އިތުރު 'ސްޓާ ކިޑް' އެއް ބޮލީވުޑަށް ތަޢާރަފްކުރުމުގެ ޒިންމާ ކަރަންއަށް

އެކްޓަރު ސައިފް ޢާލީ ޚާންއާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް ޢަލީ ޚާން ބޮލީވުޑަށް ތަޢާރަފްވާނީ ކަރަން ޖޯހަރުގެ ފިލްމު ކުންފުނިންކަމަށް ކަށަވަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ޚަބަރުތައް ބުނާގޮތުން އިބްރާހިމް ފިލްމީ ދާއިރާއާ ގުޅެން ނިންމާފައިވާއިރު މިފިލްމުގެ ޢަމަލީ މަސައްކަތް ފެށި ފިލްމު ރިލީޒްކުރެވޭނީ އަންނަ އަހަރުގެތެރޭގައެވެ. އިބްރާހިމްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީއާއެވެ. ކަޔޯޒޭއަކީ 2016ވަނަ އަހަރު ދަރްމާއިން ގެނެސްދިން "ސްޓޫޑަންޓް އޮފް ދަ އިއާ"ގެ ހިއްސާއެކެވެ. މިފިލްމު އުފެއްދުމުގައިވެސް ކަޔޯޒޭވަނީ ކަރަންއާއެކު ވަރަށް ގާތުން މަސައްކަތްކޮށްފައެވެ.

އިބްރާހިމް މިހާރުވެސް އަންނަނީ ދަރްމާއިން އުފައްދާ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރަމުންނެވެ. މިފިލްމަކީ ބަތަލާ އާލިއާ ބަޓް އަދި އެކްޓަރު ރަންވީރް ސިންގް އެކީގައި ފެނިގެންދާ ފިލްމެކެވެ. އަދި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު 28ގައެވެ.

ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ބަތަލާ ސާރާ ޢަލީ ޚާންވެސްވަނީ ބޮލީވުޑަށް ތަޢާރަފްވެފައެވެ. އިބްރާހިމްއެކޭ އެއްގޮތަށް ސަރާވެސް ބޮލީވުޑަށް ތަޢާރަފްކުރަން އޭރު ކަރަން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް ސާރާވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ ފިލްމު "ކެދަރްނާތް"އިން 2008ވަނަ އަހަރު ބޮލީވުޑަށް ނިކުމެފައެވެ.

ބަތަލާ ސާރާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އަތްރަންގީ ރޭ"އިންނެވެ. ބަތަލާ ސާރާއާއި ކޮއްކޮ އިބްރާހީމްއަކީ ވަރަށް ގުޅޭ ދެބެއިންނެވެ. މި ދެކުދިންނަކީވެސް ސައިފްގެ މިހާރުގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރް ޚާންއާއި ވަރަށް ގާތްގުޅެއް އޮންނަ ދެބެއިންނެވެ.

comment ކޮމެންޓް