ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ ބަލައިނުގަންނަ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިއަދެވެ.
އެ ކޯޓުން މި މައްސަލަ ބޭރުކޮށްލި ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ މައްސަލަ އަދިވެސް ހުށަހެޅޭނެއެވެ.
މަޖިލީހުގެ މެމްބަރުކަމުން ރައީސް ނަޝީދު ވަކިކުރުމަށް މިދިޔަ ބުދަ ދުވަހު، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވަނީ ގާނޫނީ ވަކީލް އަހްމަދު ތާލިބެވެ. އެއީ، ދާދިފަހުން މިސްރުގެ ޝަރްމުއްޝައިޚްގައި ބޭއްވި އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ނަޝީދު ވަޑައިގެންނެވުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ތާލިބު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ލަންކާ ތަމްސީލްކުރެއްވުމަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައިވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ.
މީގެ އިތުރުން އެމްޑީޕީ ތެރޭގައި މި މައްސަލަ ބޮޑުވެ ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.