ޕޮލެންޑު ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް

ގޯލު ޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -----

ފީފާ ވޯލްޑްކަޕްގައި ޕޮލެންޑު ބަލިކޮށް އާޖެންޓީނާއިން ދެވަނަ ބުރުގެ ޖާގައެެއް ކަށަވަރު ކޮށްފިއެވެ.

ސްޓޭޑިއަމް 974 ގައި ކުޅުނު އެ މެޗުން އާޖެންޓީނާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އާޖެންޓީނާގެ ފަރާތުން، ޓީމެއްގެ ގޮތުގައި މޮޅަށް ކުޅުނު އިރު، ގިނަ ހަމަލާތަކެއް ވެސް އުފައްދާފައި ވެއެވެ. މި ހަމަލާތައް ހުއްޓުވުމުގައި ޕޮލެންޑުގެ ކީޕަރު ޝެޒްނީ ވަނީ ތަފާތު ދައްކާފައެވެ.

އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި އާޖެންޓީނާގެ ކުޅުންތެރިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ލިއޮނަލް މެސީ ފޮނުވާލި ހަމަލާ ދިފާއުކުރީ ކީޕަރު ޝެޒްނީއެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ޕޮލެންޑު އޭރިއާތެރެއަށް ވަދެ މެސީ ފޮނުވާލި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ވެސް ޝެޒްނީއެވެ.

ފުރަތަމަ ހާފުގެ ތެރޭގައި އާޖެންޓީނާ އަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 37 ވަނަ މިނެޓުގައެވެ. އެއީ އޭރިއާ ތެރެއިން ކެޕްޓަން މެސީ އަށް ޕޮލެންޑުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައެވެ. އެހެންނަމަވެސް، ލީޑު ނަގަން އާޖެންޓީނާ އަށް ލިބުނު ފުރުސަތުގައި މެސީ ފޮނުވާލި ޕެނަލްޓީ އަށްވެސް ޝެޒްނީ ވަނީ ހުރަސް އަޅާފައެވެ.

މެޗުގައި މެސީ އަށް ލަނޑޫ ޖެހުމަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޝެޒްނީ އެވެ.

އާޖެންޓީނާއާއި ޕޮލެންޑު ބައްދަލުކުރި މެޗުގެ ތެރެއިން---

ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެވަނަ ހާފު ދެ ޓީމުން ފެށި ނަމަވެސް، މިހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ވަނީ ލީޑު ނަގާފައެވެ. އާޖެންޓީނާ އިން ލީޑު ނެގީ، ޕޮޮލެންޑުގެ އޭރިއާ ބޭރުން މޮލީނާ ނެގި ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި، މެކް އެލިސްޓާ ޖެހި ލަނޑަކުންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ދެވަނަ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މިއީ އެންޒޯ ފެނާންޑޭޒް ތަނަވަސްކުރި ފުރުސަތަކުން ޖޫލިއަން އަލްވަރޭޒް، ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު އާޖެންޓީނާ ވަނީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ. އެ ޓީމު ދެވަނަ ބުރަށް ދިޔައީ ތިން މެޗު ކުޅެ ހަ ޕޮއިންޓު ހޯދައިގެންނެވެ.

އެ ގްރޫޕްން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ޕޮލެންޑެވެ. އެ ޓީމު ދެވަނަ ބުރަށް ދިޔައީ ތިން މެޗު ކުޅެ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ، ގުރޫޕުގެ ތިންވަނައިގައި އޮތް މެކްސިކޯ އަށްވެސް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. ޕޮލެންޑަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރައުންޑް އޮފް 16 ގައި މި ގުރޫޕުން ވާދަކުރާނެ ޓީމުތައް ކަށަވަރުވެފައި ވާއިރު، އެ ބުރުގައި އާޖެންޓީނާ ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ދެވަނަ ހޯދި ޕޮލެންޑު ނުކުންނާނީ ފްރާންސާއި ދެކޮޅަށެވެ.

comment ކޮމެންޓް