ސްޓޭޓް މިނިސްޓަރެއް ސަސްޕެންޝަނުގައި ހަ މަސް, މުސާރައިގެ ގޮތުގައި ދެ ލައްކައަށްް ވުރެ ގިނަ ރުފިޔާ ދީފި

ރައީސް ޞާލިޙް، ސްޓޭޓް މިނިސްޓަރު ރިޔާޒަށް މަގާމުގެ ފަތްކޮޅު ދެއްވަނީ: ބަލަމުންދާ މައްސަލައަކާ ގުޅިގެން ރިޔާޒު ސަސްޕެންޑްކޮށްފައި ހުންނަތާ ހަ މަސް ---- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބަލަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒަށް ހަ މަސް ދުވަހުގެ މުސާރައިގެ ގޮތުގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދީފިއެވެ.

އަޙްމަދު ރިޔާޒް މަގާމުން ސަސްޕެންޑް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ރައީސް އޮފީހުން އެންގީ މީގެ ހަ މަސް ދުވަސް ކުރިން، މި އަހަރުގެ މޭ މަހުގެ 29ވަނަ ދުވަހުއެވެ.

https://sun.mv/165249

އޭނާ ސަސްޕެންޑްކޮށްފައި ހުންނަނީ މުސާރަ ހިންގާ ގޮތަށެވެ. އޭނާ ސަސްޕެންޑް ކުރީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް ސަރުކާރުން އަދިވެސް ބުނެފައިނުވާއިރު، އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައެވެ.

އޭނާގެ މައްސަލަ ބަލައި ނިމޭނެ ދުވަހެއް އަދި ނޭނގެއެވެ. އެ މައްސަލަ ބެލުން ލަސްވަނީ ކީއްވެ ކަމެއް ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަޙްމަދު ރިޔާޒް އަދިވެސް ހުރީ ސަސްޕެންޝަނުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މި ހުރިހާ ދުވަސް ވަންދެން މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގައި ހުރީ ކީއްވެތޯ ސުވާލު ކުރުމުން މިއުވާން ވިދާޅުވީ އެއީ އެކަން އޮތް ގޮތް ކަމަށެވެ.

"އެބޭފުޅާ ސަސްޕެންޑް ކުރިއިރު ކޮށްފަހުރީ މުސާރަ ހިނގާ ގޮތަށް. އެހެންވީމަ އަދިވެސް މުސާރަ އެ ލިބެނީ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން، އެ އިދާރާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކޮންމެ ސްޓޭޓް މިނިސްޓަރެއްގެ އަސާސީ މުސާރައަކީ 25،000ރުފިޔާއެވެ. އަދި އެލަވެންސްތަކާއެކު ކޮންމެ ސްޓޭޓް މިނިސްޓަރަކަށް ވެސް ގެއަށް ގެންދިއުމަށް 41،200އަށްވުރެ ގިނަ ރުފިޔާ ލިބެއެވެ.

އެހެންކަމުން މިހާރު އަޙްމަދު ރިޔާޒް ސަސްޕެންޝަނުގައި ހަ މަސް ދުވަސް ހުންނެވިއިރު، އޭނާ އަށް ޖުމުލަ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ. އެއީ މަގާމުގެ މައްސޫލިއްޔަތު ތަކާއި މަސައްކަތްތަކާ ދުރުގައި ހުންނެވި ހަ މަސް ދުވަހު މުސާރައިގެ ގޮތުގައެވެ.

އަޙްމަދު ރިޔާޒަކީ އެމްއެންޕީގެ ކައުންސިލް މެމްބަރެކެވެ. އަދި އޭނާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އަޙްމަދު ރިޔާޒަކީ އެމްއެންޕީގެ ނައިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ބޭބެއެވެ.

މިވަގުތަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފައިވާ ވަގުތެކެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުން ދޭ ޕްރޮމޯޝަންތަކާއި އިތުރު ވަގުތުގެ ގޮތުގައި ދޭ ފައިސާ މިވަގުތަށް ދިނުން ހުއްޓާލުމަށް ސާކިއުލާއެއް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކުލަވައިލާފައެވެ.

ނަމަވެސް އަދިވެސް ސިޔާސީ މަގާމުތައް އިތުރުކުރުމާއި އެ މަގާމުތަކުގައި ތިބޭ މީހުންނަށް ބޮޑެތި މުސާރަތައް ދިނުން ހުއްޓައިފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

comment ކޮމެންޓް