ނަސްރީނާގެ ހަނދާންތަކުން: އެ ދުވަހު ކުރީ އެންމެ ލޯބިވާ މީހުންނާ ވަކިވެދާނެކަމުގެ ހިތްދަތި އިހުސާސް

"1988ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހުގެ ރޭ، ބުރާސްފަތި ވިލޭރޭ އަޅުގަނޑުމެން ނިދަން އޮށޯތީ ވަރަށް ލަސްވި ފަހުން. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު ދަތުރުފުޅެއްގައި ފުރައިވަޑައިގަންނަވަން އޮއްވައި، އެ ދަތުރުފުޅު ކެންސަލްކުރެއްވުމުގެ ހިތްގައިމުކަންމަތީ ވަރަށް ހިތްހަމަ ޖެހިލައިގެން އެރޭ އަޅުގަނޑު ހުރީ،"

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)އިން ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި، އެ ދުވަހުގެ އުދުވާނުގެ ބިރުވެރި ހާދިސާގެ ވާހަކަ އޭރުގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހީމް ފުރަތަމަ ފަހަރަށް ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

މީގެ 34 ކުރީގެ އެ ބިރުވެރި މާޒީގެ ވާހަކަ ނަސްރީނާގެ ހަނދާންތަކުން އަދިވެސް ފިލައިނުދެއެވެ. އެ ކަމަނާ އެ ދުވަހުގެ ހާދިސާ ހިއްސާކުރެއްވީ އިއްޔެ ހިނގައިދިޔަ ހާދިސާއެއްގެ ގޮތުގައެވެ.

އެ ރޭ ރައީސް މައުމޫން އަބްދުލްގައްޔޫމު ހުންނެވީ ކުރިއަށް އޮތް އެ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައްކަވާނެ ވާހަކަފުޅުގެ ސްޕީޗު ލިޔުއްވާށެވެ. މައުމޫން މަސައްކަތްޕުޅައިގެން ކުރިއަށް ދިޔައިރު ނަސްރީނާ އިންނެވީ އެ ދެމަފިރިކަނބަލުންގެ އެންމެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫންގެ ސްޓޭމްޕް ފޮތުގައި ސްޓޭމްޕް ޖައްސަވާށެވެ.

އެ މަސައްކަތް ނިންމަވައިލެއްވުމަށްފަހު އަވަހާރަފުޅުލެއްޕެވީއެވެ. ނަމަވެސް ފަތިހުގެ ތެރެއިން ނިދިން ހޭލެވުނީ ބިރުވެރިކަން ގެނުވި ބާރުގަދަ އަޑުފަށްގަނޑަކާއެކުއެވެ.

އެ ރޭ އިރާކޮޅު ވިއްސާރަވެ މޫސުން ގޯސްވެފައިވުމުން އެއީ ހޮނު ގުގުރީގެ އަޑަށް ވެދާނެކަމަށް އެ ކަމަނާއަށް ހީފުޅުކުރެވުނެވެ. ނަމަވެސް އިވިވަޑައިގެންނެވި އަޑުތަކުން އެއީ ބަޑިޖަހާ އަޑުތަކެއްކަމަށް ވެސް ހީފުޅުކުރެވުނެވެ. އަދި ހަވާ އަރުވައި ބަޑިބޭހުގެ ގުދަނެއްގައި ރޯވެގެން އުޅެނީކަމަށް ވެސް ހީފުޅުކުރެވުނެވެ.

"އޭރު އަޅުގަނޑުމެން އުޅުނީ އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގައި. އަޅުގަނޑު ހަނދާންވާ ގޮތުން ދެން މައުމޫނު ގުޅުއްވީ ތީމުގޭ ސެކިއުރިޓީގައި ތިއްބަވާ ބޭފުޅުންނާ. ދެން އަޅުގަނޑުގެ ބޭބެ އިލްޔާހަށް،" ނަސްރީނާ ކިޔައިދެއްވިއެވެ.

މައުމޫންގެ އެ ފޯންކޯލުތަކަށް މާގިނަ އިރެއް ނުނަގައެވެ. ސިފައިންގޭގެ އެއިރުގެ ނައިބު ވެރިޔާ އިލްޔާސް އިބްރާހީމް ދެއްވި މެސެޖާއެކު ދެން މައުމޫން އެންގެވީ ތީމުގެއިން ނިކުތުމަށް އަވަހަށް ތައްޔާރުވުމަށެވެ.

އެމްއާރުއެމް އިން ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ނަސްރީނާ ވަހަކަދައްކަވަނީ -- ފޮޓޯ/ އެމްއާރްއެމް

އެހާ ހިސާބުން ނަސްރީނާ ވެސް ތައްޔާރުވެވަޑައިގަތެވެ. ރައީސް މައުމޫން ވެސް ތައްޔާރުވެވަޑައިގެން އޮފީސް ކޮޓަރިކޮޅަށް ވަޑައިގަތެވެ. މައުމޫންގެ ފަހަތްޕުޅުން ޣައްސާން ވެސް ދިޔައެވެ.

އޭރު ކާރުކޮޅު އޮތީ ވެސް ތައްޔާރަށެވެ. ނަމަވެސް އެ ވަގުތު އާދަމް ނައީމް (އޭއެމްޑީސީ ނައީމް) ދެއްވި ލަފަޔާއެކު މައުމޫން ނިންމެވީ ކާރުކޮޅު ގަރާޖަށް ލުމަށެވެ. އަދި ވަލު ދޮރާށިން ނިކުމެވަޑައިގެން މ. ހުދުއަސުރުމާގެއަށް ވަޑައިގަތުމަށް ނިންމެވިއެވެ.

"އާދަމް ނައީމް ތަންކޮޅެއް ކުރީގައި ހުންނަވައިގެން ، އަޅުގަނޑުމެން، އެއީ މައުމޫން، އަޅުގަނޑު، ޣައްސާން އަދި އަަޅުގަނޑުމެން ބަލަހައްޓާ ތިމާގެ ކުއްޖަކާއި ކުދިން ކައިރީ އުޅޭ އަންހެން ކުއްޖަކާއި ސެކިއުރިޓީއަކާ އެކީ ގެއިން ނިކުމެގެން ހިނގައިގަތީ. އެ ވަގުތު މައުމޫނަށް ފާހަގަކުރެވުނީ ސެކިއުރިޓީއަކަށް ހުންނެވި ބޭކަލަކު ހުންނެވީ ވަރަށް ހިތްވަރުގަދަ ކަންމަތީ އޭނާގެ އަތުގައި އޮތް ފިސްތޯލަ އުފުލައްވައިލައިގެން ކަންް،" ނަސްރީނާ ކިޔައިދެއްވިއެވެ.

ހުދުއަސުރުމާގެއަށް ވަދެވަޑައިގަތުމަށް ޓަކައި އެ ބޭފުޅުން ވަޑައިގަތް މަގުމަތީ އުދުވާނުގެ ބައިވެރިންގެ ތެރެއިން ސޯޓުލައި ހަތިޔާރު ހިފައިގެން ތިބި ދެ މީހަކު ފެނިވަޑައިގަތެވެ. އެ ކަން ވީ ލިބުނު ބޮޑު ހާސްކަމަކަށެވެ.

ނަމަވެސް އެ ހާސްކަން އިތުރުވީ ހުދުރުއަސުރުމާގެ ދޮރު ތަޅުލައިފައި ހުރުމުންނެވެ. އެހެންނަމަވެސް އެ ހިސާބަކީ ނަސްރީނާގެ ތިމާގެ މީހުންނާއި އެކުވެރި އަވަށްޓެރިން ދިރިއުޅޭ ހިސާބަކަށްވާތީ ކޮންމެ ގެއަކުން ވެސް އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެކަމާނާގެ އޮތެވެ.

އެެހެންވެ ދެން ވަޑައިގަތީ ޖެހިގެން ހުރި ގުލިސްތާނުގެއަށެވެ. އެ ގޭގެ ގޯތީގެ ދޮރާށި ހުރީ ހުޅުވައިފައެވެ. ނަމަވެސް ގޭތެރެއަށް ވަދެވޭ ދޮރު ހުރީ ތަޅުލައިފައެވެ. އެ ގެއަކީ ޣައްސާންގެ ބެސްޓްފްރެންޑުގެ ގެއެވެ.

އެހެންކަމުން ބަދިގެ ފަރާތު ދޮރުން އެ ގެއަށް ވަދެވަޑައިގަންނަން އެ ބޭފުޅުން ވަޑައިގަތެވެ. ހަމަ އެ ވަގުތު މުޅި އެ ހިސާބުން ކަރަންޓު ކެނޑުނެެވެ. އަދި އިވިއިވި ހުރި ބަންގީގެ އަޑު ކެނޑުނެވެ.

"ހީވީ މީހަކު މުދިމުގެ ކަރުގައި ހިފިހެން. އެއީ އަޅުގަނޑު ވަރަށް ދެރަވި ވަގުތެެއް،" ނަސްރީނާއަށް ކުރެވުނު އިހުސާސްތައް ބަޔާންކޮށްދެވިއެވެ.

ގުލިސްތާނުގެ ގެއަށް ވަދެވަޑައިގެން އެންމެ ފުރަތަމަ ވެސް ނަސްރީނާ އެދިވަޑައިގަތީ ދަތް އުނގުޅާ ބުރުހަކަށެވެ. "ދަތް ނުއުނގުޅާ ހުރެ މަރުވާން އުނދަގޫވާނެ"ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނޮވެމްބަރު 3 ގެ ބައެއް ފޮޓޯތައް -- ފޮޓޯ/ ޝިރާން، ނާއިންފަރުގެ

ގެއަށް ވަދެވަޑައިގެންނެވުމާއެކު މައުމޫން ރަށު ތެރޭގެ ހާލަތު އޮޅުން ފިލުއްވައި އެހީތެރިކަން ހޯދުމަށް ކޯލްތައް ކުރައްވަން ފެއްޓެވިއެވެ.

ނަމަވެސް ނަސްރީނާގެ ހިތްޕުޅަށް ވެރިވަމުން ދިޔައީ އެންމެ ލޯބިވާ ދަރިންނާ ދެން ބައްދަލުނުވެދާނެކަމުގެ ނުތަނަވަސް ޚިޔާލުތަކެވެ. އޭރު އެންމެ ދޮށީ ތިން ބޭފުޅުން ތިއްބެވީ ރާއްޖޭން ބޭރުގައެވެ.

"އަޅުގަނޑުމެންގެ ކުދިންނާ ދެން ދިމާނުވެދާނޭ ހިތަށް އެރުމުން އަޅުގަނޑު ބޭނުންވީ އެ ކުދިންނަށް ސިޓީއެއް ލިޔެފައި ބާއްވަން. ހަމަ ބުނެލަން އެ ކުދީން ދެކެ ލޯބިވާ ވަރާއި އެ ކުދީންގެ ފަރާތުން ހިތްހަމަޖެހުން ނޫނީ ލިބިފައިނުވާކަން،" ނަސްރީނާ ވިދާޅުވިއެވެ.

ނަމަވެސް އެ ސިޓީ ލިޔުއްވާކަން މައުމޫނަށް އެނގިވަޑައިގަތުމާއެކު ލިޔުއްވުން ހުއްޓާލަން މައުމޫން އެދިވަޑައިގަތެވެ. އެއާއެކު ނަސްރީނާ އެ ކަން ހުއްޓަވަައިލެއްވިއެވެ. ނަމަވެސް މަޔަކަށް އޭނާގެ ދަރިންގެ ހާލަތު ނޭނގި އެ ފަދަ ބޮޑު ނުރައްކަލެއްގެ ތެރޭ ހުންނަވަން ޖެހުމުން ކުރާނެ އަސަރު ނަސްރީނާއަށް ތަހައްމަލުކުރެވުނެވެ.

ގުލިސްތާނުގެއިން ލިބުނު ހިމާޔަތް ނަސްރީނާ ބަލައިގަތީ އުފަލާއެކުއެވެ. ސަބަބަކީ އަންހެނުންނާއި ކުޑަކުދިން ތިބި ގެއެއް ނަމަވެސް އެ ބޭފުޅުންނަށް ހިތްވަރާއެކު އެ ކަން ކޮށްދެއްވުމުންނެވެ.

ރަށުތެރޭ ހިނގަމުން އަންނަ ހުރިހާ ކަމެއްގެ ޚަބަރު އެގޭ ހަދީޖާގެ ކޮއްކޮ އަލިމަނިކު އައީ ބަރާބަރަށް ގެނެސްދެމުންނެވެ. އެއާއެކު ބޭރުގެ ބަޔަކު މާލެ އަރައި ސިފައިންގެއަށް ހަމަލާދީ ބަޔަކު މަރައިލައިފައިވާކަން އެނގުނެވެ.

ހަނގުރާމަވެރިންގެ ނުރައްކާ އެންމެ ބޮޑުވީ ރައީސް މައުމޫނަށާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންނަށެވެ. މީގެ އިތުރުން ސިފައިންގޭގެ ވެރިން ވެސް އެކަމުގެ ތެރޭ ހިމެނުނެވެ.

ނަސްރީނާގެ ބޭބޭފުޅު އިލްޔާސް ސަލާމަތުން ހުންނެވި ޚަބަރު ވީ އެކަމަނާއަށް އެ ނުތަނަވަސް ވަގުތުގައި ލިބުނު ހިތްހަމަޖެހުމަކަށެވެ.

މީގެ އިތުރުން އެ ބޭފުޅުންނަށް އޮތް ނުރައްކާ ކުޑަކުރުމުގެ ގޮތުން ނަސްރީނާ، އެކަމަނާ ހެދުން އަޅުއްވާ ގޮތަށް ބަދަލެއް ގެންނެވިއެވެ. އޭރު ވެސް ހައުސްކޯޓު ތުރުކުރައްވާއިރު އެއީ ރަށު ތެރޭ އެހާ އާންމު ހެދުމެއް ނޫނެވެ.

އެހެންކަމުން ނަސްރީނާ ގުލިސްތާނުގޭ ހަދީޖާގެ އަތުން ބްލައުސްއަކާއި ސްކާޓެއް ހޯއްދެވިއެވެ. އަދި އެ ތުރުކުރެއްވިއެވެ.

"އަޅުގަނޑު ބޭނުމެއް ނުވި އެނދު ތަންދޮށަށް ވަދެ ފިލާފައި އޮއްވާ ބަޔަކު އައިސް އަޅުގަނޑު ނެރެގެން ގެންދަން،" ނަސްރީނާ ވިދާޅުވިއެވެ.

އެ ހާދިސާގެ ތެރެއިން ރައީސް މައުމޫން ގުލިސްތާނުގޭގެ މޭޒުކޮޅު ކައިރީ އިށީނދެވަޑައިގެންނެވި ގޮތަށް ނަމާދުކުރެއްވުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ތެދުވެވަޑައި ވެސް ނުގަންނަވައެވެ.

އޭރު ވެސް ބަޑީގެ އަޑު އިވުނެވެ. ސިފައިންގެ ފާރު ފޫއަޅުވާލި ބާރުގަދަ ގޮވުން ގޮއްވާލި އަޑު ވެސް އިވުނެވެ.

ނަމަވެސް ނޮވެމްބަރު ތިންވަނަ ދުވަހުގެ އިރު އޮއްސުނުފަހުން އެ އަޑުތައް ކެނޑިއްޖެއެވެ. މިސްކިތަކުން ބަންގީގެ އަޑު ވެސް ނީވި އެއް ދުވަސް ދިޔައީއެވެ.

"އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި ވެސް މި ވާހަކައެއް ނާހަން،" އެ ކަމަނާ ވިދާޅުވިއެވެ.

އެރޭ 09:00ހާއިރު އިންޑިއާގެ އެއާފޯސްގެ މަތިންދާ ބޯޓެއް ހުޅުލެއަށް ޖެއްސިއެވެ. އެކަން ނިމިދާނެކަމުގެ އުންމީދުގައި ހުންނަވަނިކޮށް ނަސްރީނާއަށް އަވަހާރަފުޅު ލެއްޕެވުނެވެ.

ދެން ހޭލެވުނީ އިންޑިއާ ސިފައިންގެ އިސް ބޭފުޅަކު މައުމޫނާ ވާހަކަދައްކަވާ އަޑަށެވެ. ސިފައިންގެއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް މައުމޫނަށް ޔަގީންވުމާއެކު އެ ތަނަށް ވަޑައިގަތުމަށް ނިންމެވިއެވެ.

ނޮވެމްބަރު 3 ގެ ބައެއް ފޮޓޯތައް -- ފޮޓޯ/ ޝިރާން، ނާއިންފަރުގެ

އެ ބޭފުޅުން ސިފައިންގެއަށް ދިޔައީ ސެކިއުރިޓީއާއެކު މަޑު ދުވެއްޔެއްގައި ކާރުގައެވެ. އެހެންނަމަވެސް ސިފައިންގެއިން ލިބުނީ ހިތާމަވެރި ޚަބަރެކެވެ. އެއީ މައުމޫންގެ އާއިލާގެ ސެކިއުރިޓީ ބަލަހައްޓަވައި އަރިސް ސެކިއުރިޓީއެއްކަމަށްވާ ޝޭޑީ އާދަމް ނަސީރު ޝަހީދުވި ޚަބަރެވެ.

"އިރުކޮޅަކުން ފެންނަނީ އަޅުގަނޑުގެ ބޭބެ އިލްޔާސް ވައަތާއި ކަނާތު ފައި ބެންޑޭޖުކޮށްފައި ވީލްޗެއާ އެއްގައި އިންދާ. ދެން ހަނދާންވަނީ ހުއްޓައިނުލާ ރުއި ހަނދާން،"

ދެން ހުއްޓައިނުލާ ބޯކޮށް ވާރޭ ވެހުނެވެ.

"އަޅުގަނޑު ހިތަށް އެރީ މި ލޮބުވެތި ފަސްގަނޑަށް އޮހުރުނު ލޭތައް ފޮހެ ސާފުވެގެން ދަނީއޭ،" ނަސްރީނާ ވިދާޅުވިއެވެ.

މިއީ ތާރީޚަށް ޓަކައި ނަސްރީނާ އެ ދުވަހުގެ ވާހަކަތައް ޕޯޑިއަމެއްގައި ހިއްސާކުރެއްވި ފުރަތަމަ ފަހަރެވެ. އެ ދުވަހު އެކަމަނާއަށް ކުރިމަތިލާންޖެހިވަޑައިގެންނެވި ކަންކަން ތަފްސީލްކުރެއްވިއެވެ.

އެމްއާރުއެމް އިން ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްއާރްއެމް

މިއަދު ވެސް އެކަމަނާ އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށެވެ. އެ ދުވަހުގެ ބަތަލުންގެ ހަނދާންތައް އާކޮށްދެއްވުމަށެވެ. އަދި އެ ވަހަކަ ދައްކައި އެ ދުވަސް އިއާދަނުވާނެ ފަދައިން އަމަލުކުރުމަށެވެ.

"ނޮވެމްބަރު ތިނަކަށް ނަސްރުގެ ދުވަހޭ ކިޔުނީ، އަދި ކިއެއްތޯ މިނިވަންކަަން މަތީ މި ދުވަސް ފާހަގަމިކުރެވެނީ ދިވެހީންގެ ބަޔަކު މިކަމަށް ޓަކައި ޖިހާދުކޮށްގެން. އެތައް ބަޔަކު ފުރާނަދީގެން. އެހެންވީމަ މި އަބްތާލުންގެ ގުރުބާނީ އަޅުގަނޑުމެންގެ ހަނދާނުގައި ނުބަހައްޓައިފިނަމަ މީ މި ބަތަލުންނަށް އަދި މުޅި ގައުމަށް ވެސް ކުރެވޭ ވަރަށް ބޮޑު އިހާނަތެއް ދެއްތޯ،" ނަސްރީނާ ވިދާޅުވިއެވެ.

comment ކޮމެންޓް