ޓެކްސް ބިލާ ދެކޮޅަށް އިދިކޮޅުން މުޒާހަރާއަށް

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން ރައްޔިތުންގެ މަޖިލިސް ކައިރި މުޒާހަރާކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ބައެއް އާންމު މެމްބަރުން ރައްޔިތުންގެ މަޖިލިސް ކައިރިއަށް މިއަދު މެންދުރުފަހު އެއްވެފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެސަރަހައްދުން ދުރަށް ޖައްސާފައެވެ.

އިދިކޮޅުން ބުނަމުން ގޮސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ޖީއެސްޓީ ބޮޑުކުރުމުން ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުން އެބޭފުޅުންގެ އަމިއްލަ މަންފާއަށްޓަކައި ތާއީދުކުރައްވާ ކަމެއް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައެވެ.

ޓެކްސް ބިލާ ދެކޮޅަށް އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން / ސަން ފޮޓޯ: މުހައްމަދު ހައްޔާން

އެ މީހުން މަޖިލިސް ކައިރިއަށް އެއްވެފައިވަނީ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ބިލަށް މިއަދު ވޯޓަށް އަހަން ތާވަލް ކުރުމުންނެވެ. ނަމަވެސް ވޯޓަށް އެހުމަށް ބޭނުންވާ ވަރަށް ޖަލްސާގައި އެވަގުތު ކޯރަމް ހަމަނުވާތީ، ރިޔާސަތުން ވަނީ ވޯޓަށް ނާހައި މަޖިލީހުގެ މިއަދުގެ ޖަލްސާވަނީ ނިންމާލާފައެވެ. އެއާއެކު މަޖިލީހުގެ ތަޅުން ވަރަށް ބޮޑަށް ހޫނުވެ ސަރުކާރަށް ތާއީދު ކުރާ ބައެއް މެމްބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށްފައެވެ.

މުޒާހަރާ ކުރަމުންދިޔަ ސަރަހައްދަށް ނުކުންނަވައި މީޑިއާއާއި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މިހާރުވެސް ބޮޑެތި ބޭކާރު ޚަރަދުތައް ކުރަމުންދާ ކަމަށާއި، ޚަރަދުތައް ހަމަޖެއްސޭނެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށެވެ.

"ސަރުކާރަށް ނޭނގެނީ ވެރިކަން ކުރަން. މި ނޫން ގޮތަކަށް ވެރިކަން ހިންގާނެ ބަޔަކަށް، ވެރިކަން ކުރަން ދަންނަ ބަޔަކަށް މިކަން ހަވާލުކުރެވިގެން ނޫން ގޮތަކަށް މިކަން ރަނގަޅެއް ނުކުރެވޭނެ. މި ސަރުކާރަށް ޚަރަދު ކުޑަކޮށްގެން ވެރިކަން ކުރާކަށްވެސް، އިގްތިސާދު ރަނގަޅު ކުރާނެ ގޮތެއްވެސް ނޭނގިގެން މި މައްސަލަތައް ކުރިމަތިވެގެން މިދަނީ." މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖީއެސްޓީ ރޭޓު ބޮޑުކުރަން ހުށަހަޅާފައިވަނީ ހަ ޕަސެންޓުން އަށް ޕަސެންޓަށެވެ. އަދި ޓީޖީއެސްޓީ ރޭޓު ބޮޑުކުރަން ހުށަހަޅާފައިވަނީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ. ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް ތިން ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށް ސަރުކާރުން މި ބިލް ހުށަހަޅާފައިވަނީ ސަރުކާރުގެ ރިކަރަންޓު ޚަރަދުތައް ހަމަޖެއްސުމަށެވެ.

މީގެއިތުރުން، ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު ޓުއާ އޮޕަރޭޓަރުންނާއި، ރިސޯޓު އޯނަރުންނާއި، ގެސްޓުހައުސް ހިންގާ ފަރާތްތަކުން ވަނީ ޓީޖީއެސްޓީ ބޮޑުކުރުމަކީ އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ބުނެފައެވެ.

comment ކޮމެންޓް