ޔޫރަޕުގެ އެންމެ ބޮޑު ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބޭނުން ކުރަން ފަށައިފި

އިނގިރޭސިވިލާތުގެ އީސްޓް ޔޯކްޝަޔާގެ ކޮޓިންހަމްގައި ގާއިމުކޮށްފައިވާ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް -- ފޮޓޯ/

ޔޫރަޕްގެ އެންމެ ބޮޑު ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބޭނުން ކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ އީސްޓް ޔޯކްޝަޔާގެ ކޮޓިންހަމްގައި ގާއިމުކޮށްފައިވާ އެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމަކީ، ތިން ލައްކައަށް ވުރެ ގިނަ ގޭގައި ދެ ގަޑިއިރުވަންދެން ބޭނުން ކުރެވޭ ވަރަށް ކަރަންޓު ރައްކާ ކުރެވޭ ނިޒާމެކެވެ.

އެ ފެސިލިޓީއަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ހާމަނީ އެނާޖީ ލިމިޓެޑުން ބަލަހައްޓަމުން އަންނަ ފެސިލިޓީއަކަށް ވާއިރު، މިފެސިލިޓީގައި ބޭނުންކުރަނީ ޓެސްލާ މެގަޕެކް ޓެކްނޮލޮޖީއެވެ.

މި ސިސްޓަމުގައި ފަހަރަކު 196 މެގަވޮޓްއާ ހަމައަށް ކަރަންޓު ރައްކާކުރެވޭނެއެވެ. އެއާއެކު ހަކަތަ އުފެއްދުމަށް ޓަކައި، ތިމާވެއްޓަށް ގެއްލުންދެނެވި ބޯޓުދެލި އެންދުން ފަދަ ހަރަކާތްތައް މަދުކޮށް، އިރުގެ އައްޔާއި ވައިން އުފައްދާ ހަކަތަ ރައްކާ ކުރުމަށް އިތުރު އެހީއަކަށް ވާނެއެވެ.

ކޮންމެ ޓެސްލާ މެގަޕެކެއްގައި ވެސް ތިން މެގަވޮޓަށް ވުރެ ގިނައިން ހަކަތަ ރައްކާކުރެވޭ އިރު، ކޮޓިންހަމްގައި ހުންނަ އެނާޖީ ސްޓޯރޭޖް ސިސްޓަމްގައި ބޭނުން ކުރާ މެގަޕެކްގެ އަދަދު ހާމަނީ އިން ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެ ފެސިލިޓީގެ ފޮޓޯތަކުން އެ ތަނުގައި ގިނަ އަދަދެއްގެ މެގަޕެކް ބަހައްޓާފައިވާކަން ހާމަވެއެވެ.

ހާމަނީ އިން ބުނި ގޮތުގައި މި ސިސްޓަމް ބޭނުން ކުރަން ކުރިން ނިންމާފައި އޮތީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ މިއަހަރު ތެރޭ އެއް ފިޔަވަހި ފަަށައި، ދެވަނަ ފިޔަވަހި އަންނަ އަހަރު ތެރޭގައި ފަށާ ގޮތަށެވެ. ނަމަވެސް މި އަހަރުގެ ފިނިމޫސުމުގައި އިނގިރޭސިވިލާތަށް ދިމާވެދާނެ ގޮންޖެހުންތަކަށް ބަލައި، އެ ސިސްޓަމް ބޭނުން ކުރަން ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިނގިރޭސިވިލާތުގެ ގޭސް އެންޑް ކަރަންޓް މާކެޓް (އޮފްޖެމް)އިން ވަނީ، ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން، ކުރިއަށް އޮތް ފިނި މޫސުމުގައި އެގައުމަށް ގޭސް ލިބުން ދަތިވެދާނެ ކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުގައި އުފައްދާ ކަރަންޓުގެ 40 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއް އުފައްދަނީ ގޭހުން ކަމުން، ގޭސް ލިބުން ދަތިވެއްޖެ ނަމަ ކަރަންޓު އުފެއްދުން މަޑުޖެހޭނެއެވެ.

ހާމަނީއިން ވަނީ މިހާރު ބޭނުން ކުރަން ފަށާފައިވާ އެނާޖީ ސްޓޯރޭޖް ސިސްޓަމަކީ ކުރިއަށް އޮތް އަހަރުތަކުގައި އެ ކުންފުނިން ކުރިއަށްގެންދަން ނިންމާފައިވާ މިފަދަ ހަ ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓް ކަމަށް ބުނެފައެވެ.

comment ކޮމެންޓް