ޓޫރިޒަމް މިނިސްޓްރީއިން ލ. އިސްދުއަށް ފަތުރުވެރިކަމުގައި ފަންނީ ލަފާ ދިނުމަށް އެ ރަށުގެ ކައުންސިލާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމަށް ބިން ދޫކުރުމުގައާއި، ގެސްޓް ހައުސް ބިނާކުރުމަށް އެންމެ ރަނގަޅު ސަރަހައްދުތައް ކަނޑައެޅުމުގައާއި، ގެސްޓް ހައުސް ޕްލޭންކޮށް ޑިޒައިން ކުރުމުގެ އިތުރުން ބިން ހޯދައި، ގެސްޓް ހައުސް އިމާރާތް ކުރުމުގައި ބޭނުންވާ ހުއްދަތައް ހޯދަން މިނިސްޓްރީއިން އިސްދޫ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ޓަކައި މިއަދު މެންދުރު ފަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޞާލިޙް ވިދަޅުވީ މި އެއްބަސްވުމަކީ އިސްދޫގައި ފަތުރުވެރިކަން ފަށައިގަންނަން ހުޅުވުނު ދޮރެއްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އިސްދޫ ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިއީ ފަތުރުވެރިކަމުގައި ފަންނީ ލަފާދިނުމަށް ރަށަކާއެކު ވީ ދެވަނަ އެއްބަސްވުން ކަމަށެވެ. ނަމަވެސް އެއްބަސްވުމަކާ ނުލާވެސް ރަށްރަށަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.
"ކައުންސިލުން ކުރަންބޭނުންވާ ކަންކަން ކުރުމަށް މިއަދު ހުޅުވިގެން މިދިޔަ ދޮރު މީވަރަށް ބޮޑު ކުރިއެރުމެއް،" އަޙުމަދު ޞާލިޙް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ވިދާޅުވީ އެ ރަށަކީ ބިންބޮޑު ރަށެއްކަމަށެވެ. އަދި އާސާރީ ގިނަ ބިނާތަކެއް ހުންނަ ރަށެއްކަމުން މި ރަށަކީ ފަތުރުވެރިކަމަށް ރަނގަޅު ރަށެއްކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިއަދު ލިބިގެން މިދިޔަ ފުރުސަތަކީ އިސްދޫގައި ޓޫރިޒަމް ކުރިއަށް ގެންދިއުމަށްޓަކާ އަޅުގަނޑުމެން ކައުންސިލުގެ އަތުގަ ހިފައިގެން ޓޫރިޒަމް މިނިސްޓްރީން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުން،" ޚަލީލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އިސްދޫ ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޭނާ ވިދާޅުވީ، އިސްދޫގައި ފަތުރުވެރިކަން ކާމިޔާބުވާނެ ކަމާމެދު ވަރަށް ބޮޑު އުންމީދެއް އޮތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.