ސްޓެލްކޯގެ ޗައިލްޑް ކެއާ ސެންޓަރަށް ރައީސްގެ ދެކަނބަލުން ޒިޔަރާތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރަށް ކުރި ޒިޔަރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސްޓެލްކޯއިން މިދިޔަ ބުދަ ދުވަހު ހުޅުވި ޗައިލްޑް ކެއާ ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ޒިޔާރާތްކުރައްވާ، އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު ހުޅުވާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ. އެ ސެންޓަރު ގާއިމްކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައެވެ.

ރައީސްގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރަށް ކުރި ޒިޔަރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ސެންޓަރަކީ އުމުރުން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00އާ ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރެޖިސްޓާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މި ސެންޓަރުގައި ޚިދުމަތް ދޭ މީހުންނަކީ ކަމާގުޅޭ ޚާއްސަ ތަމްރީންތައް ލިބިފައިވާ ގާބިލް މީހުނެވެ. އަދި، މި ސެންޓަރު ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާހައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސްގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރަށް ކުރި ޒިޔަރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ވަނީ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ލިބޭނެގޮތާއި ކޮންމެ ބައްޕައަކަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދީފައެވެ.

ސްޓެލްކޯއިން ބުނީ ޗައިލްޑް ކެއާ ސެންޓަރަކީ ރައީސް ޞާލިޙްގެ ދުރު ވިސްނުންފުޅާއި އިސްނެންގެވުމާ އެއްގޮތަށް، ސްޓެލްކޯގެ މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާހައުލެއް ހޯދައި ދިނުމުގެ ގޮތުން އެ ކުންފުނީގެ މެނޭޖްމެންޓުން ގާއިމްކުރި ތަނެއް ކަމަށެވެ.

comment ކޮމެންޓް