އޮސްޓްރޭލިއަން އޯޕެންގައި ވާދަކުރަން ޖޯކޮވިޗްއަށް ވިސާ ދީފި

ނޯވަކް ޖޯކޮވިޗް-- ފޮޓޯ/ގެޓީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގައި ވާދަކުރުމަށް އޮސްޓްރޭލިއާއިން ނޯވަކް ޖޯކޮވިޗަށް ވިސާ ދީފިއެވެ.

އޮސްޓްރޭލިއާގެ ގާޑިއަން ނޫހުން ބުނީ، ސާބިއާގެ ޖޯކޮވިޗް އޮސްޓްރޭލިއާއަށް އެތެރެނުވެވޭގޮތަށް އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. މިކަން މިހާރު އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އެންޑްރޭ ގިލްސް ޔަގީންކޮށްދެއްވާފައިވާ ކަމަށްވެސް ގާޑިއަނުން ބުނެއެވެ.

ޖޯކޮވިޗް އޮސްޓްރޭލިއާއަށް އެތެރެ ނުވެވޭގޮތަށް ޑީޕޯޓްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑް ވެކްސިން ނުޖަހައި އެ ގައުމަށް އެތެރެވުމަށް މަސައްކަތްކުރުމުންނެވެ.

ޖޯކޮވިޗް އެ ގައުމަށް ދިޔައީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވުމަށެވެ. އެފަހަރު އޭނާ ޑީޕޯޓްކޮށްފައިވަނީ އިމިގްރޭޝަން މިނިސްޓަރަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

މި މައްސަލައިގައި ޖޯކޮވިޗް ކޯޓަށް ދިޔަ ނަމަވެސް ކޯޓުން މައްސަލަ ނިންމާފައިވަނީ ޖޯކޮވިޗާ ދެކޮޅަށެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ކުރިން މިއަހަރު ޖޯކޮވިޗް ވާދަކުރާނެ އެންމެ ފަހު ޓެނިސް މުބާރާތަކީ އިޓަލީގެ ޓުރިންގައި މިހާރު ކުރިއަށްދާ ނިއްޓޯ އޭޓީޕީ ޓެނިސް މުބާރާތެވެ.

މި މުބާރާތުގައި ޖޯކޮވިޗް ވަނީ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕަސްއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.

comment ކޮމެންޓް