އީޕީއޭއިން އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމާކޮށްފި

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ޖޫރިމަނާ ކުރިކަން ކަށަވަރުވެއްޖެއެވެ.

ޕްލެޓްފޯމު ވިލިމާލޭ އިރުމަތީ ފަރާތު ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ.

އެފްކޮންސް އިން ޕްލެޓްފޯމް ފުން ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެކަމާމެދު ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެ މަހުގެ 27 ވަނަ ދުވަހުއެވެ.

ފަސް ދޮޅަސް ނުވަ މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާކޮށް، އީޕީއޭއިން އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވަނީ "ސަން" އަށް ލިބިފައެވެ. އީޕީއޭއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ 69،411،800 ރުފިޔާއިންނެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ އަދަދު ދެއްކުމަށް ވެސް އީޕީއޭއިން ވަނީ އަންގާފައެވެ.

މިދިޔަ އާދިއްތަ ދުވަހު އީޕީއޭއިން ވަނީ އެ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި، އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހަށްވެސް ފޮނުވާފައެވެ.

އެކަމާއި ގުޅިގެން ސުވާލުކުރުމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ މިވަގުތަކީ ގާނޫނީ ގޮތުން އެ ސުވާލަށް ޖަވާބު ދިނުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ނައީމު ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަމަށާއި، އެހެންކަމުން އެފްކޮންސް ޖޫރިމަނާ ކުރިތޯ ނުވަތަ ނޫންތޯ އިއުލާނުކުރާނީ އެ މަސައްކަތްތައް ފުރިހަމަވުމުން ކަމަށެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެގޮތުން، 7.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް އެފްކޮން އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.

comment ކޮމެންޓް