ނަދީމް މަރާލިކަމުގެ ކުށް މަފާޒުގެ މައްޗަށް ސާބިތެއް ނުވި

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު: އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ --- ސަން ފޮޓޯ

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލިކަން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެ ހުކުމް ކޮށްފިއެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ހެކިބަސް އަނބުރާ ގެންގޮސްފައެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ.

މީގެ ކުރިން އެ މައްސަލައިގައި ދުއުލަތުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިންފަހުން މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ވެސް ހިންގާފައެވެ. ހެކިބަސް ދިނުމާ އެ މާރާމާރީތަކާ ގުޅިފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

comment ކޮމެންޓް