'އެއިޓީ ޓޫ އީސްޓް' އުފައްދައި، ސްކިންކެއާ ވިޔަފާރިއަށް ދީޕިކާ

ދުނިޔޭގެ ގިނަ ތަރިން ފަދައިން ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯންވެސް އަމިއްލަ ބްރޭންޑްއަކާއެކު ވިޔަފާރީގެ ދާއިރާ އަށް ނިކުމެއްޖެއެވެ.

ގްލޯބަލް އައިކޮން ދީޕިކާ ޕަޑުކޯން ވަނީ އޭނާގެ އަމިއްލަ ސްކިންކެއާ ބްރޭންޑް 'އެއިޓީޓޫއީސްޓް' އުފައްދާފައެވެ. މިއީ ސްކިންކެއާ އަށް ހާއްސަކޮށް އުފައްދާފައިވާ ގުދުރަތީމާއްދާތައް ހިމެނޭ އުފެއްދުމެެކެވެ.

ދީޕިކާ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އިންޑިއާ މީހުން ހަމުގެ ޒީނަތްތެރިކަމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައި ގުދުރަތީ ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ސްކިންކެއާ ބްރޭންޑެއް ކަމަށެވެ. އެގޮތުން، މި ބްރޭންޑްގެ ދަށުން 'އަޝްވަގަންދާ ބައުންސް މޮއިސްޗަރައިޒާ' އަކާއި 'ޕަޗޯލީ ގްލޯ ސަންސްކްރީން' އެއް ވަނީ ނެރެފައެވެ. މިއީ ހަމަށް ބޭނުންވާ ހައިޑްރޭޝަން ލިބިދޭ އުފެއްދުމަކާއި އަވީގެ ދޯދިން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދޭ އުފެއްދުމެކެވެ.

މިކަމާ ގުޅިގެން ދީޕިކާ ބުނެފައިވަނީ އޭނާގެ ސްކިންކެއާ ރޫޓިން އަކީ އަމިއްލަ ނަފްސަށް އަޅާލާ ގޮތަށް ވިސްނާ ކަމެއް ކަމަށެވެ. އަދި، ފައިދާ ލިބޭ ފަސޭހައިން ބޭނުންކުރެވޭ އުފެއްދުމެއް ހޯދުމަށް އަބަދުވެސް ސަމާލުކަންދޭ ކަމަށާއި މި އުފެއްދުންތައް މާކެޓަށް ނެރުމުގައިވެސް ވިސްނީ އެކަމަށް ކަމަށެވެ.

"މިދިޔަ ދެ އަހަރު މި ހޭދަވީ އިންޑިއާގެ ހާއްސަ އުފެއްދުންތައް ބޭނުންކޮށްގެން ޕްރިމިއަމް އުފެއްދުމެއް ގެނެސްދެވޭތޯ. މިއީ ފަސޭހައިން ބޭނުންކޮށްލެވޭ ހުރިހާ ހަމަކާ ގުޅޭ އަދި ސެންސިޓިވް ހަމާވެސް ގުޅޭ އުފެއްދުންތަކެއް. އަހަރުމެން ބޭނުންވަނީ ކޮންމެ މީހަކަށްވެސް ސްކިންކެއާ އަކީ ކުރާހިތުން ކުރާ ފަސޭހަ ކަމަކަށްވުން" ދީޕިކާ ބުނެފައިވެއެވެ.

ދީޕިކާގެ މި ބްރޭންޑްގެ ދަށުން އިތުރު އުފެއްދުންތައްވެސް ނެރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް