ރިވެލި މައުރަޒް ރައީސްގެ އަނބިކަނބަލުން ހުޅުއްވައި ދެއްވައިފި

މެޑަމް ފަޒްނާ ރިވެލި މައުރަޒު ހުޅުއްވައިދެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރު ކުރިއެރުވުމަށް ޖެންޑަރ މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ "ރިވެލި މައުރަޒް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ޖެންޑަރ މިނިސްޓްރީން އިންތިޒާމްކޮށްފައިވާ މައުރަޒެކެވެ.

ދަރުބާރުގޭގައި ބާއްވާ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މެޑަމް ފަޒްނާ ވަނީ މައުރަޒު ބައްލަވާލައްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މައުރަޒުގެ ބައިވެރިންގެ އުފެއްދުންތައް ހުށަހަޅާފައިވަނީ ފަސް ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ކާބޯތަކެތީގެ ދާއިރާ، ކުރެހުމުގެ ދާއިރާއާއި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިންނެވެ.

މި މައުރަޒުގައި 95 ބައިވެރިންގެ އެފެއްދުންތައް ދައްކާލާފައިވާއިރު، މިއުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެފުރުސަތުވެސް ޖެންޑަރ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މައުރަޒަށް ޒިޔާރަތްކޮށް ބަލާލަން ބޭނުންވާ ފަރާތްތަކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުން މިއަދާއި މާދަމާގެ ހެނދުނު 10:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް މައުރަޒު ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

comment ކޮމެންޓް