އެންގޭޖްމެންޓް އަނގޮޓި ނަގަން ކަނޑަށް!

ކައިވެންޏެއްގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅާއިރު ކޮންމެ މީހަކު ވެސް އެހެން މީހުންނަށް ވުރެން މާ ތަފާތު ކޮށް އެކަން ކުރަން އުޅެއެވެ. މިފަހަރު ވެސް ތަފާތުކޮށް ކައިވެނި ހުށަހަޅަން އުޅެނިކޮށް ލިބުނީ ބޮޑު ލަނޑެކެވެ. އެމެރިކާގެ މީހެއް ކައިވެންޏަށް ހުށަހަޅައި އަނގޮޓި ދިނުމުގެ ކުރީން އެ ކަނޑަށް ވެއްޓުނު ވާހަކައެއް ވައިރަލް ވެއްޖެއެވެ.

އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ މީހެއް ކަމަށްވާ ސްކޮޓް ކްލައިން، 35، އޭނާ ރަށްޓެހިވެގެން އުޅުނު ސޫޒީ ޓަކާ އަށް ޕްރޮޕޯޒް ކުރުމަށްޓަކައި ވިސްނީ ވަރަށް "ރޮމޭންޓިކް" ހިޔާލެކެވެ. އޭނާ މަސައްކަތް ކުރީ ބޯޓެއްގައި ކަނޑުމަތީގައި ހުރެ ކައިވެނި ހުށަހެޅުމަށެވެ. ނަމަވެސް އެކަން އެންމެ ބޭނުންވި ގޮތަކަށް ނުދިޔައެވެ.

ސޫޒީ ގޮވައިގެން ސްކޮޓް ދިޔައީ ފްލޮރިޑާގެ ގަލްފް ކޯސްޓު ސަރަހައްދެއް ކަމަށްވާ ސެރަސޯޓާއަށެވެ. ސޫޒީ ކައިރީގައި ސްކޮޓް ބުނެފައި ވަނީ ދެމީހުން ބޯޓެއްގައި އިރު އޮއްސޭ މަންޒަރު ބަލަން ދިޔުމަށެވެ. ދެމީހުން ތިބީ ބޯޓުގެ ކުރީކޮޅުގައެވެ. އަދި ސޫޒީ ސަޕްރައިޒްކޮށްލުމަށްފަހު ސްކޮޓް ޖީބުން އަނގޮޓިއެއް އިން ފޮށިގަނޑެއް ނެގިއެވެ.

ނަމަވެސް ދެން ފެނިގެންދަނީ ފޮށިގަނޑު ނަގަނަގާ ހުއްޓާ އެ ފޮށި މޫދަށް ވެއްޓޭ ތަނެވެ. ބަލަން ނުހުރެ ސްކޮޓްވެސް މޫދަށް ފުއްމާލައެވެ. މުޅި ސަޕްރައިޒް އެއްކޮށް ބަދަލުވެ ސޫޒީ އަށް ހެވެނީއެވެ. ނަސީބަކުން ސްކޮޓް ވަނީ އަނގޮޓި ފޮށިގަނޑު އަޑިއަށް ދިޔުމުގެ ކުރީން ނަގާފައެވެ.

އަނެއްކާ ވެސް މޫދުން އަރައި ކައިވެންޏަށް ހުށަހެޅިއެވެ. ދެމީހުން އެކީގައި އަށް އަހަރު އުޅުމަށްފަހު އެންމެފަހުން މިހާރު ކައިވެނި ކުރަން ތައްޔާރުވަނީއެވެ.

comment ކޮމެންޓް