ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި, އެޑިއުކޭޝަން މިނިސްޓްރީއިން މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފިއެވެ.
މި މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދައުވާއަކީ ސައްހަނޫން އަސާސެއްގެ މައްޗަށް ބިނާކޮށް ކުރި ދައުވާއެއްކަމަށެވެ.
މަންދު ކޮލެޖު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ، އެއްމަސް ތެރޭ 15 މިލިއަން ރުފިޔާ މަންދު ކޮލެޖު ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ.
މި ފައިސާ އެޑިއުކޭޝަން މިނިސްޓްރީން އެކުންފުންޏަށް ދައްކާފައިވަނީ ޖެހިގެންއައި މެއިމަހުގެ 20 ވަނަ ދުވަހުއެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މާލޭ ހައި ކުންފުނިން ބުނެފައިވަނީ އެޑިއުކޭޝަނުން ފައިސާ ދެއްކީ އެފައިސާ ދެއްކުމަށް އޮތް މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން ކަމަށެވެ.
މި މައްސަލައިގެ ހުކުމުގައި ސިވިލްކޯޓުން ރިޔާއަތްކޮށްފައިވަނީ، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ ހ. އަށެވެ. މި މާއްދާގައި ބުނެފައިވަނީ ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި، ބަލަންޖެހިއްޖެ ހިނދެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ދެކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި ކަމަށެވެ.
މި މާއްދާގައި ބުނާގޮތުން މި މައްސަލައިގައި ފައިސާ ދެއްކުމަށް ހުކުމް ކުރި ދުވަސް ނުހިމަނައި ގުނާނަމަ 30 ދުވަސް ހަމަވާނީ މެއިމަހުގެ 19 ވަނަ ދުވަހަށެވެ. އެހެންކަމުން މި މާއްދާގައި ބުނާގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް މެއިމަހުގެ 20 ވަނަ ދުވަހު ފައިސާ ދެއްކުމުގެ ފުރުސަތު ލިބިދެއެވެ.
މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާ އެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން އެއްބަސްވީ، 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކުރީ އެއްމަސް ތެރޭ 15 މިލިއަން ރުފިޔާގެ ބަދަލު މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ.
މި މައްސަލައިގައި މިދިޔަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އެސެސްމެންޓް ރިޕޯޓުން ދެއްކި ގޮތުގައި މާލޭ ހައި ކުންފުންޏަށް އެންމެ ބޮޑުވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަނެއްހާ ރުފިޔާއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން އެދުމުން އޮޑިޓް އޮފީހުން ތައްޔާރު ކުރި އެސެސްމަންޓެކެވެ.
އޭރުގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ އެ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ލަފާ ދީފައެވެ.
ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުން ކަމަށް އެސެސްމަންޓުގައިވެއެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ޚަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާއެވެ.
ދެވަނަ އަދަދަކީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ޚަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާއެވެ.
"އެ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ވެސް އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގައި ގޮތުގައި އިތުރަށް އެންމެ ގިނަވެގެން ވެސް ދޭން ޖެހޭނީ 1.28 މިލިއަން ރުފިޔާ އާއި 1.58 މިލިއަން ރުފިޔާގެ މާލީ ބަދަލެއްކަން ފާހަގަކުރެވެ އެވެ،" އެސެސްމަންޓުގައިވެއެވެ.