ރަޝިއާގެ ގަދަފަދަ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ރައްޔިތުން އިންސާނީ ގިލަންވެރިކަމެއްގެ ތެރެއަށް

ރަޝިއާގެ ވަރުގަދަ ޙަމަލާތަކުގައި ޔުކްރެއިން މުޅިން ފުނޑުފުނޑުވަނީ

މޮސްކޯ (24 ނޮވެމްބަރު 2022): ރަޝިއާއިން އަނެއްކާވެސް ޔޫކްރެއިންގެ އެތަން މިތަނަށް ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

ޔޫކްރެއިން ބުނާގޮތުން ރަޝިއާ އިއްޔެއާއި ރޭގައިވަނީ 71 މިސައިލް ވެރިރަށް ކިޔޭވްއަށާއި ޔޫކްރެއިންގެ އެހެން ސިޓީތަކަށް ދީފައެވެ. މީގެތެރެއިން 50 ވަރަކަށް މިސައިލް އަމާޒަށް ވާސިލް ވުމުގެކުރިން ވައްޓާލެވުނު ކަމަށް ޔޫކްރެއިންގެ ވައިގެ ދިފާއީ ބާރުތަކުން ބުނެއެވެ.

ރަޝިއާގެ އަސްކަރީ ތަރުޖަމާނު އީގޯރު ކުނަޝިންކޯފް ވިދާޅުވިގޮތުގައި ޔޫކްރެއިންއަށް ދިން މިސައިލް ހަމަލާތައް އަމާޒުކުރީ ޔޫކްރެއިންގެ އަސްކަރީ އިންފްރާސްޓްރަކްޗާ އަށެވެ. ބޭނުމަކީ ޔޫކްރެއިން އަސްކަރީ ގޮތުން އިނދަޖައްސާލައި ސުލްހައިގެ މޭޒުދޮށަށްއައިސް ވާހަކަދައްކައިގެން ނޫނީ މައްސަލަ ހައްލު ނުކުރެވޭނެކަން ޔުކްރެއިން ގެ ޒައާމަތަށް ވިސްނައިދިނުމެވެ.

ރަޝިއާގެ ހަމަލާތަކާބެހޭގޮތުން ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ ހުރިހާ ހަމަލާތަކެއްވެސް އަމާޒުކުރަމުން ގެންދަނީ ޔޫކްރެއިންގެ މަދަނީ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލުމަށެވެ. މިގޮތުން ރަޝިއާ އެކިފަހަރުމަތިން ދެމުންގެންދާ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ކަރަންޓް ވިއުގައާއި ތެލާއި ގޭސް ރައްކާކުރާ މަރުކަޒުތައްފަދަ ހަކަތައިގެ ގިނަ މަރުކަޒުތަކެއް ހަލާކުކޮށް ޔޫކްރެއިންގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިމީހުން ކަރަންޓުން މަހުރޫމްކޮށްފައިވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ފެނަކީވެސް ކަރަންޓުން ފޯރުކޮށްދޭ އެއްޗަކަށްވާތީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ފެންވެސް ނުލިބޭކަމަށާއި ރަޝިއާގެ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާކަމަށް ތުހުމަތު ކުރައްވައި މިޖަރީމާތަކާގުޅިގެން ރަޝިއާއަށް އަދަބު ނުދެވޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޒެލެންސްކީ ރަޝިއާގެ މައްޗަށް މި ތުހުމަތުތައް ކުރެއްވިއިރު ޔޫރަޕްގެ އިއްތިޙާދުންވަނީ ރަޝިއާއަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގައި އަދި ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމެއްކަމަށް ކަނޑައަޅާފައެވެ.

މިގޮތަށް ޔޫރަޕުން ކަނޑައެޅިނަމަވެސް ރަޝިއާއާ ދެކޮޅަށް ކުރެވޭނެ އިތުރުކަމެއް ޔޫރަޕަށްވެސް އަދި އެމެރިކާއަކަށްވެސް ނެތެވެ. އދ. މެދުވެރިކޮށް ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާއާއި ޔޫރަޕަށް ކުރެވޭނެ ކަމެއް ނޫނެވެ. އެދެފަރާތުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުން އިޖާބައެއް ނުދެއެވެ. އަދި އެއްބާރުލުމެއްވެސް ނުދެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ މަގްސަދަކީ ޔޫކްރެއިންގެ ޒައާމަތުން ގެންގުޅޭ ހަރުކަށި ސިޔާސަތު ބަދަލުކުރަން މަޖްބޫރު ކުރުވުމެވެ. ޔޫކްރެއިން ގެ ވެރިން އަދިވެސް ދެކެވަޑައިގަންނަވަނީ ހުޅަނގުން ހަތިޔާރު ހޯދައިގެން ރަޝިއާ ބަލުކުރެވިދާނެކަމުގެ ހުވެފެނެވެ. ރަޝިއާއާ ސުލްހައިގެ ވާހަކަތައް ދެއްކުމަށް އެމެރިކާވެސް މިހާރުގެންދަނީ ޔޫކްރެއިންގެ ވެރިންނަށް ބާރުއަޅަމުންނެވެ.

ނަމަވެސް ޔުކްރެއިންގެ ވެރިން ވިދާޅުވާގޮތުން ހަނގުރާމަކޮށްގެން ރަޝިއާ ބަލިކުރުން ނޫނީ ރަޝިއާ ހުސްއަތާ އެއްވެސް މަގްސަދެއް ހާސިލް ނުކޮށް ޔުކްރެއިން އިން ރަޝިއާ ފޭބުން ނޫންގޮތެއް ޔުކްރެއިނުން ގަބޫލެއް ނުކުރާނެއެވެ. މިނޫން ކޮންމެ ހައްލަކީ އަމާންދިނުންކަމަށް ޔޫކްރެއިންގެ ވެރިންވަނީ ސިފަކުރައްވާފައެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިގޮތުގައި އަމާންދިނުމަށް ހުޅަނގުން ބާރުއެޅޫމަކީ އޭނާ ހައިރާންވެ ވަޑައިގަންނަވާ ކަމެކެވެ.

ރަޝިއާ ބުނާގޮތުން އެގައުމުން ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރަށް ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތައް ވަރަށް ކާމިޔާބެވެ. މިކަމުގެ ސަބަބުން ޔޫކްރެއިން ދަނީ އަސްކަރީގޮތުން އިނދަޖެހެމުންނެވެ. ޔޫކްރެއިންގެ ކަރަންޓް ވިއުގަ ހަލާކުވުމުގެ ސަބަބުން ޕޮލެންޑް ހުރަސްކޮށް ޔޫކްރެއިން އަށް ގެންނަ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރުގެ ސަޕްލައިގެ ބޮޑުބައެއް މިހާރުވަނީ ހުއްޓިފައިކަމަށް ރަޝިއާ އިން ބުނެއެވެ. އެއީ އެތަކެތި ގެންނަ ކަރަންޓް ރޭލްތަކަށް ބޭނުންވާ ކަރަންޓް ނުލިބުމުގެ ސަބަބުންނާއި އެތަކެތި ގެންނަ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުންނެވެ.

ޔޫކްރެއިން ބުނާގޮތުން ރަޝިއާގެ ހަމަލާތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ އެތަށް މިލިޔަންބަޔަކު ފެނާއި ކަރަންޓުން މަހުރޫމްވެ މި ފިނިމޫސުމުގައި އެމީހުން ވަނީ އިންސާނީ ގިލަންވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިގޮތުގައި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ 15 ވަރަކަށް މިލިއަންމީހުން ތިބީ ފިނި މޫސުމުގެ ގަދަ ފިނީގައި ކަރަންޓާއި ފެން ނުލިބި ވަރަށް ބޮޑު ގިލަންވެރިކަމެއްގެ ތެރޭގައެވެ. މިއީ ރަޝިއާ ޒިންމާ ކުރެވެންޖެހޭނެ ހަނގުރާމައިގެ ޖަރީމާކަމަށް ސިފަކުރައްވައި ޒެލެންސްކީ ވަނީ ރަޝިއާއަށް އަދަބު ދިނުމަށް އެމެރިކާއަށާއި ޔޫރަޕަށް ގޮވާލައްވާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އިއްޔެވަނީ ޔުކްރެއިންއަށް 400 މިލިޔަން ޑޮލަރުގެ އިތުރު އެހީ ދިނުމަށް ނިންމިކަން އިއުލާނުކޮށްފައެވެ.

ނަމަވެސް ރަޝިއާއަށް އަދަބުދޭން އަޅާނެ އިތުރު ފިޔަވަޅެއް ނެތް މިންވަރަށް ހުޅަނގުންވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ހުޅަނގުގެ ފިޔަވަޅުތަކުން ރަޝިއާގެ އަސްކަރީ ހަރަކާތްތަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. އަދި ހުޅަނގުން ލަފާކުރި ގޮތާ ޚިލާފަށް އިގްތިސާދީގޮތުން އިނދަޖެހުމާ ގާތަށްވެސް ރަޝިއާ ނުދެއެވެ.

ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ 15 ވަރަކަށް މިލިއަންމީހުން ފިނި މޫސުމުގެ ގަދަ ފިނީގައި ކަރަންޓާއި ފެން ނުލިބި ބޮޑު ގިލަންވެރިކަމެއްގެ ތެރޭގައި ތިބިނަމަވެސް ހަނގުރާމަ ހުއްޓާލުމަށްޓަކައި ރަޝިއާއާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ އެއްވެސް ވިސްނުމެއް ޔޫކްރެއިންގެ ޒައާމަތުން ނުގެންގުޅެއެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ އަސްކަރީ ކޮމާންޑަރަކުވަނީ މާގިނަ ދުވަސްތަކެއް ނުވަނީސް ޔުކްރެއިންގެ ލަޝްކަރުތައް އިނދަޖެހޭނެކަމަށް ލަފާކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް