުރަ ދަރިވަރުންގެ ބޮލުގައި ނާޅަން" ގޮވާލައްވާފައެވެ.

ސީޕީއަށް މީގެ އެއް މަސް ކުރިން ފޮނުވި ސިޓީގައި ވަނީ، ވިލާ ކޮލެޖު ހިމެނޭ ސަރަހައްދަކީ އުނގަންނައިދޭ މަރުކަޒުތައް ގިނަ ހިސާބަކަށް ވާތީ، އެ ސަރަހައްދުގައި ހިމެނޭ އެހެނިހެން ތަންތަނުގައި ދަރިވަރުން ޕާކުކުރާކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ހުޅުމާލެއިން މާލެއަށް އަންނަ ދަރިވަރުން ޕާކުކުރާނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ވެހިކަލްތައް ޓޯ ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

އެ ސައިކަލުތައް ޓޯކުރުމުގެ ބަދަލުގައި ވެރިފަރާތަށް ގުޅައި، ފުލުހުން ދޭ ވަގުތުކޮޅެއްގެ ތެރޭގައި އުޅަނދު ނެގުމަށް އެންގުމުގެ ފުރުސަތު އޮންނާނެކަމަށް ގަބޫލުކުރައްވާ ކަމަށް ކުޑޫ އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ހުޅުމާލެއިން ކިޔަވަން އަންނަ ކުދިންގެ ކިޔެވުން ރޭގަނޑު 11 ޖަހާފަހުން ނިމޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އޭގެ ފަހުން ޓޯކުރެވިފައިވާ ވެހިކަލެއް ދޫކުރާނޭ ނިޒާމެއް ކަނޑައެޅިފައިނުވާތީ ކިޔަވަން އަންނަ ކުދިންނަށް އިތުރު ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށެވެ.

އަދި ކިޔަވަމުންދާ ކުދިންތަކެއް އުނގެނުމަށްޓަކައި އެމީހުންގެ މަރުކަޒުތަކަށް ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ނުބައްދަލު މާލީ ބުރައެއް އުފުލަންޖެހިފައިވާކަމުގައި ވަރަށް ގިނަ ކުދިން ފާހަގަކޮށްފައިވޭ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

އެހެންކަމުން ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިމާވަމުންދާ ދަތިތަކާ މެދު ވިސްނައި އެ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ޕާކިން ސަރުކާރުން އިންތިޒާމުކޮށްދެވެންދެން ކިޔަވާކުދިން ގިނަވާ ގަޑިތަކުގައި އެއަށްވުރެ ލުއިގޮތަކަށް ޓޯކުރާ ނިޒާމު ބައްޓަންކުރުމަށް އޭނާ ވަނީ އެދިފައެވެ.

އަދި އެ ސަރަހައްދުން ޓޯކުރާ އުޅަނދުތައް ފަސޭހަކަމާއެކު އެ ކުދިންނަށް އަނބުރާ ލިބޭނެ ނިޒާމެއް ހަމަޖައްސައި ވީވަރަކުން އެ ސަރަހައްދުން ކިޔަވާކުދިން ޖޫރިމަނާ ނުކުރުމަށް ވެސް ވަނީ އެދިފައެވެ.

މި ފަހުން މާލެއާއި ހުޅުމާލޭގައި ވެސް ވަނީ ވެހިކަލްތައް ޓޯކުރަން ފަށައިފައެވެ. މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރަޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ.

މާލެ ސަރަހައްދުގައި ނުގަވައިދުން ހުރި އުޅަނދުތައް ޓޯ ކުރުމުގެ ބަދަލުގައި ހުޅުމާލެއިން ކަނޑައަޅާ ވަކި ބިމަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މި ފަހުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު މާލޭގެ މުހިންމު ބައެއް ކަންމަތިތަކުގައި 'ރެޑްލައިން' ދަމަން ނިންމައިފައިވާ ކަމަށާއި، އެއަށްފަހު އެ ލައިން މަތީގައި ޕާކުކުރާ އުޅަނދުތައް ފުލުހުން ގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި ފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް