އަމީނީމަގުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

އަމީނީމަގުގައި ތާރުއެޅުމުގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް 210ދުވަސްތެރޭ ނިންމުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އަރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މި މަޝްރޫޢުގެ އަގަކީ 84.4 މިލިއަން ރުފިޔާއެވެ. އެ މަޝްރޫޢުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުގައި މަގުބައްތިޖެހުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަޝްރޫގެ ބަޖެޓު ސަރުކާރުން ހިފައްޓާފައިވާކަމަށް މީގެ ކުރިން މާލޭސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް އާރުޑީސީން ބުނީ އެ މަޝްރޫއު މަޑުޖެހިފައިވަނީ ސިޓީކައުންސިލާ ހިސާބުން ކަމަށެވެ.

comment ކޮމެންޓް