ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލަށް ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސެއިން މުހައްމަދު ލަތީފް ތާއީދު ކުރައްވައި ވޯޓު ދެއްވުމުން މިހާތަނަށް ޕީޕީއެމްއިން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފޮނުވި އިސްލާހް ރައްޔިތުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެ އިސްލާހު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓާއެކުއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރާ އެއްކޮޅަށް ވޯޓް ދެއްވި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ހުސައިން ހިމެނެއެވެ.
ނަމަވެސް އެ ބިލަށް މަޖިލީހުގައި ހުސައިން ބަހުސް ކުރެއްވީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ.
ހުސައިން އެގޮތަށް ވޯޓް ދީފައިވާއިރު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ އެ ބިލް ފާސްކުރުމާ ދެކޮޅު ހަދައިފައެވެ.
އެގޮތުން ޓެކްސް ބޮޑުކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި އެ ކޯލިޝަނުން ވަނީ މުޒާހަރާ ކޮށްފައެވެ. އަދި އެ މުޒާހަރާގައި ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ހަމައެއާއެކު މަޖިލީހުގައި އެ ބިލު ފާސްކުރަން އުޅުމުން ޕީޕީއެމްގެ މެންބަރުން ވަނީ އަޑުގަދަ ކުރައްވައި ދުންމާރި ވެސް ފުމެ ހަދައިފައެވެ.
ޓެކްސް ބޮޑުކުރަން ހުސައިން ވޯޓު ދެއްވި މައްސަލައާ ގުޅިގެން މީގެ ކުރިން އާދަމް ޝަރީފް ވިދާޅުވީ ޓެކްސް ބިލާ ދެކޮޅަށް ވޯޓު ދިނުމަށް އެ ޕާޓީން ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށާއި އެއާ ދެކޮޅަށް ހުސައިން ވޯޓު ދިނުމާ ގުޅިގެން ޕާޓީގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
"އެމްޑީޕީންވެސް ތްރީ ލައިން ވިޕެއް ނެރެފަ އޮއްވަ ބައެއް މެމްބަރުން އެކަމާ ޚިލާފުވީ. އެ ވެދާނެ ޑިމޮކްރަސީގައި ހިނގާ ގޮތް ކަމަށް ވެސް،" އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ހުސައިނަށް އެއްވެސް ކަހަލަ ފިޔަވަޅެއް އަޅައިފައިވާނެތޯ އެހުމުން އާދަމް ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ އަދިވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ކަހަލަ ފިޔަވަޅެއް ހުސައިނަށް އަޅައިފައިނުވާނެ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ޕާޓީން ކުރަން ޖެހޭ ކަމެއް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް މީގެ ކުރިން ވެސް ވަނީ ޕީޕީއެމްގެ ރޫހު ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ ތެރޭގައި ބަދަހިކަން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.