އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް މައުރަޒު އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނީ، "އެޑެކްސް މޯލްޑިވްސް" ނަމުގައި މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި މައުރަޒު ކުރިއަށް ދާނީ އެ އެސޯސިއޭޝަނުން ހަމަ އެ ތާރީޚުގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން ކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.

"އެޑެކްސް މޯލްޑިވްސް" ބޭއްވުމުގެ އެއްބަސްވުމުގެ ތެރެއިން-- ފޮޓޯ/ނެޝަނަލް ބޯޓިން އެސޯސިއޭޝަން
"އެޑެކްސް މޯލްޑިވްސް" ބޭއްވުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެޑެކްސް އިންތިޒާމު ކުރާ ޔޫ.ޑަބްލިއު-360 އާއި މެރިން އެކްސްޕޯ އިންތިޒާމު ކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައެވެ. މީޑިއަމް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާމް މުޚައްމަދެވެ. ޔޫ.ޑަބްލިއު-360 ފަރާތުން ސޮއިކުރެއްވީ ޖޯން ތެޓެވެ.

"އެޑެކްސް މޯލްޑިވްސް" ބޭއްވުމުގެ އެއްބަސްވުމުގެ ތެރެއިން-- ފޮޓޯ/ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން
އޭޝިއާ ޑައިވް އެކްސްޕޯއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޑައިވް މައުރަޒެވެ. މި މައުރަޒު ސިންގަޕޫރުގައި ބާއްވަމުން އަންނަތާ މިހާރު ވަނީ 27 އަހަރު ވެފައެވެ. މި މައުރަޒު މީގެ ކުރިން ވަނީ އިންޑިއާ، ފިލިޕީންސް އަދި މެލޭޝިއާގައިވެސް ބައްވާފައެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިން ދާއިރާއަށް ޚާއްސަ މައުރަޒެކެވެ. މިއީ ބޯޓިން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް އެއް ތަނަކަށް އައިސް މާކެޓްގައި ހުރި އުފެއްދުންތައް ދައްކާލުމަށާއި އައު އިޖާދުތައް ތައާރަފްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ.