ވޯލްޑް ކަޕުގައި ބެންޒެމާއަށް ކުޅެވިދާނެ ކަމުގެ އުންމީދެއް

ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައި ވަނިކޮށް ލިބުނު އަނިޔާ އަކާއި ގުޅިގެން، ފްރާންސްގެ ގައުމީ ޓީމުން އެކުލަވާލި ސްކޮޑުން ވަކިވާން ޖެހުނު ނަމަވެސް، މުބާރާތުގެ ވަކި ހިސާބަކުން އޭނާ ސްކޮޑާއި ގުޅި, މެޗުތަކުން ފެނުމުގެ ހަނި ފުރުސަތެއް އެބައޮތް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެނބުރި ޓީމާއި ގުޅޭގޮތުން ފްރާންސްގެ ގައުމީ ޓީމުގެ ކޯޗާއެކު ބެންޒެމާ ވަނީ މަޝްވަރާ ކޮށްފައެވެ.

އަނިޔާގެ ސަބަބުން ސްކޮޑުން ވަކިވާން ޖެހުނު ނަމަވެސް، ފްރާންސް އިން ވޯލްޑް ކަޕަށް ނެގި ސްކޮޑުން އޭނާގެ ނަން ވަކި ކޮށްފައެއް ނުވެއެވެ.

ފްރާންސްގެ މަޝްހޫރު ކުޅިވަރު މީޑިއާ، އާރްއެމްސީ ސްޕޯޓްސް އާއި ހަވާލާދީ ބައެއް މީޑީއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބެންޒެމާ އަށް ލިބިފައިވާ އަނިޔާއިން އޭނާ ގާތްގަނޑަކަށް ރަނގަޅުވެފައިވާއިރު، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އޭނާއަށް އެ އަނިޔާތަކުން އެއްކޮށް ރަނގަޅުވެވޭނެއެވެ.

ފީފާގެ ގަވައިދުތައް ބުނާ ގޮތުން ބެންޒެމާ އަނިޔާ އިން ރަނގަޅުވެ ސްކޮޑާއި ގުޅުމުގެ ފުރުސަތު އެބައޮތެވެ.

ބެންޒެމާ މިވަގުތު ސްޕެއިންގެ މެޑްރިޑުގައި ހުރި އިރު، އޭނާ މަޑުކުރަމުން ދަނީ މެޑްރިޑުގެ ޑޮކްޓަރުންގެ އެޕްރޫވަލް ލިބެންދެންނެވެ. އަދި އެއަށްފަހު ގަތަރަށް ގޮސް، ފްރާންސް ޓީމުގެ ޑޮކްޓަރުން އޭނާގެ އަނިޔާތަކުގެ ތަފްސީލް ބަލައި، ރިކަވަރީ ދެނެގަތުމަށްފަހު، އޭނާއަށް ޓީމާ ގުޅުމުގެ ފުރުސަތު ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ފަދައިން ބެންޒެމާ އަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެ ނަމަ، މިއީ ފްރާންސްގެ މުޅި ޓީމަށާއި، އެ ޓީމުގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ބެންޒެމާ އަކީ 2021/2022 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ އަކީ މިފަހަރުގެ ބެލަންޑޯ އެވޯޑު ހާސިލް ކުރި ކުޅުންތެރިޔާވެސް މެއެވެ.

ރެއާލް މެޑްރިޑުން ފާއިތުވީ ސީޒަނުގައި ހޯދި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔާ އަކީ ބެންޒެމާ އެވެ.

comment ކޮމެންޓް