ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާން ޖެހުނު ދެވަނަ ޓީމަކަށް ކެނެޑާ

ކްރެމަރިޗް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ----

ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ސްޓޭޖާއި ހަމައިން އެންމެ ފުރަތަމަ ވަކިވާން ޖެހުނު ޓީމުތަކުގެ ލިސްޓުގެ ދެވަނަ ޓީމަކަށް ކެނެޑާ ވެއްޖެއެވެ.

36 އަހަރަށްފަހު ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ލިބުނު ކެނެޑާ އަށް މިފަހަރުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ކުރިމަތިވީ ހަނި ނާކާމިޔާބީ އެކެވެ. އެއީ 0-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ދެވަނަ މެޗުގައި، ގަތަރުގެ ޙަލީފާ އިންޓަނޭޝަލް ސްޓޭޑިއަމްގައި ކްރޮއޭޝިއާ އަތުން ކެނެޑާ ބަލިވީ 1-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެ ކެނެޑާ އިން ވަނީ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއީ ކްރޮއޭޝިއާގެ އޭރިއާ ބޭރުން ޓެޖޮން ބުޗްނަން ނެގި ހުރަހަކަށް ވަރަށް ރަނގަޅަށް އަރައި ، ބޮލުން ބޯޅަ ގޯލުގެ ތެެއަށް ވައްދާލައިގެން އަލްފޮންސޯ ޑޭވިސް ކާމިޔާބު ކުރި ލަނޑެކެވެ.

މިއީ މުބާރާތުގެ ތާރީޚުގައި ވެސް ކެނެޑާއިން ޖެހި ފުރަތަމަ ލަނޑެވެ.

އެ ގޯލާއެކު ކްރޮއޭޝިއާގެ ކުޅުން ރަނގަޅުކޮޑް ގޯލެއް ޖެހޭތޯ ކުރި މަސައްކަތުން މެޗުގެ 36 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޕެރިސިޗްގެ އެހީތެރިކަމާއެކު ކްރަމަރިޗް ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން އިތުރު ގޯލެއް ޖަހައ ލީޑު ނެގިއެވެ. މެޗުގެ 44 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބު ކޮށްދިނީ މާކީ ލެވަޖާއެވެ.

ކެނެޑާ އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

މެޗުގެ 70 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހާފައެވެ. އެ ގޯލަކީ ކެނެޑާ އޭރިއާ ތެރޭގައި ހުރެ ކްރެމަރިޗް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އިތުރު ވަގުތުގެ ތެރޭގައި ކެނެޑާގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން މިސްލޯވް އޯސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ލޮވްރޯ މަޔާ ވަނީ ކްރޮއޭޝިއާގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ކްރޮއޭޝިއާ ވަނީ ގްރޫޕް އެފްގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. އެ ގްރޫޕްގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ކްރޮއޭޝިއާ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ތާވަލުގެ ތިން ވަނައިގައި ބެލްޖިއަމް ތިން ޕޮއިންޓާއެކު އޮތް އިރު ތާވަލުގެ ފުލުގައި އޮތް ކެނެޑާ އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް