އަމީނީމަގު ހެދުން ލަސްވުން: އެ ސަރަހައްދުގެ ވިޔަފާރިތައް ބޮޑު ގެއްލުމެއްގެ ތެރޭގައި

އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަކީ ވަރަށް ގިނަ ބައެއްގެ ދުވަސްވީ އުއްމީދެކެވެ. އެ މަގަކީ މާލޭގައި އޮންނަ އެންމެ ބޮޑު އެއް މަގަށް ވެފައި ވަރަށް ގިނަ މީހުން އެ މަގު ބޭނުން ކުރެއެވެ. ނަމަވެސް ވަކި ހިސާބަކަށް މަގު ހެދުމުގެ މަސައްކަތް ކުރުމަށް ފަހު މެދުކަނޑާލުމުން އޭގެ ގެއްލުން އާންމުންނާއި ވިޔަފާރިތަކަށް ދަނީ ލިބެމުންނެވެ.

އާއްމުންގެ އެ ޝަކުވާތަކަށް ނިމުންގެނައުމުގެ ގޮތުން އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާ 39 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކުރީ އާރުޑީސީއަށެވެ. އެއީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އެއީ މި އަހަރުގެ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އަދި އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

https://sun.mv/166331

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަމީނީމަގު ހެދުމުގެ މަސައްކަތް ފެށިތާ ތިން މަސް ފަހުން ބުދަ ދުވަހު އާރުޑީސީން މިވަނީ ވަސީލަތްތައް ލިބުން ތާށިކަމުން އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލައިފައިވާ ކަމަށް ބުނެފައެވެ. އެ ކުންފުނިން އެގޮތަށް އިއުލާން ކުރިއިރު މަގު ހެދުމުގެ މަސައްކަތަށް ތިން މަސްވީއިރު ވެސް މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އަޅައިފައެއް ނުވެއެވެ.

އެ މަސައްކަތް އެހާ ލަސްވަނީ ކީއްވެތޯ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ އެ ހިސާބުގައި ތާރުއެޅުން ފިޔަވައި ކުރަން ޖެހޭ އިތުރު ހުރިހާ މަސައްކަތެއް ކޮށްނިމިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައި ވުމުންނެވެ.

އެ ސަރަހައްދަށް ދުއްވާ އެއްޗެހި ވަދެ ނުކުތުމުގެ ހުއްދަވެސް ވަނީ މިހާރު ދީފައެވެ. އަދި މަގުގައި މިހާރު މަސައްކަތް ކޮށްފައިވާ ސަރަހައްދުތަކުގައި ވެސް ވަނީ ވަޅުގަނޑުތައް ހެދި ޗަކަ ހެދިފައެވެ. ގިނަ މީހުން ބުނާ ގޮތުގައި އެ މަގުގައި ދުއްވާ އެއްޗެހި ދުއްވަން ހުއްދަ ދިނުމަކީ އެ މަގުގައި މިހާރުކޮށްފައިވާ މަސައްކަތްތައް އަލުން ކުރުމަށް މަގުފަހިވެދާނެ ކަމެކެވެ.

އަމީނީމަގު ތަރައްގީކުރަން ފަށާފައިވާ ސަރަހައްދުގައި ސައިކަލެއް ދުއްވާފައި ދަނިކޮށް --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އަމީނީމަގު ނުހެދި ލަސްވަމުންދާތީ، އެސަރަހައްދުގައި އެކި ކަހަލަ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި ވިޔަފާރިކުރާ ފަރާތްތަަކަށް ވަރަށް ބޮޑަށް ދަނީ ގެއްލުން ވަމުންނެވެ.

އެ ސަރަހައްދުގައި ފިހާރަތައް ހިންގާ މީހުން ބުނާގޮތުގައި މަގު އޮތް ގޮތުން ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި މަގުހެދުން އިތުރަށް ލަސްވުމަކީ އެމީހުންނަށް ލިބޭ ގެއްލުން އިތުރުވާނެ ކަމެއް ކަމަށް ބުންޏެވެ.

"އަސްލު ވަރަށް މީހުން ނުވަދޭ މިހާރު . މިދިޔަ ތިން މަހުގައިވެސް. މިތަން އޮތް ގޮތުން. މިހާރު ވެސް އޮތް ގޮތުން. ވިޔަފާރިއަށް ބޮޑު ބަދަލެއް އޭގެން އައީ. ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް ދިޔަ،" އަމީނީމަގު މިހާރު ތަރައްގީކުރުމަށް މަސައްކަތް ފަށާފައިވާ ސަރަހައްދުގައި ހުންނަ ފިހާރައެއްގެ ވެރިޔަކު ބުންޏެވެ.

އެ ސަރައްދަކީ އާއްމުންގެ މެދުގައި މަގުބޫލު ރެސްޓޯރެންޓަކާއި ގިނަ މީހުންނަށް ދާން ފަސޭހަ ކެފޭތައްވެސް ހުންނަ ސަރަހައްދެކެވެ. އެ ކެފޭތަކާއި ރެސްޓޯރެންޓުން ބުނި ގޮތުގައި ކުރީގައި ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައިވެސް މިހާރު އެމީހުންނަކަށް ނުލިބެއެވެ.

އަމީނީމަގު ތަރައްގީކުރަން ފަށާފައިވާ ސަރަހައްދު މިހާރު އޮތްގޮތް --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އޮފީސްތައް ނިންމާފަވެސް ނުވަތަ ބްރޭކް ގަޑީގަވެސް ކުރީގަ ވަރަށް ގިނައިން މީހުން އަންނާނެ. އެކަމު މަގު އެހެން އޮތީމަ މީހުންނަށް އުނދަގޫ ވަނީ ވަންނަން. ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވޭ އަސްލު. އެހާ ބޮޑެތި ގެއްލުން އޭގެ ސަބަބުން ލިބޭތީ،" އަމީނީމަގު ތަރައްގީ ކުރާ ހިސާބުގައި ކެފޭއެއް ހިންގާ މީހަކު ބުންޏެވެ.

މީގެ އިތުރުން އަމީނީމަގު ތަރައްގީކުރަން ފަށާފައިވާ އެ ސަރަހައްދަކީ ސިއްހީ ގޮތުން އެކިކަހަލަ ޚިދުމަތްތަކެއް ދޭ ފެމިލީ ކްލިނިކްވެސް ހުންނަ ސަރަހައްދެވެ. އަމީނީމަގުގެ ހާލަތު މިހާރު އޮތްގޮތުން އެތަނަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ.

"މިތަނުން އެކިކަހަލަ ގިނަ ޚިދުމަތް ލިބޭނެ. ދުވަސްވީ މީހުންނަށް ވެސް. މިސާލަލަކަށް ވީލްޗެއާގެ އުޅޭ މީހަކު މި މަގު އޮތް ގޮތުން ކިހިނެެއް ވައްދާނީ. އެގޮތަށް ކިތަންމެ ބަޔަކު ނުވެދެވިގެން ދިޔަ ހާލަތްތައްވެސް ދިޔަ. އެހެންވީމަ ބައިވަރު އެކަހަލަ ކަންކަން ކުރިމަތިވި. އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވި،" ފެމިލީ ކެއާގެ މެނޭޖަރު ބުންޏެވެ.

އަމީނީމަގު ތަރައްގީކުރަން ފަށާފައިވާ ސަރަހައްދު މިހާރު އޮތްގޮތް --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އޭނާ ބުނި ގޮތުގައި ކުރީގައި ދުވާލެއްގެ މައްޗަކަށް ބަލާއިރު ލިބޭ އާމްދަނީގެ 10 ޕަސެންޓް މިހާރު ދަށަށް ގޮސްފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ވިޔަފާރިކޮށް އަދި އާއްމުންނަށް ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ވިޔަފާރިއަށް ވެސް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ.

އެމީހުންގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލުމެވެ. އަދި އެމީހުންނަށް ވިޔަފާރި ކުރެވޭނެ އަދި އާމްދަނީ އިތުރުވާނެ އަވަސް ގޮތެއް ވެގެން ދިއުމެވެ. ސަބަބަކީ އެ މަސައްކަތް ނުނިމި ލަސްވާކަމަށްވާ ނަމަ އެމީހުންގެ ވިޔަފާރިއަށް ހީ ނުކުރާވަރުގެ ބޮޑު ގެއްލުމެއް ވެދާނެކަމުގެ ބިރު އެމީހުންނަށް އޮތުމުންނެވެ.

comment ކޮމެންޓް