އަރަބިއްޔާ މައްސަލަ: އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ނެރެފި

އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް -- ސަން ފޮޓޯ/ ނާއިލް ހުސައިން

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރި މައްސަލަ ނިމެންދެން އެމަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށް ވަޒީފާއާބެހޭ ޓްރިބިއުނަލް އިން އަމުރުކޮށްފިއެވެ.

ޓްރައިބިއުނަލްއިން މިއަމުރު ނެރެފައި މިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިލިފަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މަގާމުން ވަކިކޮށް، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ ސްކޫލްގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދް މުހައްމަދާ ހަވާލުކޮށްފައިވަނިކޮށެވެ.

ޝުޖާއުގެ ފަރާތުން މިމައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު، މިމަހުގެ 20 ވަނަ ދުވަހު ޓްރައިބިއުނަލްއިން ވަނީ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

ޝުޖާއުގެ ފަރާތުން، މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދިނުމަށްވެސް އެދިފަ ވެއެވެ. ނަމަވެސް އެ ނުކުތާއާ މެދު ގޮތް ނިންމޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމަށްވާތީ އެގޮތައް އަމުރު ނުކުރެވޭނެ ކަމަށް ނިންމުމުގައި ވެއެވެ.

މިމައްސަލަ ފެންމަތިވުމާއެކު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންވަނީ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ. އެގޮތުން، އިސްކަންދަރު ސްކޫލު ފަދަ ބޮޑު ސްކޫލެއް ބަލަހައްޓަވަމުން ހުސައިން ސައީދަށް އަރަބިއްޔާ ސްކޫލު ބެލެހެއްޓޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށް ބެލެނިވެރިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވަނީ މިބަދަލަކީ އަރަބިއްޔާ ސްކޫލުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓްރީން ގެނައި މުހިންމު ބަދަލެއް ކަމަށާއި ޝުޖާއު މިވަގުތު މަސައްކަތް ކުރައްވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓެއްގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ޑިޕާޓްމަންޓެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލް ހިންގާ ވަގުތީ އިމާރާތުގެ ހާލަތާއި، އައު އިމާރާތެއްގެ މައްސަލާގައި ބެލެނިވެރިން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދަނިކޮށެވެ.

comment ކޮމެންޓް