ހދ. ފިނޭ އާއި މ. މުލީގެ ބަނދަރު އިތުރަށް ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ފިނޭގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އެ މަޝްރޫއަކީ 47މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ އެއްބަސްވުމުގެ ދަށުން 41،332.31 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށާއި 5،848.05 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު 219 މީޓަރަށް ބްރޭކްވޯޓާ ޖެހުމާއި 82 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި 25 މީޓަރަށް ގްރޮއިން ޖެހުމާއި 248 މީޓަރަށް އެއްގަމު ތޮށި ޖެހުމާއި 248 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 90 އަކަ މީޓަރު ރޭންޕެއް ހެދުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި 19 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2198 އަކަ މީޓަރުގެ ޕޭވްމަންޓް ވެސް އެ އެއްބަސްވުމުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި މުލީ ބަނދަރު އަލުން މަރާމާތުކުރުމުގެ މަޝްރޫއު ވެސް 65މިލިއަން ރުފިޔާއަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން 33،888 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމަށާއި 6،254 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި 89 މީޓަރު ރިވެޓްމެންޓް ޖެހުމާއި 479 މީޓަރު އެއްގަމު ތޮށި ޖެހުމާއި 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމަށް އެ އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 100 އަކަ މީޓަރު ރޭންޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ތިން މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި 27 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2370 އަކަ މީޓަރު ޕޭވްމަންޓް ވެސް އެ އެއްބަސްވުމުގެ ދަށުން ހަދާނެއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރ. ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް 17 މިލިއަން ރުފިޔާއަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 157މީޓަރުގެ ރިވެޓްމަންޓާއި 45މީޓަރުގެ ޓީ-ގްރޮއިން އާއި 55މީޓަރުގެ ޓީ-ގްރޮއިންގެ އިތުރުން ގްރޮއިންގެ
ގޮތުގައި 43 މީޓަރު ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.