ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން ނުކުތުމަކީ ވަރަށް މުހިންމު ކަމެއް: ރައީސް

ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަގުބޫލުކަން އިތުރުކުރުމަށް ޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން އެ ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީޖީއެމް ޝެފްސް އެވޯޑްސް 2022"ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތައާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވާ މިންވަރަށް ދިވެހި ކަލިނަރީ ފަންނުވެރިން ނުއުފެދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މި ފަންނަކީ ދިވެހި ޒުވާނުން ކުރިމަތިލާން ރަނގަޅު ފަންނެއް ކަމަށާ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު ރާއްޖޭގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފެއްދުން ފަދަ އީޖާބީ މަސައްކަތެއް އުފަންކުރެވިއް ޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމަށާއި ގައުމަށް ލިބޭ ކުރިއެރުމަކާއި ރީތި ނަމަކަށް ވާނެކަން ފާހަގަކުރައްވާފައެވެ.

ރައީސަ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީޚުގައިވެސް، ކަލިނަރީ ދާއިރާއިން ޚާއްސަ އެވޯޑެއް ތައާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ހަފްލާގައި އެވޯޑް ހާސިލުކުރި ހުރިހާ ފަރާތްތަކަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސެވެ. އަދި މި ހަފްލާގައި "ޔަންގް ޝެފް އެވޯޑް"އާއި "ސޫ ޝެފްސް" އެވޯޑް" ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

comment ކޮމެންޓް