ގެއްލޭ މީހުން: ފުލުހުންގެ ތަޙްޤީގުގެ އިޖްރާއަތު

މާލޭގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގެއްލިގެން ހޯދަމުންދާ މީހުންގެ ރިޕޯޓްތަކަށް ޖަވާބުދާރީވުމަކީ ފުލުހުންގެ ވަސީލަތްތަކަށް ޢާންމުން ކުރާ އެންމެ ބޮޑު އެއް ޑިމާންޑެވެ. އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު 30,0000 އަށް ވުރެ ގިނަ ގެއްލިފައިވާ މީހުންގެ ހާދިޘާތައް ފުލުހުން ދަފުތަރުކުރާ ކަމަށް ލަފާކުރެވެއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައެއް ފަރުދުން ގެއްލޭތީ، ގެއްލޭ މީހުންގެ ޖުމުލަ ޢަދަދު 20,0000 އަށް އަރާނެކަމަށް ލަފާކުރެވެއެވެ. އޭގެ މާނައަކީ އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް ކޮންމެ ދެ މިނެޓަކުން މީހަކު ގެއްލިގެން ފުލުހުންނަށް ރެކޯޑް ކުރެވެއެވެ. ނަމަވެސް ގެއްލޭ މީހުންގެ ޙާދިޘާ ވަށައިގެންވާ ސުލޫކުތައް މާނަކޮށް ދެނެގަތުގައި ގޮންޖެހުންތައް އޮވެއެވެ. އެހެންކަމުން އިނގިރޭސި ވިލާތުގައި ފުލުހުން ކޮންމެ ދުވަހަކު ގެއްލިފައިވާ މީހެއްގެ ރިޕޯޓަށް ޖަވާބުދާރީވާނެ ކަމަށް ބެލެވެއެވެ. ގެއްލިފައިވާ ކަމަށް ރިޕޯޓްކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނަކީ ޒުވާން (18 އަހަރުން ދަށުގެ) ކުދިންނެވެ. އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ އުމުރުފުރާއަކީ 15-17 އަހަރުގެ ކުދިން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ހުރިހާ މީހުންގެ ތެރެއިން 80 ޕަސެންޓާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި އެނބުރި އަންނަނީ ގިނަ ފަހަރަށް ސީދާ ފުލުހުންގެ ތަދައްޚުލުވުމެއް ނެތިއެވެ. އެހެންނަމަވެސް އަދިވެސް ގެއްލިފައިވާ 2000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާތާ އަހަރު ދުވަސްވެސް ވެފައިވާއިރު، އެވްރެޖްކޮށް ހަފުތާއަކު 20 މީހުން މަރުވެފައި ތިއްބާ ފެނެއެވެ. ފުލުހުންގެ ވަސީލަތްތަކަށް ބޮޑެތި ޑިމާންޑްތަކެއް އުފައްދަނީ ހަމައެކަނި ގެއްލިފައިވާ މީހުންގެ ރިޕޯޓްތަކުގެ އަދަދެއް ނޫނެވެ. އެއީ ގެއްލިގެން ހޯދަމުންދާ މީހުންގެ ހާދިޘާ ތަކުގައި ފުލުހުންނަށް މުހިންމު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށްޓަކައިވެސް މެއެވެ.

ޚަބީރުން ވިދާޅުވާ ގޮތުގައި، ގެއްލުމަކީ ކުށެއް ނޫން ނަމަވެސް، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ކަންތައްތަކެއް ހުރެދާނެއެވެ. ގެއްލިފައިވާ މީހާގެ ނިޔަތުގެ އަޞްލު ނުވަތަ ގެއްލިފައިވާ މީހާގެ ތަޙްޤީގުގެ ނަތީޖާއާ ގުޅުންހުރި ކަންތައްތަކެއް ހުރެދާނެއެވެ. އަނެއްކޮޅުން، މި ކަމަކީ ޖިނާއީ ކަމަކާ އެއްވެސް ގުޅުމެއްނެތް ނަފްސާނީ މައްސަލަތަކާއި، ކުޑަކުދިންގެ އިހުމާލުވުން ނުވަތަ ކުއްޖަކާ ބެލެނިވެރިން ދެކޮޅުހެދުމާ ގުޅުންހުރި އިޖުތިމާއީ މައްސަލަތައް ހިމެނިދާނެ ކަމެކެވެ. އެއީ ޖިނާއީ ޢަމަލަކާއި އިޖުތިމާއީ މައްސަލަތައް ވެސް ގުޅިގައިވާ ކަމަކަށްވެސް ވެދާނެއެވެ. މިސާލަކަށް ގެވެށި އަނިޔާކުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުން ފަދަ މައްސަލަތަކެވެ. މިފަދަ ހާދިސާތައް ގުޅިފައި އޮތީ މީހަކު ކުޑަކުއްޖަކު ވަގަށް ނެގުމާ ކަމަށްވެސް ވެދާނެއެވެ. އެއީ ބައްޔެއް ތަހައްމަލްކުރާ އުމުރުން ދުވަސްވީ މީހަކު ކަމުގައިވެސް ވެދާނެއެވެ. އެއީ މީހަކު މެރުން ނުވަތަ އަމިއްލައަށް މަރުވުން ނުވަތަ އެކްސިޑެންޓެއްގެ ނަތީޖާ ކަމަށްވެސް ވެދާނެއެވެ. އާދެ! މި ލިސްޓަކީ ނިމުމެއް ނެތް ލިސްޓެއް ކަމަށް ފެނެއެވެ.

މި ދެންނެވި ޙާލަތްތަކުން ހާމަވާ ގޮތުގައި، ގެއްލިފައިވާ މީހެއްގެ ކޮންމެ ރިޕޯޓަކާއެކު ފުލުހުންނަށް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. މިސާލަކަށް މިއީ ގަސްދުގައި ގެއްލިގެން އުޅޭ މީހެއްތޯ (މީހަކު ގެއްލިގެން ދާން ސަބަބެއް އޮތުމާއެކު، ފަހަރެއްގައި އެހެން ސަބަބަކާހެދި ދުރުގައި ވަގުތުކޮޅެއް ހޭދަކުރުމަށް) ނުވަތަ 'ގަސްދެއް ނެތި (މީހަކު ކިޑްނޭޕްކުރުން ނުވަތަ ބަލިމަޑުކަމެއްގެ ނަތީޖާއެއްގެ ގޮތުން ގެއްލުން) ކަމަށް އަވަހަށް ޤާއިމުކުރަން ޖެހެއެވެ.

މި ސުވާލުތަކަށް ޖަވާބެއް ކަނޑައެޅުމުގައި ފުލުހުން ރިޢާޔަތް ކުރަންޖެހޭ ކަންތައް ތަކެއް ވެއެވެ. ޚާއްޞަކޮށް ކުށެއް ކުރެވިފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތްނަމަ، ގެއްލުނު ފަރާތުގެ ޙައްޤުތަކަށް އިޙްތިރާމްކުރުމެވެ. އަނެއްކޮޅުން، ގެއްލިފައިވާ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ޒިންމާ ފުލުންގެ މައްޗަށް އޮވެއެވެ. ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ފަރާތުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ މެދު އޯގާތެރިކަމާއެކު ކަންތައް ކުރަން ޖެހެއެވެ. އަބަދުވެސް އެ ގެއްލިފައިވާ މީހާއަކީ ބޮޑު ކުށެއްގެ ޝިކާރައަކަށް ވެދާނެ މީހެއް ކަމަށާއި، މިހެންވެ އެކަށީގެންވާ ހެކިތައް ރައްކާތެރިކޮށް އެއްކުރުމުގެ ބޭނުންތެރިކަން އޮތް ކަމަށް ވެސް ފުލުހުން ރިޢާޔަތްކުރަންވާނެއެވެ. އެހެންކަމުން ގެއްލިފައިވާ މީހުންގެ ތަޙްޤީގު ތަކުގައި ފުލުހުންގެ މަސައްކަތުގެ ފަންނީ އަޚްލާޤީ ތަފާތު ތަކެއް ހުރެއެވެ. މި މަސައްކަތުގެ ބޮޑު ބައެއް ހިއްސާކުރަނީ ގިނަ ފަހަރަށް އޮޅުން ބޮޅުން ބޮޑު، އުނދަގޫ އަދި ޖަޒުބާތީ ޙާލަތްތަކުގައި ތިބެގެންނެވެ.

ގެއްލިފައިވާ މީހުންގެ މައްސަލަ މުރާޖަޢާކުރުން

އިނގިރޭސިވިލާތުގައި ގެއްލިފައިވާ މީހެއް ކަމަށް ފުލުހުންގެ ސިޔާސަތުގެ ތެރޭގައި މާނަކުރެވެނީ؛ ގެއްލުމުގެ ޙާލަތު ކޮންމެ ޙާލަތެއްގައި ވިޔަސް ވީތަނެއް ނޭނގޭ މީހަކު އެއީ ގެއްލިފައިވާ މީހެއްގެ ގޮތުގައެވެ. މީހަކު ގެއްލިފައިވާ ކަމަށް ބެލެވޭނީ ހޯދައި އެމީހަކު ހެޔޮޙާލުގައި ސަލާމަތުން ހުރިކަން ނުވަތަ އެހެން ގޮތަކުން ޤާއިމު ނުކުރެވޭހާ ހިނދަކުއެވެ. މިފަދަ ކޮންމެ މައްސަލައަކުން ވެސް ތަޙްޤީގު ކުރިއަށްދާ ވަރަކަށް ފުލުހުން ނިންމުންތައް ނިންމުމުގެ އިޖްރާއަތާއި، މައުލޫމާތު އެއްކުރުމާއި، ތަންތަން ބަލައި ފާސްކުރުން ކުރިއަށް ގެންދާ ގޮތްތައް ވެސް ދައްކުވައިދެއެވެ. ތިރީގައި މިވަނީ އިނގިރޭސި ވިލާތުގައި ހިނަގާފައިވާ ބައެއް ޙާދިޘާތަކެވެ. ޙާދިޘަކުގައި ބޭނުން ކޮށްފައިވާ ނަންތަކަކީ އަޞްލު ނަންތަކެއް ނޫނެވެ.

ޤަމަރު ހޯދުމުގެ މަސައްކަތް: 15 ގަޑިއިރަށް ގެއްލިގެން ދިއުން

ޤަމަރު ދިރިއުޅެނީ 17 އަހަރުގެ އަންހެން ދަރިފުޅާއެކު ކުޑަ އަވަށެއްގައެވެ. ހުކުރު ދުވަހެއްގެ ހެނދުނު އޭނާގެ އަންހެން ދަރިފުޅު ގާތު، އޭނާގެ ކޮއްކޮއާއެކު ސައިކަލުގައި ދާން ރާވާފައިވާ ކަމަށާއި، އެދުވަހުގެ މެންދުރު ދޮރު ލައްޕާލި އަޑު އަންހެން ދަރިފުޅަށް އިވުމުން މަންމަ ގެއިން ނުކުމެފައިވާކަން އެނގުނެވެ. އާންމުކޮށް ދާ ތަނާއި އެނބުރި އަންނާނެ ވަގުތު ކުރިން ބުނި ނަަމަވެސް މިއަދު އެވާހަކަ ނުބުނާތީ، އާދަޔާ ޚިލާފު ކަމެއް ހިނގާހެން ދަރިފުޅަށް ހީވިއެވެ. މަންމަ 17:00 ގައި ސައިބޯން ގެއަށް ނުދާއިރު، އަންހެން ދަރިފުޅު މަންމަގެ މޯބައިލްއަށް ފޯނު ކުރި ނަމަވެސް ޖަވާބެއް ނުލިބެއެވެ. 20:30 ގައި އަންހެން ދަރިފުޅު ކަންބޮޑުވެ މަންމަގެ ކޮޓަރިއަށް ވަދެ ބެލިބެލުމުން ޢާއިލާގެ މެމްބަރުންނަށް އެޑްރެސްކޮށްފައިވާ ސުއިސައިޑް ނޯޓްތަކެއް ހިމެނޭ ނޯޓްފޮތެއް ފެނެއެވެ. ފުލުހުންނަށް ފޯނު ކުރާ ދައްތަ އާއި އޭނާ ގުޅައެވެ.

ޤަމަރު ގެއްލުނުކަމުގެ ފުރަތަމަ ރިޕޯޓް ލިބުނުތާ ގާތްގަނޑަކަށް އެއްގަޑިއިރު ފަހުން ޔުނީފޯމްގައި ތިބި ދެ ފުލުހުން އައިސް އޭނާގެ ގެ ފުރަތަމަ ބަލައިފާސްކޮށް، ޤަމަރު ގިނައިން ގޮސްފާނެ ސަރަހައްދުތަކާ ބެހޭ ގޮތުން ދައްތައާ ސުވާލު ކުރެއެވެ. މި މައްސަލަ "ހައި ރިސްކް" މައްސަލައެއްގެ ގޮތުގައި ގިންތިކޮށްފައިވަނީ މިއީ ޢާއްމު ސުލޫކުން ބޭރުގެ ކަމެއް ކަމަށް ދެކި، ދެވަނަ ފަހަރަށް އެތަން ބަލައި ފާސްކުރިއެވެ. މިފަހަރު ސުޕަވައިޒް ކުރަނީ ޕޮލިސް ސަރޗް އެޑްވައިޒަރއެވެ. ހައި ރިސްކް މައްސަލައެއްގެ ގޮތުގައި ބަަލައި ޤަމަރުގެ މޯބައިލް ފޯނުގެ ސާވިސް ޕްރޮވައިޑަރާ ވެސް ގުޅައެވެ. ނަމަވެސް މިކަމުން އެއްވެސް މަޢުލޫމާތެއް ފޯނު ނެޓްވޯކްގައި ނެތުމުން ނުލިބުނެވެ. ޔުނީފޯމް އަޅައިގެން ހުރި އޮފިސަރަކު ވެސް ޤަމަރުގެ ތިން ރައްޓެހިންނާ އިންޓަވިއު ކުރާއިރު، ކުރީދުވަހުގެ ހަވީރު އޭނާ އާ އެކު އުޅުނު ރައްޓެހިންނާއި ޓެކްސީ ސެންޓަރުތަކާއި ބަސް ކުންފުނިތަކާ ގުޅައިގެން ފުލުހުން ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކޮށް، ހޯދުމުގެ މަސައްކަތް ކުރިއެވެ.

ޖެހިގެން އައި ދުވަހު އިތުރަށް ޗެކްކޮށް ހަދައެވެ. ކޮންޓްރޯލް ރޫމުން ހޮސްޕިޓަލްތަކާ ގުޅާއިރު ޤަމަރު ދައްކަވާ ޑޮކްޓަރާވެސް ގުޅުއްވައިގެން ޑޮކްޓަރާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓެއް ހަދައެވެ. ޤަމަރު ވަޒީފާ އަދާކުރާ އޮފީހަށް ވެސް ފުލުހަކު ޒިޔާރަތް ކުރާއިރު، ފަހުން މީހާ ދެނެގަތުމަށް ބޭނުންވެދާނެތީ ޤަމަރުގެ ޑީއެންއޭ އާއި އިނގިލީގެ ނިޝާން ސާމްޕަލް ހޯދުމުގެ އިންތިޒާމު ވެސް ހަމަޖެހެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ޤަމަރު ދަންނަ އެމްބިއުލާންސް ގެ މުވައްޒަފަކަށް ފެނިގެން ޤަމަރު ހޮސްޕިޓަލަކަށް ގެންގޮސް އެއަށްފަހު ދެ ފުލުހަކު އޭނާއާ އިންޓަވިއުއެއް ފުރިހަމަކުރެއެވެ. ތަޙްޤީޤުން އެނގުނީ އެއީ މާލީ މައްސަލަތަކާއި ޢާއިލީ މައްސަލަތަކެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ނިޔަތެއްގައި ގެއްލުނު މައްސަލައެއް ކަމެވެ.

ޚަދީޖާ ހޯދުމުގެ މަސައްކަތް: ހަތް ދުވަސް ވަންދެން ގެއްލިގެން ދިއުން

ޚަދީޖާ ގެއްލިގެން 16:20 ގައި ފުލުހުންނަށް ރިޕޯޓް ކުރިއެވެ. 18:15 ގައި ފުލުހުން ޚަދީޖާގެ ފްލެޓަށް ގޮސް އެތަނާ ޖެހިގެން ހުރި އިމާރާތްތައް ބަލައި ފާސްކުރުމުގެ އިތުރުން އޭނަ ދިރިއުޅޭގެ ވަގުތުން ބްލޮކުގެ ދޮރުން ދޮރަށް ބަލައި ފާސްކުރުން ކުރިއަށް ގެންދެއެވެ. ހަމަ އެދުވަހުގެ ހަވީރު ފުލުހުން ހޮސްޕިޓަލްތައް ޗެކްކުރެއެވެ. މަންމައާ އޭނާ ދުރުވެފައިވާ ވާހަކަ މަންމަ ބުނެއެވެ. ޚަދީޖާގެ މޯބައިލްއަށް ގުޅައި، ފުލުހުންގެ ޑޭޓާބޭސް ޗެކްކުރެއެވެ. ޖެހިގެން އައި ދުވަހު ފުލުހުން ޚަދީޖާ ގެއްލިގެން ރިޕޯޓްކުރި ފަރާތާއި، އޭނާގެ ނަފްސާނީ ޞިއްޙަތާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އޭނާ ދައްކަވާ ޑޮކްޓަރާއި، ކުރީގެ އެކުވެރިއަކާއި ބައްދަލުކުރެއެވެ. އަދި ޓްރާންސްޕޯޓް ކުންފުނިތަކާ ގުޅައެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ޔުނިޓުން ޚަދީޖާގެ ބޭންކް އެކައުންޓުގެ ތަފްސީލުތަކުގެ ތަޙްލީލެއް ވެސް ފޯރުކޮށްދެއެވެ. އޮފިސަރުން އޭނާގެ ފްލެޓް އިތުރަށް ބަލައިފާސްކުރެ އެވެ. އެދުވަހުގެ މެންދުރު ފަހު ނޫސްބަޔާނަކާއި ޚަދީޖާގެ ފޮޓޯ ނެރެއެވެ. ޚަދީޖާގެ ފްލެޓުން ރަސީދެއް ފެނުމުން ސީސީޓީވީ ފޫޓޭޖް ބަލާލުމަށް ވެސް އޮފިސަރަކު ސުޕަމާކެޓަކަށް ޒިޔާރަތްކުރެއެވެ. މުޅި މެންދުރާއި ހަވީރު ވެސް ޚަދީޖާގެ ޢާއިލާ އާއި ރައްޓެހިންނާ އިތުރު އިންޓަވިއުތައް ކުރިއަށް ގެންދާއިރު، އޭގެ ތެރެއިން ބައެއް އިންޓަވިއުތަކުން އޭނާގެ ނަފްސާނީ ޙާލަތް ހާމަވެއެވެ. މިގޮތުން ކުރިން ވެސް އޭނާ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. ޚަދީޖާގެ މަންމަ 21:30 ގައި ގުޅައި ޚަދީޖާ ގެއްލިދާނެ ސަބަބުތަކާ ބެހޭ ގޮތުން ވެސް ޚިޔާލުތައް ފޯރުކޮށްދެއެވެ.

ތިން ވަނަ ދުވަހު، ޚަދީޖާ ގެއްލުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ފުލުހުން އޭނަގެ ރައްޓެހިންނާއި، އެކުވެރިންނާ އިތުރު އިންޓަވިއުތަކެއް ކުރިއަށް ގެންދާއިރު، އެ ދުވަހު ބަލާ ފާސްކުރުމުގެ ރިވިއުއަކަށް ފަހު މައްސަލަ ހައިރިސްކްގެ މައްސަލައެއްގެ ގޮތުގައި ގިންތި ކުރެއެވެ. ކުރިން އަމިއްލައަށް މަރުވާން އުޅުނު ދުވަސްވަރުންސުރެ ޑިޕްރެޝަން ގެ ބަލިމަޑުކަމެއްގައި ޚަދީޖާ ތަހައްމަލް ކުރާކަން އެނގެއެވެ. ނަމަވެސް ބަލައި ފާސްކުރުމަށް އިރުޝާދުދޭ ފަރާތުން އަދިވެސް ލަފާދެނީ އޭނާ އަމިއްލައަށް މަރުވެފައި އޮވެދާނެކަމަށެވެ. އަދި ކުރީގެ ކޭސްތަކަށް ބިނާކޮށް އެންމެ ގާތް ގޮތްތަކަކީ ގެނބިގެން ނުވަތަ ދަންޖެހުން ކަމަށްްވެސް ލަފާކުރެއެވެ. އަދި ފުލުހުން އިތުރު މީޑިއާ އިލްތިމާސްތައް އިންތިޒާމްކޮށް، ވަށައިގެންވާ ސަރަހައްދުތައް ޗެކްކުރުމަށް ސްކައިވޮޗް (މައިކްރޯ ލައިޓް ޕައިލެޓުންގެ ވޮލަންޓިއަރ ގްރޫޕެއް) އާއި ގުޅިގެން މަސައްކަތް ކުރެއެވެ. އަދި ކަނޑުއަޑި ބަލައި ފާސްކުރާނެ ބަޔަކު ޤާާއިމް ކުރުމަށްވެސް ވިސްނައެވެ.

ހަތަރު ވަނަ ދުވަހު ސްކައިވޮޗާއި، ފުލުހުންގެ ކުއްތާ ބޭނުންކޮށްގެން އެސަރަހައްދު ބަލައި ފާސްކުރެއެވެ. މައްސަލަ ރިވިއު ކުރުމަށް ފަހު މައްސަލަ ސީއައިޑީއާ ހަވާލުކުރުމަށް ވިސްނައެވެ. ނަމަވެސް ވަގުތީ ގޮތުން އިތުރު މަސައްކަތްތައް ކުރަނީ ޔުނީފޯމްގައި ތިބި އޮފިސަރުން ގެއިން ގެޔަށް ބަލައި ފާސްކުރުމާއި، ޚަދީޖާގެ ލޯބިވެރިޔާ އަލުން އިންޓަވިއު ކުރުމާއި، ޚަދީޖާގެ ލެޕް ޓޮޕް ތަޙްލީލް ކުރުމަށެވެ. ފަސް ވަނަ ދުވަހު އިތުރު ޗެކްތައް ކުރެެވެއެވެ. މިގޮތުން އޭނާގެ ބޭންކް އެކައުންޓު އެކްޓިވް ކަމަށް ފެންނާތީ، އޭނަގެ ޕާސްޕޯޓް ސައްހަތޯއާއި، އެއްވެސް އެހެން ފަރާތަކާއި ގުޅުމެއް އޮތްތޯ ބަލައެވެ. އަދި ބަލާ ފާސްކުރުމަށް އިތުރު ލަފާތަކެއް ދީފައި ވަނީ ސަރޗް ސްޓްރެޓެޖީގައި މިހާރު ފޯކަސް ކުރަން ޖެހޭނީ އަމިއްލައަށް މަރުވެދާނެ ތަންތަން ބެލުމަށް ކަމަށެވެ. ހަ ވަނަ ދުވަހު ޚަދީޖާގެ މޯބައިލް ފޯނު ބެލުމަށް އިތުރު މަސައްކަތްތަކެއް ކޮށް، އޭނާގެ ބޭބެއިންގެ ތެރެއިން އެކަކުގެ ގެ ބަލައިފާސްކުރެއެވެ. ހަތް ވަނަ ދުވަހު އާންމުންގެ މީހަކު ފުލުހުންނާ ގުޅައިގެން ރިޕޯޓް ކުރާގޮތުގައި، އޭނާގެ ކުއްތާ ހިންގުވަން ނުކުމެ އުޅެނިކޮށް ވަލު ސަރަހައްދެއްގައި ނިދާފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އޮފިސަރުން އެތަނަށް ދިޔައިރު އެތަނުން ގާތްގަނޑަކަށް އެއް މޭލު ދުރުގައި ހުރި ޓެންޓުގައި ނިދާފައި އޮތެވެ. އެތަނުން ޚަދީޖާ ޕޮލިސް ސްޓޭޝަނަކަށް ގެންގޮސް އަމިއްލައަށް މަރުވެދާނެ މީހެއް ނޫން ކަމަށް ޑޮކްޓަރަކު ކަށަވަރުކުރުމުން ޚަދީޖާގެ ޢާއިލާއާއި އޭނާ ޙަވާލުކުރެއެވެ.

އާދަމް ހޯދުމުގެ މަސައްކަތް: ގެއްލިގެން ތިން މަސް

އައު އަހަރުގެ އީދު ޕާޓީއެއްގައި ބައިވެރިވިތާ ދެދުވަސް ފަހުން 19 އަހަރުގެ އާދަމް ގެއްލިގެން މަންމަގެ ފަރާތުން ރިޕޯޓް ކުރަނީ ޕާޓީއަށްފަހު އޭނާ ފެނިފައި ނުވާތީއެވެ. ރިޕޯޓް ލިބުނުތާ ގަޑިއެއް ފަހުން 15:45 ގައި ޔުނީފޯމް އަޅައިގެން ތިބި ދެ އޮފިސަރަކު އެ ގެއަށް އައިސް ގޭތެރެ ބަލާ ފާސްކުރެއެވެ. މިގޮތުން ދާދިފަހުން ނަގާފައިވާ ފޮޓޯއަކާއި، އޭނާގެ މޯބައިލް ފޯނާއި، އޭނާގެ ބޭންކު އެކައުންޓުގެ ތަފްޞީލް ފުލުހުންނަށް ފެނެއެވެ. އޭނާގެ އަންހެން ކޮއްކޮ އާއި އިންޓަވިއުކޮށް، އެންމެ ފަހުން އޭނާ ފެނުނު ސަރަހައްދާއި އެމީހުންގެ ގެއާއި ދެމެދު ބެލުމަށް ސީސީޓީވީއަށް އެދިފައިވެއެވެ. އަދި ފުލުހުންނާއި ހޮސްޕިޓަލްތަކުގެ ޑޭޓާބޭސްތައް ވެސް ޗެކް ކުރެއެވެ. ދެވަނަ ދުވަހު ނޫސްބަޔާނެއް ނެރެ، އެންމެ ފަހުން ފެނުނު ތަނުން ފެށިގެން އޭނާގެ ގެއަށް ދާ މަގު އަލުން ބަލާ ފާސްކުރެއެވެ. އާދަމްގެ ކޮޓަރިން ގެއްލިދާނެ ސަބަބެއް އެނގޭފަދަ އެއްޗެއް ހޯދުމަށް ތަމްރީނު ލިބިފައިވާ އޮފިސަރުން ބަލައި ފާސްކޮށް، ކޯރު ބަލައި ފާސްކުރުމަށް ޑައިވް ޔުނިޓެއް ފޮނުވައެވެ.

ތިން ވަނަ ދުވަހު ދޮރުން ދޮރަށް ބަލައި ފާސްކުރެއެވެ. އޭގެ އިތުރުން އޭނާ ދިޔަ މަގުމަތީގައި ހުރި ބިންތަކާއި އިމާރާތްތައް ޗެކްކުރުމާއި، ޕާޓީ ބޭއްވި ގެ ބަލައި ފާސް ކުރެއެވެ. އަދި މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމައެވެ. ޖެހިގެން އައި ދުވަހުގެ އޭނާ ގެއްލިދާނެ ސަބަބާއި އޭނާ ހުރެދާނެ ތަނަކާ ބެހޭގޮތުން ހޯދުމުގެ މަސައްކަތް އިންޓެލިޖެންސް މެދުވެރިކޮށް ކުރިއަށް ގެންދެއެވެ.

ބާރަ ވަނަ ދުވަހު އާދަމްގެ މަންމަގެ އެދުމުގެ މަތިން އާދަމް ހޯދުމުގެ މަސައްކަތް މަޑުޖައްސައެވެ. ޖެހިގެން އައި ހަފްތާތަކުގައި އާއިލާއިން އާދަމް ހޯދުމަށްކުރާ އަމިއްލަ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުން ކުރެއެވެ. އޭނާ ގެއްލުނުތާ ދެމަސް ފަހުން ކުރިން ބަލައިފާސްކުރި ކޯރުން ބޫޓެއްގެ އެއްކިބަ ފެނުމުން އެއީ އާދަމްގެ އެއްޗެއްތޯ ބެލުމަށް ޑީއެންއޭ ބޭނުންކޮށްގެން މަސައްކަތް ކުރެއެވެ. ގެއްލުނުތާ ގާތްގަނޑަކަށް ތިން މަސް ފަހުން ކޯރުން، މީހަކަށް ޒުވާނެއްގެ ހަށިގަނޑު ފެނިފައިވާއިރު، އާދަމް ގެއްލުނުއިރު ލައިގެން ހުރި ހެދުންތަކާ އެއްގޮތް ހެދުމާއި، ފައިގައި ބޫޓު ކިބައެއް ހުއްޓާ ފެނެއެވެ. ފެނުނު ހަށިގަނޑަކީ އާދަމްގެ ހަށިގަނޑުކަން ކަށަވަރުވުމުން އޭނާގެ މަންމައަށް އެކަން އަންގައެވެ.

ތަޙްޤީގުގެ އިޖްރާއަތްތައް

މި ތިން މައްސަލަ މުރާޖަޢާ ކުރުމުން ކުރެވޭ އިޙްސާސަކީ، މީހުން ގެއްލިގެންދާ ހާލަތްތަކުގެ ތަފާތު ކަމުގެ އިހުސާސެވެ. މިސާލަކަށް: ޤަމަރާއި، ޚަދީޖާގެ ހާލަތުގައި "ގަސްދުގައި" އާދަމްގެ ހާލަތުގައި "ގަސްދެއް ނެތި" އެވެ. ނަމަވެސް ފުލުހުންގެ އިންވެސްޓިގޭޓިވް މެތޮޑޮލޮޖީ ވަރަށް އެއްގޮތެވެ. ފުލުހުން ޢަމަލުކުރުމުގައި ތަބާވާ އިޖްރާއަތްތަކުގައި ތަރުތީބެއް ވެއެވެ. އެއީ ވަގުތާއި ޙާލަތަށް ރިޢާޔަތް ކުރެވިގެން ނިންމޭ ނިންމުންތަކެކެވެ. މިގޮތުން "ގެއްލިފައިވާ" މީހަކާއި، "މަރުގެ މައްސަލައެއްގައި ހޯދޭ" މީހަކާ ތަހުގީގު ކުރުމުގެ އުސޫލުގައި ހުރި އެއްގޮތްކަން ފާހަގަވެއެވެ. ފުލުސް އޮފިސަރަކު ފާހަގަކުރި ގޮތުގައި މީހަކު މަރުވި ސަބަބު ދެނެގަތުމަށް ނުވަތަ މީހަކު މަރުވަނީ ކީއްވެގެންކަން ހޯދަން ބޭނުންނަމަ، އެމީހުން އުޅުނު ގޮތް ހޯދަން ޖެހޭނެއެވެ. މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އެމީހުން މަރުވީ ކީއްވެގެން ކަމެއް ދެނެގަތުމަށް އެހީތެރިވެދޭނެއެވެ. މިފަދަ ގޮތަކަށް [ގެއްލިފައިވާ މީހެއްގެ] ދިރިއުޅުމުގެ ވައްޓަފާޅި އެނގޭނަމަ އެމީހުން ހޯދުމަށް އެހީތެރިވެދޭނެ ކަމަށާއި އެމީހުން ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މަރުގެ ތަހުގީގު ކުރާ ފަރާތްތަކަށް ތަހުގީގެއްގައި ޕްރޮފެޝަނަލް ގައިޑްލައިނެއް މުހިއްމުވާ ފަދައިން، ގެއްލިފައިވާ މީހުންގެ ސުވާލުތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ގައިޑްލައިން މުހިއްމުވާނެއެވެ. އެއީ ގެއްލިގެން ހޯދަމުންދާ މީހުން މެނޭޖްކުރުމަށާއި، ރެކޯޑުކޮށް، ތަޙްޤީގު ކުރުމަށެވެ. ރިޕޯޓްކުރުމާއި، ރިސްކް ވަޒަންކުރުމާއި، ތަހުޤީގުގެ އިޖްރާއަތްތަކާއި، އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން ފަދަ ދާއިރާތަކެވެ.

މި ތިން މައްސަލައިންވެސް އެނގޭ ގޮތުގައި ގެއްލިފައިވާ މީހުންގެ ރިޕޯޓްތައް އާންމުކޮށް އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އަންނަނީ ފޯނު ކޯލެއްގެ ޒަރީޢާއިންނެވެ. އެހެންކަމުން ރިޕޯޓަކާ އެންމެ ފުރަތަމަ މުއާމަލާތްކުރާ މީހަކީ އާންމުކޮށް ކޮންޓްރޯލް ރޫމެއްގައި ހުންނަ "ކޯލް ހެންޑްލަރ" އެކެވެ. ނަމަވެސް ގިނަ ޙާލަތްތަކުގައި ގެއްލިގެން ހޯދަމުންދާ މީހެއްގެ ރިޕޯޓްތަކަކީ އޮޅުން ބޮޅުން ބޮޑު ރިޕޯޓްތަކެކެވެ. މިސާލަކަށް، ގެއްލިފައިވާކަން ރަސްމީކޮށް ރިޕޯޓްކުރުމަށްވުރެ، ފަހަރެއްގައި އެނބުރި އަންނަން ލަސްވުމުން ކަމަށް ވެދާނެ ކަމަށް ގުޅާ މީހާ ބުނުމަކީ އާންމު ކަމެކެވެ. އެހެންކަމުން ފުލުހުންގެ ފުރަތަމަ ޖަވާބު ފޯކަސް ކުރެވެނީ "ހާލަތުގެ މާނައެއް" ގާއިމްކުރުމަށާއި، ޚާއްޞަކޮށް އެމީހަކަށް ނުރައްކަލެއް ކުރިމަތިވެދާނެތޯއާއި، އެމީހަކު ގެއްލުމާ މެދު ޝައްކުކުރެވޭ ކަމެއް އޮތްތޯ ވަޒަންކުރުމަށެވެ. ސުވާލުތަކެއް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ އިޖްރާއަތަކަށް ތަބާވެ، ކޮންޓްރޯލް ރޫމްގެ ތެރޭގައި ހުންނަ ސީނިއާ ޑިއުޓީ ޕޮލިސް އޮފިސަރަށް ފުލުހުންގެ ޖަވާބުދާރީވުމުގެ އެކަށީގެންވާ ފެންވަރެއް ކަނޑައެޅިގެން އެކަށީގެންވާ މައުލޫމާތު އެއްކުރުމަށް ކޯލް ހެންޑްލަރ މަސައްކަތް ކުރާނެއެވެ. އާންމުކޮށް ކޯލް ހެންޑްލަރަކު ކުރާ ސުވާލުތައް އަމާޒުކުރެވެނީ ބަޔާންކުރާ ކަންކަން ޤާއިމުކުރުމަށެވެ.

  • ކަންބޮޑުވާ ކަމަކީ ކޮބައިތޯ؟
  • މިއީ ޢާއްމު ސުލޫކާއި ދުރު ކަމެއް ހެއްޔެވެ؟
  • އެމީހަކު ޞިއްޙީ ގޮތުން ވަކި ބޭނުންތަކެއް ހުރިތޯ؟
  • އެމީހަކު ކުށްކުރުމުގެ ފުރުޞަތު އޮތްތޯ؟
  • އެމީހަކީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްތޯ ނުވަތަ ޖިންސީ ގޯނާގެ ނުރައްކާ އޮތް މީހެއްތޯ؟
  • އެމީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑު ހެއްޔެވެ؟
  • އެމީހަކު އެހެން މީހުންނަށް ނުރައްކަލެއް ފޯރުވަފާނެ ހެއްޔެވެ؟

ބަޔާން ކުރެވުނު ގެއްލިފައިވާ މީހުންގެ މައްސަލަތަކާ ގުޅުންހުރި ތަހުޤީގީ އިޖްރާއަތަށް ބަލާއިރު، ފުލުހުންގެ ފުރަތަމަ ޖަވާބުން ފެށިގެން، ބަލައި ފާސްކުރުމާއި، މަޢުލޫމާތު ހޯދުމާއި، އެމީހަކު ފެނުމުން ޢަމަލުކުރާ ގޮތް ސާފެވެ. ތަހުޤީގުތައް ވަކި އުޞޫލަކަށް ތަބާވާކަން ސާފުވެއެވެ.

އެހެންނަމަވެސް ކުރިންވެސް ފާހަގަ ކޮށްފައިވާފަދައިން، ގެއްލިފައިވާ މީހުންގެ ތަޙުޤީޤުތަކުން ފުލުހުންގެ ވަސީލަތްތަކަށް ވަރަށް ބޮޑު ޑިމާންޑެއް ރައްޔިތުން ކުރިނަމަވެސް އަމާޒެއް ނެތި، އިޖްރާއަތެއް ނެތި، ރަނގަޅު އިރުޝާދެއް ނެތުމުން މިފަދަ މައްސަލަތައް ބެލުމުގައި ދިމާވާ ގޮންޖެހުންތައް އިތުރަށް ބޮޑުވެގެންދާނެއެވެ. ގެއްލިފައިވާ މީހެއްގެ ރިޕޯޓަށް ޢަމަލުކުރުމަށް އާ އީޖާދީ އަދި އީޖާބީ އުޞޫލެއް ޤާއިމް ކުރަންޖެހެއެވެ. ފުލުހުންގެ ޖަވާބު "މީހެއްގެ ފުރާނައަށް އޮތް ނުރައްކަލަށް" ބިނާކޮށް ގިންތި ކޮށްގެން މަސައްކަތް ކުރުން މުހިއްމެވެ. މިފަދަ މީހުންގެ މައްސަލަތައް ގިންތިކުރެވެންވީ ނުފެންނަހާ ހިނދު، "ގެއްލިފައިވާ" މީހެއްގެ ބަދަލުގައި "ނެތް" މީހެއްގެ ގޮތުގައި ކަމަށް ފެނެއެވެ. ނަމަވެސް "ނެތް" މީހެއްގެ ގޮތުގައި ބަލަންޖެހޭނީ، މީހެއްގެ ފުރާނައަށް ގެއްލުން ކުރިމަތިވެދާނެ ކަމަށް ޤަބޫކުރެވޭ މިންގަޑުން ވަޒަންކުރުމަށް ފަހުއެވެ.

މި ބާވަތުގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި އިޖްރާއަތް މުހިންމު ނަމަވެސް މިފަދަ ރިޕޯޓްތަކާއި ގުޅިގެން ފުލުހުން އަޅާ ފިޔަވަޅުތަކާއި، މަސައްކަތްކުރާގޮތް ބިނާކުރުމުގައި ހިމެނޭނީ ތަޙްޤީގުތައް ކުރިއަށް ގެންދަންވީ ގޮތުގެ ސިޔާސަތާއި ނުވަތަ އިޖުރާއަތާއި އެކުއެކީގައި ހުނަރުތަކާ ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ހުނަރުވެރި ފުލުހުންގެ މަސައްކަތުގެ މައްޗަށެވެ.

ގެއްލިގެން ހޯދާ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުޞު ބޮޑުނަމަ، ވީއެންމެ އަވަހަކަށް، "ޕޮލިސް ސަރޗް އެޑްވައިޒަރ" ގެ ތަޖުރިބާއާއި ލަފާ އެމައްސަލައެއްގައި ހޯދުން މުހިއްމުކަމަށް ފެނެއެެވެ. މިފަދަ ފަރާތެއް މިވަގު ނެތް ނަމަ، ތައުލީމާއި ތަމްރީނު ދީގެން އުފައްދާ "ޕޮލިސް ސަރޗް އެޑްވައިޒަރ" އުފައްދަންވީ ގެއްލޭ މީހުން ހޯދުމުގެ އިސްތިރާޖީ ކަނޑައެެޅުމަށް އެކަންޏެއް ނޫނެވެ. ނިރުބަވެރި އިންޒާރުތަކަށް ރައްދު ދިނުމަށާއި، ޖިނާއީ ތަޙްގީގުތަކާއި، ޚާއްޞަކޮށް މަސްތުވާތަކެއްޗާއި، ހަތިޔާރު ހޯދުމާއި ގުޅޭ ތަހުގީގުތަކަށެވެ. ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ ތަފާތު މުއައްސަސާތައް ގުޅިގެން ހިންގޭ ތަޙްޤީޤުތައް ހިންގުމުގައި ސިޔާސަތު ކަނޑައެޅުމަށެވެ.

2012 އިން 2019 އަށް ބަލާއިރު 32 މީހުން ގެއްލުމުގެ މައްސަލަ ހުށަހެޅިފައިވެއެވެ. 24 މައްްސަލައެއްގެ މަރުގެ ތަހްޤީޤު ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ މަރު ކޮމިޝަނުން ތަހްޤީޤު ކުރައްވަމުން ގެންދެއެވެ. ތުހުމަތު ކުރެވޭ މަރުތަކާއި ގެއްލިގެން ރިޕޯޓްކުރެވޭ މައްސަލަތައް ދިވެހިރާއްޖޭގައި އިތުރުވަމުން ދިޔަނަމަވެސް މިފަދަ މައްސަލަތަކާއި ގުޅިގެން ހިންގޭ ތަޙްޤީޤުތަކުގައި މުހިއްމު ފިޔަވަޅުތައް ނޭޅި، ޙަޤީޤަތްތައް ނުހޯދި، ތަޙްޤީޤުތައް ފުރިހަމަ ނުރެވޭކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ފަހުގެ ތާރީޚު ތަކުގައި ގެއްލިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ތެރެއިން ޝީރީނުގެ މަރުގެ މައްސައާއި، ރިޟްވާނު ގެއްލުނު މައްސަލައާއި، ޝިމާ ގެއްލުނު މައްސަލައާއި، މަޙުމޫދުގެ މައްސަލަފަދަ މައްސަކަތަކުގެ ކޭސް ފައިލްތައް ބޭނުންކޮށްގެން ގެއްލިފައިވާ މީހުންގެ ތަހުޤީގުތައް ތަފްޞީލީ ގޮތެއްގައި ބަލާ ދިރާސާ ކުރަންޖެހެއެވެ. އެއީ މިފަދަ މައްސަލަތަކުގައި ފުލުހުންގެ ވަސީލަތްތައް ބޭނުންކުރެވޭގޮތް ހަރުދަނާކޮށް، އީޖާދީ އުޞޫލުތަކާއި އިޖްރާއަތްތައް ތަރައްޤީކޮށް ޤާއިމްކުރުމަށްޓަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް