އަސާސީ މުދަލުގެ ޔަގީންކަމާއި ފޮރިން ރިޒާވް ޔަގީންކުރުމަށް މަޖިލީހުގެ ރައީސަށް ސިޓީއެއް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

އަންނަ އަހަރުގެ ނިޔަލަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ މިންވަރަށް ރާއްޖޭގައި މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދެއްވުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި މި ސިޓީގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް އަހަރަށް ވާވަރަށް ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ކާޑުގެބާވަތްތަކާއި، ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގެ މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދެއްވުމަށް އެދޭކަމަށެވެ. މީގެ އިތުރުން މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ރާއްޖޭގެ ފޮރިން ރިޒާވް ހުރިމިންވަރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން ހޯއްދަވައި ދިނުމަށްވެސް މެމްބަރު އާދަމް ޝަރީފްގެ ސިޓީގައި ވަނީ އެދިފައެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މިއަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމާއެކު، ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރުގެ ހިންގުމުގެ ޚަރަދާއި ބަޖެޓް ޑެފިސިޓް އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރު ގޮތެއްގައި ނުބަލަހައްޓާ ކަމުގެ އިލްޒާމު ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތާއިގުޅޭގޮތުން މިއަދާ ހަމައަށް، ޞައްހަ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ނުދާތީވެ، ރައްޔިތުންގެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އާދަމް ޝަރީފުގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުންދާތީ، އަސާސީ ކަންކަމަށް ބޭނުންވާ ތަކެއްޗާއި ކާޑާއި ތެޔޮ އެތެރެކުރުމަށް ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަން ރާއްޖޭގައި ނެތުމުގެ ކަންބޮޑުވުން، ރައްޔިތުންގެ ތެރޭގައި އެބައޮތްކަމަށްވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ޓްވިޓާގައި ވިދާޅުވެފައިވަނީ ކޮވިޑް ބަލިމަޑު ކަމާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް މިހާރު އެ ގޮންޖެހުންތަކުން އަރައިގަނެވެމުންދާކަމަށެވެ. މިގޮތުން ކަންބޮޑުވާވަރުގެ މާލީ ދަތިކަމެއް ނެތްކަމަށްވެސް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިސާދާ މެދު ބައެއް ސިޔާސީ ފަރާތްތަކުން ގޯސް ތަސައްވުރެއް އުފައްދައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރިނަމަވެސް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދު އޮތީ ފަހިކޮށްކަމަށްވެސް މާލީ ވަޒީރު އަމީރު ވަނީ ވިދާޅުވެފައެވެ.

މާލީ ވަޒީރުގެ މި ވާހަކައާއި ގުޅިގެން ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ޓްވިޓާގައި ވިދާޅުވެފައިވަނީ، އަސާސީ ކަންކަމަށް ބޭނުންވާ ބޭރުފައިސާ ހުރިނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މިގޮތުން ރައްޔިތުންގެ ކަންބޮޑުވުން ފިލާނީ ހިސާބު އަކުރުތައް ތެދަށް ސާފުކޮށްދެއްވުމުންކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް