ފުލުހުން މެދުވެރިކޮށް އުސްފަސްގަނޑުގައި ހުރި ވެހިކަލްތައް ނަގާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ދީފިއެވެ.
މާލޭގައި ހުރި މަދު ހުސްބިންތަކުގެ ތެރޭގައި ހިމެނޭ އުސްފަސްގަނޑުގައި ވެހިކަލްތައް ޕާކުކޮށް އެ ސަރަހައްދު ފުރާލާފައިވަނީ ދާދި ފުހުންނެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ސަން'އަށް ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދުގައި ވެހިކަލް ޕާކު ކުރުމަށް ވަގުތީ ހުއްދައެއް ދިނީ މާލޭ ސިޓީ ކައުންސިލުން އެދުމުން ކަމަށެވެ. އެއީ ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން ޖަލްސާ ބޭއްވުމަށް އެތަނުގައި ހުރި ވެހިކަލްތައް ވަގުތީ ގޮތުން އުސްފަސްގަނޑުގައި ޕާކު ކުރުމަށެވެ.
އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް
"އަޅުގަނޑުމެން އެ ހުއްދަ ދިނީ ޕީޕީއެމް ޖަލްސާ ބާއްވާ ދުވަހާއި އިތުރު ދެ ދުވަހަށް އެތަނުގައި ކާރު ޕާކު ކުރުން އެންމެ ރަނގަޅު ކަމަށް," އަކްރަމް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ސިޓީ ކައުންސިލުން އެތަން ހުސްކޮށްދީފަ ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އުސްފަސްގަނޑަކީ މީހުން ހިތްހަމަޖައްސާލައި އަރާމުކޮށްލަން އޮންނަ ހުސް ބިންކޮޅެއްކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ ވެހިކަލްތަކުގެ އިތުރުން މަގުތައް މަރާމާތު ކުރުމަށްފަހު ނަގާފައިހުރި ކުނިބުނި ވެސް އެ ސަރަހައްދަށް ޖަމާކޮށް ތަން ފުރާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން މިދަނީ. ފުލުހުންނަށް އަންގައިގެން އެތަން ހުސްކުރުމުގެ މަސައްކަތް ކުރާނަން," އަކްރަމް ވިދާޅުވިއެވެ.
އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް
އުސްފަސްގަނޑުގައި ވެހިކަލް ޕާކް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެތަނުގައި ކޯން ވެސް ބަހައްޓާފައެވެ. އަދި އެތަނުގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރާނެ ކަމަށް ވެސް އެ ކޯންތަކުގައި ހަރުކޮށްފައިހުރި ލިޔުމުގައިވެއެވެ.
ނަމަވެސް އެ ކޯންތައް ބެހެއްޓިތާ 12 ދުވަސް ފާއިތުވެފައިވާއިރު ވެސް އެ ސަރަހައްދުގައި އަދިވެސް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކް ކޮށްފައި އެބަހުއްޓެވެ. އެކަމަށް ފުލުހުން އަދި މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.