އެޕް ސްޓޯރުން ޓްވިޓާ ނަގާނެ ކަމުގެ އިންޒާރު އެޕަލްއިން ދީފި: މަސްކް

އީލޯން މަސްކް ޓްވިޓާއާ ހަވާލުވި ފަހުން އޭނާ ވަނީ އެ ޕްލެޓްފޯމަށް ގިނަ ބަދަލުތަކެއް ގެނެސްފަ -- ފޮޓޯ/ ގެޓީ

އެޕަލްގެ އެޕް ސްޓޯރުން ޓްވިޓާ ނަގާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފައިވާ ކަމަށް ޓްވިޓާގެ ވެރިޔާ އީލޯން މަސްކް ބުނެފިއެވެ.

މަސްކް ކުރި ޓްވީޓުތަކެއް ބުނީ އެޕަލް އެޕް ސްޓޯރުން ޓްވިޓާ ނަގާނެ ކަމަށް ބުނި ކަމަށް ވެސް، އެ ފިޔަވަޅު އަޅާ ސަބަބެއް އެ ކުންފުނިން ހާމަކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެޕަލްއާއި އެ ކުންފުނީގެ ވެރިޔާ ޓިމް ކުކް ވެސް އަދި އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ.

އެޕަލްއާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށް މީގެ ކުރިން ވެސް މަސްކް ވަނީ ޓްވީޓުތަކެއް ކޮށްފައެވެ. އެގޮތުން މީގެ ކުރިން އޭނާ ކުރި ޓްވީޓެއްގައި ވަނީ އެޕަލްއިން ޓްވިޓާގައި އިޝްތިހާރު ކުރުން ހުއްޓާލާފައިވާ ކަމަށާއި އެއީ އެ ކުންފުނިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނަފުރަތު ކުރާތީ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އެޕަލް އެޕް ސްޓޯ މެދުވެރިކޮށް އެ ކުންފުނިން 30 ޕަސެންޓް ކޮމިޝަނެއް ނަގާތީ މަސްކް ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އޭނާ ބުނި ގޮތުގައި އެ ފައިސާއަކީ "ފޮރުވައިގެން ނަގާ 30 ޕަސެންޓް ޓެކްސް"އެކެވެ.

ބްލޫމްބާގްގެ ރިޕޯޓެއްގައި ވާގޮތުން ޓްވިޓާގައި އިޝްތިހާރު ކުރާ އެންމެ ބޮޑު އެއް ކުންފުންޏަކީ އެޕަލް ކަމަށްވާއިރު، އެ ކުންފުނިން އިޝްތިހާރުތަކަށް އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކުރެއެވެ. އެހެންކަމުން އެޕަލްއިން ޓްވިޓާގައި އިޝްތިހާރު ކުރުން ހުއްޓާލައިފި ނަމަ ޓްވިޓާއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެޕަލްއިން ޓްވިޓާއާ ދެކޮޅަށް އަޅާފާނެ ފިޔަވަޅުތަކުގެ ތެރޭގައި އެޕަލް އެޕް ސްޓޯ މެދުވެރިކޮށް ޓްވިޓާ އަޕްޑޭޓު ނުކުރެވޭ ގޮތް ހެދުން ނުވަތަ އެޕް ސްޓޯރުން ޓްވިޓާ އުނިކުރުން ހިމެނެއެވެ. އެޕް ސްޓޯރުން ޓްވިޓާ ނަގައިފި ނަމަ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުންކުރާ 1.5 ބިލިއަނަށް ވުރެ ގިނަ ޑިވައިސްއިން ދެން ޓްވިޓާއަށް ނުވަދެވޭނެއެވެ.

comment ކޮމެންޓް