މާލޭ ރާޅުގަނޑު ސަރަަހައްދުގައި ކުރިއަށްދިޔަ ގައުމީ ސާފިންގ ލީގު ކާމިޔާބުކޮށް، ގައުމީ ޗެމްޕިއަންގެ ޝަރަފް އަހްމަދު އާގިލް ހޯދައިފިއެވެ.

މެންސް އޯޕަން ބައިގެ ޗެމްޕިއަން މުހައްމަދު އިރުޝާދު
ރަންނަމާރި ޗެލެންޖުގެ މެންސް އޯޕަން ބައިގެ ޗެމްޕިއަނަކީ މުހައްމަދު އިރުޝާދެވެ.

ވިމެންސް އޯޕަން ބައިގެ ޗެމްޕިއަން އާޔާ ނަސީމް
ވިމެންސް އޯޕަން ބައިގެ ޗެމްޕިއަނަކީ އާޔާ ނަސީމް އެވެ. ރަނަރަޕް އަކީ ނާހާ ނަސްރުﷲ އެވެ. ތިންވަނަ ހޯދީ ރިޝްތާ ސުޖާއެވެ.

މާސްޓާސް ޑިވިޝަނުގެ ޗެމްޕިއަން އަހްމަދު ރަޝީދު
މާސްޓާސް ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އަހްމަދު ރަޝީދު އެވެ. ވިޝާލް އަލީ ދެވަނަ ހޯދިއިރު މިބައިގެ ތިންވަނަ ހޯދީ އިބްރާހިމް އަރީފް އެވެ.

ސްޓޭންޑް އަޕް ޕެޑަލް (އެސްޔޫޕީ) އިވެންޓުގެ ޗެމްޕިއަން ފުކޫ
މީގެއިތުރުން ގައުމީ ސާފިންގ ލީގުގެ ފަހު މުބާރާތް، ރަންނަމާރި ޗެލެންޖުގެ ސްޓޭންޑް އަޕް ޕެޑަލް (އެސްޔޫޕީ) އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ އަރީފް (ފުކޫ) އެވެ. މި އިވެންޓުގެ ޗެމްޕިއަންކަން ފުކޫ ހޯދީ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މުހައްމަދު މުއާޒް ބަލިކޮށްގެންނެވެ.
އިވެންޓުގެ ތިންވަނަ ހޯދީ މިދިޔަ އަހަރުގެ ރަނަރަޕް މުހައްމަދު ތޮއްލަމް އެވެ. މިދިޔަ އަހަރުގެ އިވެންޓުގައި ފަސް އެތުލީޓުން ވާދަކުރިއިރު މިފަހަރުގެ އިވެންޓުގައި ޖުމްލަ 6 އެތުލީޓަކު ވާދަކުރިއެވެ. އެއީ މިފަހަރުގެ ޗެމްޕިނާއި ރަނަރަޕް އަދި ތިންވަނަ ހޯދި އެތުލީޓުންގެ އިތުރުން އަހުމަދު އިރުފާން އަލީ އާއި މޫސާ ރަޝީދު އަދި ތ. މަޑިފުށްޓަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އެތުލީޓެއް ކަމުގައިވާ ދާއިން ހުސެއިން އެވެ.

މަރުހަބާ ކަޕުގެ އެއްވަނަ، ޓީމް ރަސްމާދޫ
މިފަހަރު ކުރިއަށް ގެންދިޔަ މަރުހަބާ ކަޕަކީ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ޓީމު އިވެންޓުގައި މިފަހަރު އާ ފޯމެޓަކަށް ކުރިއަށްގެންދަން ނިންމި ބައެކެވެ. މިގޮތުން ހަތަރު ސާފަރުން ހިމެނޭ ގޮތަށް ރަށްރަށަށް ނިސްބަތްވާ ޓީމްތަކުން ވަނީ ވާދަކޮށްފައެވެ. ކޮންމެ ހީޓަކުންވެސް މޮޅުވަނީ އެ ޓީމެއްގެ ހަތަރު ސާފަރުންވެސް އެންމެ މަތިން ހޯދާ ރާޅުތަކުގެ ސްކޯތަކަށް ބެލުމަށް ފަހު ޖުމްލަ ސްކޯ އަކުންނެވެ.
މިގޮތަށް ބަލައިގެން މަރުހަބާ ކަޕުގެ ޓްރޮފީ އުފުލާލީ ރަސްމާދޫ ޓީމުންނެވެ. ޓީމް އިވެންޓުގެ ދެވަނަ ހޯދީ މިދިޔަ ފަހަރުގެ ޗެމްޕިއަން ގދ. ގައްދޫ އެވެ. އަދި ތިންވަނަ އަކީ މާލެ އެވެ.
މިފަހަރުގެ ޓީމް އިވެންޓުގައި ޖުމްލަ ހަ ރަށަކުން ވާދަކުރިއެވެ.
މަރުހަބާ ކަޕުގައި ރަސްމާދޫ ޓީމު ތަމްސީލުކުރީ ހުސެއިން އަރީފް (އިބޫ)، އަބްދުﷲ އަރީފް (ފުކޫ)، އިބްރާހިމް އަރީފް، އަދި މުހައްމަދު އާރިފް (ރިފޭ) އެވެ.