މަސައްކަތް ކުރަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އޮލިމްޕަސް ހުޅުވަން: މިނިސްޓަރު

މިނިސްޓަރު ޔުމްނާ މައުމޫން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޮލިމްޕަސް ސިނަމާގެ މަރާމާތުގެ މަސައްކަތްތައް ނިންމާ އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވަން މަސައްކަތްކުރާކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން އޮލިމްޕަސް ސިނަމާ ބަންދުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ސިނަމާ ބަންދު ކުރުމަށްފަހު މިއަހަރުގެ މާޗު މަހު އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ނަމަވެސް އެ މަސައްކަތް އަދިވެސް ނުނިމެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ އޮލިމްޕަސް ހުޅުވުން ލަސްވާ ސަބަބާ ބެހޭ ގޮތުން މިނިސްޓަރު ޔުމްނާއާ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިނަމާ ހުޅުވުން ލަސްވަނީ މަރާމާތުކުރަން ހަވާލުވި ކުންފުނިން ދުވަސްތަކަކަށްފަހު އެކަން ނުވާނެކަމަށް ބުނުމުންކަމަށެވެ.

އެކަމުގެ ސަބަބުން، މަރާމާތަށް ބޭނުންވާ ސާމާނު ރާއްޖެ ގެންނާނެ ބަޔަކު އަލުން ހޯދަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، މިހާރު އޭގެތެރެއިން ގިނަ ސާމާނު ގެނެސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ، ސިނަމާ ހުޅުވާއިރު ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖްކްޓަރެއް ހުންނާނެކަމަށެވެ. އަދި އޮލިމްޕަސް ހޯލްގައި މިއުޒިކާއި ސްޓޭޖް ޑްރާމާ ފަދަ ޝޯތައް ބޭއްވުމަށް ބޭނުންވާ ސްޓޭޖް ލައިޓްތައް ސައުންޑް ސިސްޓަމާއެކު ތައްޔާރުކޮށްފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއުޒިކް ޕްރެކްޓިސްކުރާނެ ދެ ރޫމް ތައްޔާރުކުރެވޭނެ. ސައުންޑް ސިސްޓަމްއާ އެކީގަ ޑާންސް ޕްރެކްޓިސްއަށް ވެސް ރޫމެއް ތައްޔާރުކުރެވޭނެ. މިއުޒިކާ އަދި ތަފާތު ކުޅިވަރުތައް ބޭއްވުމަށް އޮލިމްޕަސް ބެކްޔާޑުވެސް ތަރައްގީކުރެވި އެތަން ވެސް ބޭނުންކުރެވޭނެ ގޮތްތަކެއް ހެދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޮލިމްޕަސް --

މީގެ އިތުރުން، އޮލިމްޕަހުގައި ކެފޭ ސަރަހައްދެއް ގާއިމްކޮށް، އެތަނުގައި ފަންނުވެރިންނަށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޔުމްނާ ވިދާޅުވިއެވެ.

"އަދި އޮލިމްޕަހުގައި ހިނގާ ހަރަކާތްތައް އިސްތިހާރު ކުރެވޭނެ ސްކްރީންތަކެއް ބެހެއްޓިފައި ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޮލިމްޕަސް ހިންގައި ބަލަހައްޓަނީ ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިންނެވެ. އެންސީއޭއިން އެންމެ ފަހުން ބުނިގޮތުގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އޭގެ ފަހުން އެއް މަސް ފާއިތުވި ނަމަވެސް އަދިވެސް އެ ސިނަމާ ހުޅުވާފައިނުވެއެވެ.

އޮލިމްޕަސް ހުޅުވުން ލަސްވާތީ އާންމުންގެ އިތުރުން ފިލްމީ ތަރިންނާއި ފިލްމު އުފައްދާ މީހުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެކްޓަރު އަދި ޕްރޮޑިއުސަރު ސީޒަން އަލީ ޕޯސްޓުކުރި ޓިކްޓޮކެއްގައި ވަނީ މަރާމާތު ކުރުމުގައި މިއަހަރު އެއްކޮށް ނިމިގެންދާއިރު އޮލިމްޕަސް އަދިވެސް ހުޅުވޭ ގޮތް ނުވާ ކަމަށެވެ.

"އަދިވެސް މުޅި ތަން އޮތީ ބޮޑު ޖަންކްޔާޑެއް ހެން. އެއްވެސް ކަމެއް މިތާގައި ނިމިފައެއް ނެތް. ހަމަ އެއްވެސް ކަމެއް،" އޮލިމްޕަސް މިހާރު އޮތް ހާލަތު ކިޔައިދެމުން ސީޒަން ބުންޏެވެ.

ދިވެހި ފިލްމު އެޅުވުމަށް ޚާއްސަކޮށް ހުންނަ ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ހުޅުވީ 1959 ވަނަ އަހަރެވެ.

comment ކޮމެންޓް