ނިއުކްލިޔާ ހަތިޔާރު ހަދަނީ އަމިއްލަ ދިފާއުއަށް، ބޭނުންކުރަން ޖެހިއްޖެނަމަ ކުރާނަން: އުތުރު ކޮރެއާ

އުތުރުކޮރެއާގެ ޒައީމް އާއި އޭނާގެ ދަރިކަނބަލުން

ޕިޔޮންގްޔަންގް (22 ނޮވެމްބަރު 2022) : ނިއުކްލިޔާ ހަތިޔާރު ހަދަނީ އަމިއްލަ ދިފާއުއަށް ކަމަށާއި ގައުމުގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ފަރާތަކާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.

އުތުރު ކޮރެޔާގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީއިން ބުނިގޮތުގައި އެމެރިކާއިން ދެކުނު ކޮރެއާއަށް އަސްކަރީގޮތުން ވަދެ އެ ގައުމުގައި ހަތިޔާރު ބަހައްޓައި އަސްކަރީ ހަރަކާތްތައް ހިންގައިގެން އުތުރު ކޮރެޔާއަށް ދައްކާ ބިރުތަކަކީ އެ ގައުމުގެ އަމަނާއި ސަލާމަތަށް އޮތް ނުރައްކަލެއްކަމުން މިއީ ރައްދުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއްކަމަށް އެ އެޖެންސީ ބުނެއެވެ.

އުތުރުކޮރެއާ މިހެން ބުނާއިރު އެމެރިކާއާއި ޖަޕާނާ އަދި ދެކުނު ކޮރެއާ ގެންދަނީ އުތުރުކޮރެއާގެ ފަރާތުން އަސްކަރީ ބިރުވެރިކަން ކުރިމަތިވާކަމަށް ބުނެ ޝަކުވާތައް ކުރަމުންނެވެ. އުތުރުކޮރެއާއިން ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ އަދި ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލާއި އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް ފަދަ ހަތިޔާރުތައް އުފައްދައި އެތަކެތި ތަޖުރިބާކުރުމަކީ އުތުރުކޮރެއާގެ ފަރާތުން ކުރިމަތިވާ އަސްކަރީ ބިރެއްގެ ގޮތުގައި އެ ތިން ގައުމު ގެންދަނީ ފާހަގަކުރަމުންނެވެ.

އުތުރުކޮރެއާގެ މިސައިލެއް

މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ ގިނަ އަދަދަކަށް މިސައިލް ތަޖުރިބާތައް ކޮށްފައެވެ. މީގެތެރޭގައި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލްއާއި ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތައް ހިމެނެއެވެ. އަދި އެއްބައްރުން އަނެއްބައްރަށް ދަތުކުރުމުގެ ގާބިލްކަން ލިބިފައިވާ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލްތައް ވެސް ހިމެނެއެވެ.

އުތުރުކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ދާދިފަހުން ވަނީ އެ ގައުމުގެ ޒައީމް ކިމްޖޮންގް އުން އޭނާގެ ތުއްތު އަންހެން ދަރިކަނބަލަކު ގޮވައިގެން އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލެއް ބައްލަވާލާ މަންޒަރު ދުރަށް ދައްކާފައެވެ. މިމަންޒަރު ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. ކިމްޖޮންގް އުންގެ އަންހެން ބޭފުޅަކު ހުންނަކަން ދުނިޔެއަށް ހާމަވީ މި ވީޑިއޯގެ ސަބަބުންނެވެ.

ކިމް ޖޮންގް އުން އަކީ އުތުރު ކޮރެޔާގެ މުއައްސިސްކަމަށްވާ ކިމް އިލް ސަންގްގެ ކާފަ ދަރިކަލެކެވެ. އޭނާގެ ބައްޕައަކީ ކިމް އިލްސަންގެ ދަރިކަލުން ކިމް ޖޮންގް އިލްއެވެ. އުމުރުފުޅުން 38 އަހަރުގެ ކިމްޖޮންގް އުން ކައިވެނި ބައްލަވައިގެންފައިވަނީ 2009 ވަނަ އަހަރުއެވެ. އޭނާއަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވާކަމަށާއި ފުރަތަމަ ދަރިފުޅުގެ އުމުރަކީ 12 އަހަރު ކަމަށާ ދެވަނަ ދަރިފުޅުގެ އުމުރަކީ ނުވަ އަހަރުކަމަށާއި ތިން ވަނަ ދަރިފުޅުގެ އުމުރަކީ ފަސް އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރުކޮރެއާ އަކީ ނިއުކްލިޔާ ބާރެކެވެ. އެގައުމު ނިއުކްލިޔާ ފުރަތަމަ ތަޖުރިބާކުރީ 2007 ވަނަ އަހަރުގައެވެ.

comment ކޮމެންޓް