ހއ. އަތޮޅުގެ ހަތް ރަށެއްގައި މުޖުތަމައުއަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގަން ކޮންމެ ރަށަކަށް އެއްލައްކަ ރުފިޔާ ދޭން ހއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް "ސަން"އަށް ވިދާޅުވީ މިއީ އަތޮޅު ކައުންސިލްގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އަދި ފައިސާގެ އެހީތެރިކަން ދޭނީ އެކަމަށް އެދޭ ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ހަތް ރަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީގް ވިދާޅުވީ މި އެހީއަށް އެދި ހުށަހެޅޭނީ ހަމައެކަނި ރަށްރަށުގެ ކައުންސިލަށް ނޫންކަމަށެވެ.
"އެއީ ރަށްރަށުގެ ކައުންސިލްތައް، ރަށްރަށުގެ ޑަބްލިއުޑީސީ، ދެން މި އުޅެނީ ސަރުކާރުގެ މުއައްސަސާތައް ދެން ރަށްރަށުގަ ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ ކްލަބް ޖަމިއްޔާތަކަށް ވެސް ހުށަހެޅޭނެ،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ހއ. އަތޮޅުން ރައްޔިތުންނަށް ފައިދާހުރި އިޖްތިމާއީ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 12:00އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝަފީގް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ މިކަމުގަ ވީހާވެސް ގިނަ ފަރާތްތަކުން ޝާމިލް ވެގެން ރައްޔިތުންނަށް ރަނގަޅު ޕްރޮޕޯސަލްތަކެއް އަޅުގަނޑުމެންނަށް ލިބުން،" ޝަފީގް ވިދާޅުވިއެވެ.