އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި ވަނީ ސިޔާސީ ބަޖެޓެއް: ޕީޕީއެމް،ޕީއެންސީ

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ މަޖިލީހުގެ ބައެއް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ހަމައެކަނި ސިޔާސީ ވަކި ބޭނުންތަކެއް ހާސިލްކުރުމަށް ހުށަހަޅާފައި އޮތް ބަޖެޓެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ބެހޭގޮތުން ޕީޕީއެމް ކޯލިޝަނުގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ ބަޖެޓަކީ ދިވެހި އިޤްތިޞާދަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށެވެ.

އެގޮތުން ބަޖެޓްގެ އަސާސްތައް ބިނާކޮށްފައި ވަނީ ދިވެހިންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ޚަރަދުކުރަންކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކުރަންޖެހޭ ކަމަށާއި ބަޖެޓުން މަސްވެރިންނަށް ސީދާ ގޮތެއްގައި މަންފާކުރާނޭގޮތަށް މަސްވެރިންގެ ސަބްސިޑީއަށް 297 މިލިއަން ރުފިޔާ އިތުރުކުރުމަށް އިސްލާހް ހުށަހަޅާފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާތައް އިސްކޮށް، ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ގައުމާއި ރައްޔިތުންގެ ހައްގުގައި ޕީޕީއެމް ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތާއީދުކޮށްދެއްވާނޭކަމަށް އުއްމީދުކުރާކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާ ކުރުމަށްފަހު ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ޕީޕީއެމް ކޯލިޝަން ޕާލިމެންޓްރީ ގްރޫޕުން ފާޑުކިޔާފައިވާއުރު، މި ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބާއްވާއިރު، އެ ޖަލްސާގައި ބަޖެޓަށް ވޯޓަށް އަހަން ވަނީ ތާވަލުކޮށްފައެވެ.

comment ކޮމެންޓް