ރެހެންދި ސްކޫލްގެ ކެޑޭޓް ހަރަކާތާ ގުޅިގެން ފަތުރާ ވާހަކަތައް ދޮގުކޮށްފި

ރެހެންދި ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެހެންދި ސްކޫލްގެ ކެޑޭޓް ހަރަކާތަކާ ގުޅިގެން ފަތުރާ ވާހަކަތައް އެ ސްކޫލުން މިއަދު ދޮގުކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް އެ ސްކޫލުގައި ކުރިއަށްގެންދިޔަ ކެޑޭޓު ހަރަކާތެއްގައި އަންހެން ދަރިވަރުންތަކަކަށް ގޯނާ ކުރިކަމަށް ތުހުމަތުކޮށް ނޫހެއްގައި ވަނީ ޚަބަރެއް ޝާއިއުކޮށްފައެވެ.

އެކަމާ ގުޅިގެން ރެހެންދި ސްކޫލުން ނެރުނު ބަޔާނެއްގައި ވަނީ، ކެޑޭޓު ހަރަކާތާ ގުޅިގެން ބައެއް ނޫސްތަކުގައި ބުނެފައިވާ ފަދަ އެއްވެސް ހާދިސާއެއް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ޚަބަރަށް މައުލޫމާތު ދީފައި ވަނީ ސްކޫލުގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން، ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެއެވެ. އެއީ ސްކޫލުގެ ނަމާއި ކެޑޭޓްކޯ އާއި ދަރިވަރުންގެ އަބުރާއި ކަރާމަތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ސްކޫލުން ނެރުނު ބަޔާނުގައި ވަނީ، އެ ސްކޫލުގެ ކެޑޭޓު ހަރަކާތުގައި ހަމަޖައްސާފައި ވާނީ، ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިސުން އަދި އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު "ފީޑް ބެކް"ސެޝަން އެއް ކުރިއަށް ގެންދިޔަ ކަމަށާއި ކޭމްޕް ނިމުނު އިރުވެސް އެފަދަ ހާދިސާއެއް ހިނގާފައި ވާކަން ރިޕޯޓު ކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެންކަމުން ދައުރު ވަމުންދާ ޚަބަރާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ކެޑޭޓް ކޯ އާއި ރެހެންދި ސްކޫލު ގުޅިގެން މިކަން އިތުރަށް ބެލި ބެލުމުން މިއަދު [21 ނޮވެމްބަރު 2022]ގައި މި ސްކޫލު ކެޑޭޓް ކޭމްޕާ ގުޅިގެން ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ، އެ ޚަބަރުގައި ހާމަކޮށްފައިވާ ބީދައިން ކަންހިނގާފައި ނުވާ ހަގީގަތެއް ނެތް ވާހަކައެއް ކަމުގައި ދަންނަވަމެވެ. އަދި އެފަދަ ގޮތަކަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަމުގެ ޔަގީންކަން އަރުވަމެވެ،" އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް