ތުރުކީގެ ވައިގެ ސިފައިން އިރާގާއި ސޫރިޔާގެ އުތުުރުގެ ސަރަހައްދުތަކަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފި

އަންކަރާ (20 ނޮވެމްބަރު 2022) : ތުރުކީގެ ވައިގެ ސިފައިންގެ ފައިޓާޖެޓްތަކުން އިރާގާއި ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ތުރުކީ ބުނާގޮތުން ހަމަލާތައް ދިނީ އެތަންތަނުގައި ހަރަކާތްތެރިވާ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތްތަކަށެވެ. މި ޖަމާއަތްތަކަކީ ތުރުކީން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރާ ޖަމާއަތްތަކެވެ.

މީގެތެރޭގައި ހިމެނެނީ އިރާގުގެ އުތުރުގައި އޮންނަ ކުރުދިސްތާން ސަރަހައްދުގައި މަރުކަޒުކޮށްގެން އުޅޭ، ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ޖަމާއަތާ އަދި ސޫރިޔާގެ އުތުރުގެ ކުރުދީ ސަރަހައްދުގައި ހަރަކާތްތެރިވާ، ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) ޖަމާއަތާއި އެޖަމާއަތާ ގުޅިފައިވާ ހަނގުރާމަވެރިންގެ މަރުކަޒުތަކަށެވެ.

މި ހަމަލާތަކުގައި މިޖަމާއަތްތަކަށް ނިސްބަތްވާ 12 ހަނގުރާމަވެރިން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ތުރުކީގެ ދިފާއީ ވަޒީރު ޚަލޫސީ އަކާރު ވިދާޅުވިއެވެ. އަދި މިދެ ޖަމާއަތުގެ 89 މަރުކަޒެއް ހަލާކުކޮށްލެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ތުރުކީ ސިފައިން މި ހަމަލާތައް ދިނީ ތުރުކީގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ސިޓީ ކަމަށްވާ އިސްތަންބޫލުގައި މިދިޔަ ހަފުތާގައި ގޮއްވާލި ބޮމަށް ބަދަލުހިފުމުގެ ގޮތުންނެވެ.

ތުރުކީގެ ދާޚިލީ ވުޒާރާއިން ބުނެފައިވާގޮތުގައި ހަ މީހުން މަރުވެ 81 މީހުން ޒަޚަމްވި އެ ބޮން ގޮއްވާލުމުގެ ފަހަތުގައިވަނީ ސޫރިޔާގެ އުތުރުގައި މަރުކަޒުކޮށްގެން އުޅޭ ކުރުދީ ހަނގުރާމަވެރި ޖަމާއަތްކަމަށްވާ "ވައިޕީޖީ" ޖަމާއަތެވެ. ތުރުކީގެ ހަމަލާތައް އަމާޒު ކޮށްފައިވަނީ އިރާގުގެ ކުރުދިސްތާން ސަރަހައްދަށާއި ސޫރިޔާގެ އުތުރުގައި ކުރުދީ ހަނގުރާމަވެރިންގެ މަރުކަޒުތައް ހުންނަ ރަށްތައްކަމަށްވާ ރައްގާ، ހަލަބު އަދި ހަސަކާ އަށެވެ.

ތުުރުކީއަކީ މީގެކުރިންް ވެސް އިރާގާއި ސޫރިޔާގެ އުތުރަށް ވަރަށް ގިނައިން ވައިގެ ހަމަލާތައް ދޭ ގައުމެކެވެ. އަދި ސަލާމަތީ ބޭނުމަށް ކަމަށް ބުނެ ތުުރުކީ ސިފައިން ވަނީ ސޫރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތައް ވެސް ހިފާފައެވެ.

comment ކޮމެންޓް