ނިރުފެހިގެ ސާފު ކުރަމުން ދަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެ

އަލިފާނުގެ ހާދިސާ ހިނގި ނިރުފެހި ގެ ތަޅާލުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި މި. ނިރުފެހިގެ ސާފު ކުރަމުން ދަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ، ނިރުފެހިގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މިއަދު މީހެއްގެ ފައިތިލަ ފެނިފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިއީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ގުނަވަން ކަމެއް ނުވަތަ އިތުރު މީހެއްގެ ގުނަވަނެއް ކަމެއް އަދި ކަށަވަރު ނުވާ ކަމަށެވެ.

ނިރުފެހިގެ ތަޅާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސްއިންނެއެވެ.

މިހާދިސާގައި 10 މީހަކު މަރުވެފައިވާއިރު، އެގެތެރޭގައި ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވި މީހުންގެ މައުލޫމާތު މިހާރުވަނީ ފޮރިން މިނިސްޓްރީއަށާއި އެ މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކާ ހިއްސާކޮށްފައެވެ. އަދި އެ މީހުންގެ ގައުމަށް ހަށިގަނޑު ގެންދަން ބޭނުންވާ އައިލާތަކަށް އެކަން ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ފޮރިން މިނިސްޓްރީއާއި އެމްބަސީތައް ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.

ނިރުފެހިގެއަކީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުރި އަދި ގިނަ އަދަދެއްގެ މީހުންގެ ދިރިއުޅޭ ގޮތަށް ކުދިކުދި ކޮޓަރިތައް ހަދާފައި ހުރި އިމާރާތެކެވެ.

އެ އިމާރާތުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

comment ކޮމެންޓް