ފީފާ ވޯލްޑްކަޕްގައި ސައުތު ކޮރެއާ އަދި އުރުގުއާއީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.
އެ މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިފައިވާއިރު މި މެޗުގައި އުރުގުއާއި އިން ވަނީ ޖުމްލަ 10 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލައިފައެވެ. އަދި ކޮރެއާ ޓީމުން މެޗުގައި ހަތް ހަމަލާއެއް ވަނީ އުފައްދާފައެވެ.
އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ކޮރެއާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ކޮރެއާގެ ހުވަންގް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު މަތިން ބޭރަަށެވެ.
މެޗުގެ 41 ވަނަ މިނެޓުގައި އުރުގުއާއީގެ ޑިއޭގޯ ގޯޑިން ވަނީ ނުުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ އަރިމަތީ ދަނޑިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް އުރުގާއީއަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. އެގޮތުން ފެޑްރީކޯ ވަލްވާޑޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިފާއުކުރީ މެޗުގެ މޮޅު ކުޅުމެއް ދެއްކި ކޮރެއާގެ ކީޕަރު ކިމް ސުއެންގް ގްޔޫއެވެ.
އުރުގުއާއީ އަދި ދެކުނު ކޮރެއާ ހިމެނެނީ ގްރޫޕް އެޗްގައެވެ. ދެން އެ ގްރޫޕްގައި ހިމެނެނީ ގާނާ އަދި ޕޯޗުގަލް އެވެ. ގާނާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުން 2-3 އިން ކުރި ހޯދީ ޕޯޗުގަލް އެވެ.