މޮރޮކޯއިން އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި

މޮރޮކޯއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގެޓީ އިމޭޖްސް

މޮރޮކޯއިން ފީފާ ވޯލްޑްކަޕްގެ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފައެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ދެ ޓީމުގެ ޑިފެންސް ކުޅުންތެރިންގެ އިތުރުން ދެ ކީޕަރުން ވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި މޮރޮކޯއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެ ޓީމުގެ އިތުބާރު ފޯވާޑް ޔޫސުފް އަލް ނަސޭރީއަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކޮންޓްރޯލްކޮށް ޖެހެއިރު އެ ބޯޅައަށް ހުރަސް އެޅީ ކްރޮއޭޝިއާގެ ޑިފެންޑަރެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ކްރޮއޭޝިއާއަށް ވަނީ ގޯލުޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ކްރޮޝިއާގެ ބޯނޯ ސޯސާ އޭރިއާތެރިން ހުރަސްކޮށްދިން ބޯޅަ ނިކޮލާ ވްލާސިޗް ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅައިގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންއަންނަ މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯއެވެ.

މޮރޮކޯއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގެޓީ އިމޭޖްސް

އޭގެ ސިކުންތުކޮޅެއް ފަހުން ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް އުފައްދާފައެވެ. އެ ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މޮރޮކޯއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރެއިން މޮރޮކޯގެ ނުސައިރު މަޒްރޯއީ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗްއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި އޭރިއާ ބެރުން މޮރޮކޯގެ އަޝްރަފް ހަކީމީ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެ ހަމަލާ ހުސިޔާރުކަމާއެކު ކްރޯޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ކްރޮޝިއާއަށް ލީޑު ނަގާނެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މޮޑްރިޗް ނެގި ހިލޭ ޖެހުން މޮރޮކޯގެ އަލް ނަސޭރީ ފައިގައި ޖެހިފައި ގޯލާ އަމާޒުނުވެ ދިޔައީ ހަމަ ކިރިޔާއެވެ.

ކްރޮއޭޝިއާ އަދި މޮރޮކޯ ހިމެނެނީ ވޯލްޑްކަޕް ގްރޫޕް އެފްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމްގެ އިތުރުން ކެނެޑާއެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗު މިރޭ 12:00 ގައި ކުޅޭނެއެވެ.

comment ކޮމެންޓް