ޑްރަގް ހުރީ ކުރިމަތި ފަރާތުގައި އައްސާފައި, އުމުރަށް ޖަލަށް

ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި-- ސަން ފައިލް ފޮޓޯ

މަސްތުވާތަކެތި ކުރިމަތި ފަރާތުގައި އައްސައިގެން ގެންގުޅުނު މީހަކު އުމުރަށް ޖަލަށް ލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެފައިވަނީ، ކ. ދިއްފުށި، ރާސްތާ، ޙަސަން ޝަފީޤްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ 2019 ވަނަ އަހަރުއެވެ.

އާންމު މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު އޭނާ ހުރީ ބޭންކް އޮފް ސިލޯން ކުރިމަތީގައި އޮތް ލޯންޗެއްގެ ތެރޭގައި މަސްތުގެ ހާލަތުގައެވެ. އެގޮތުން އޭނާ ވާހަކަ ދެއްކިއިރު އަނގައިގައި ވަރު ނެތުމުގެ ސަބަބުން ދައްކާ ވާހަކަ ސާފުނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ފެނުމުން އޭނާގެ އަމަލުތައްހުރި ގޮތުން ހައްޔަރުކޮށްގެން ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ގެންގޮސްފައެވެ. އަދި ހަށިގަނޑު ބަލާ ފާސްކުރަން ބޭނުންވާކަމަށް ބުނުމުން އޭނާ ވަނީ ފުލުހުންނަށް އެއްބާރުލުން ދީފައެވެ.

"މީނާ އަމިއްލައަށް ނަގައި ފުލުހުންނާ ހަވާލުކުރީ މީނާގެ ކުރިމަތިފަރާތުގައި ޓޭޕް އޮޅާ ހަރުކޮށްފައިވާ ރަބަރު ޕެކެޓުގައި 4.4498 ގްރާމް ޑައިމޯފިން ހުރި," ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނާ ގޮތުން, ޑްރަގަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ހަތަރު ގްރާމަށްވުރެ ގިނަ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ ބެލެވޭނީ ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓި ކަމަށެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިންކާރު ކުރި ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށުގެ އުންސުރުތައް ސާބިތުވެފައިވާތީ, ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 25 އަހަރަށް އޭނާ ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް, ގާޒީ މުހައްމަދު މިސްބާހު ކުރެއްވި ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް