އަސްލަމް ގާނޫނާ ޚިލާފުވެފައިވާ މައްސަލަ ބަލަންޖެހޭ: ނަޝީދު

ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ/ ރައީސް އޮފީސް

"ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" ޕްލޭނިން މިނިސްޓްރީން މިއަދާ ހަމައަށް ވެސް ގެޒެޓް ކޮށްފައިނުވާތީ މިނިސްޓަރު މުޙައްމަދު އަސްލަމްގެ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުސީދާކޮށް މިއަދު ވިދާޅުވެއްޖެއެވެ.

އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ "ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" މަޖިލީހުގެ ގަވާއިދު ކޮމިޓީން އިސްލާހު ކުރުމަށްފަހު ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ، ގެޒެޓްކޮށްފައި ނުވާތީ އެ މައްސަލަ ގަވާއިދު ކޮމިޓީން ވަނީ ދިރާސާ ކޮށްފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު، ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އެމްޑީއޭގެ މެމްބަރު އަޙްމަދު އާމިރު ވަނީ އިއްވާފައެވެ.

އެ ރިޕޯޓު އިއްވެވުމުން ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އަމަލު ކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އޮތް އިރު ސަރުކާރުން އެގޮތަށް އަމަލުކުރުން ނޫން ގޮތެއް، ގާނޫނުން ދައްކާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އަމަލުނުކުރުމަކީ ގާނޫނާ ޚިލާފުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެން ވީމާ މެމްބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމުމަށް ވެސް،" ނަޝީދު ވެރިކަމުގައި ވެސް މިނިސްޓަރުކަން ކުރެއްވި އަސްލަމާ ގުޅޭގޮތުން އެމަނިކުފާން ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ މެޖޯރިޓީ ހިމެނޭ ސަރުކާރެއް ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެސް އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމަށެވެ.

މިނިސްޓަރު އަސްލަމްއަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވާހަކަދައްކަވައިގެން އެދިވަޑައިންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ވަރަށް ފަހިކޮށް މަޖިލީހުގައި ހުޅުވިފައި ވާ ކަމަށެވެ.

"އެހެން ވާއިރުވެސް، ވަރިހަމަ ކުރައްވާ، އަޅާނުލައްވާ ބާއްވަވާފައި ތިމަންނާއަށް ފެންނަ ގޮތް އެއީ ގޮތް ކަމަށް ނިންމަވާ، އެގޮތަށް އަމަލުކުރައްވަމުން ގެންދިޔުމަކީ، ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން. މިކަމާ ގުޅޭގޮތުން ގާނޫނާ ޚިލާފުވެފައިވާ މިންވަރާއި އެކަންކަން އިތުރަށް ކުރިއަށް ގެންދެވުމަށް މެމްބަރުން ވިސްނަވާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު ފާސްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި "ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓް ކުރުމަށްޓަކައި އެ ގަވާއިދު ރައީސް އޮފީހަށް ފޮނުވުމަށް މިނިސްޓްރީއަށް އެންގުމަށް ނިންމާފައެވެ.

comment ކޮމެންޓް